Aniyaaveri kamah govaalaa meehunnah fiyavalhu elhumah Nasheedh govaalahvaifi
image
ރައީސް ނަޝީދު: އެމަނިކުފާނު ވިދާޅުވަނީ އަނިޔާވެރިކަމަށް ގޮވާލާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް -- ފޮޓޯ / ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

އަނިޔާވެރި ކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

މީހުން މެރުމަށާއި އަނިޔާވެރި ކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީހުން މެރުމާއި އަނިޔާވެރި ކަންކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު މިރޭ ފުލުހުންވެސް ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށް ބުނެފައެވެ. އަދި އެފަދައިން ބައެއް ކަންކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ފުލުހުން ބުނީ އެ ރިޕޯޓުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފައި، ފިތުނަ ފަސާދައާ ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކާ ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ އާއްމު ތަންތަނުގައި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާއްމު ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ އެފަދަ ކަންކަން ނުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެމްޑީއެންގެ މައްސަލަ ހޫނުވެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ މި މައްސަލާގައި ޝާމިލުވާ މީހުން މެރުމަށް ގޮވާލަމުންނެވެ. އޭގެތެރެއިން ބައެއް މައްސަލަތައް މިހާރު ފުލުހުން އަންނަނީ ތަހުގީގުވެސް ކުރަމުންނެވެ.
ރައީސް ނަޝީދު
ހިޔާލު