Maaliyyathu Gaanoonaai khilaafah DJA aa Court thakun amalu kuri kan haama vejje
image
ޑީޖޭއޭ ސުޕްރީމް ކޯޓުން ހިންގަމުން ދިޔައިރު އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަބްދުﷲ ސައީދު (ކ) އަދި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ހައިކޯޓުގެ ކުރީގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ ދީދީ (ވ) --
0 ކޮމެންޓް
 

މާލިއްޔަތު ގާނޫނާއި ހިލާފަށް ޑީޖޭއޭއާ ކޯޓުތަކުން އަމަލުކުރިކަން ހާމަވެއްޖެ

މާލިއްޔަތު ގާނޫނާއި ހިލާފަށް ކޯޓުތަކުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އޮޑިޓް ޖެނެރަލްގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އޭރު ހިނގަމުންއައި ތަނެކެވެ.
ދެހާސް ސޯޅަވަނަ އަހަރު، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަމަށްވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަލްއުސްތާޒު އަބްދުﷲ ސައީދުއެވެ. އަދި 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންމެ އިސްވެރިޔަކަށް ހުންނެވީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެއްވި އަލްއުސްތާޒު އަބްދުﷲ ދީދީއެވެ.

އޮޑިޓް ރިޕޯޓްގައިވާ ބުނެފައިވަނީ ޑީޖޭއޭ އިން 2016 ވަނަ އަހަރު ކޮށްފައިވާ ބައެއް ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ދިނުމަށް އެކި ފަހަރުމަތިން އެދުމުން ވެސް އެ ލިޔެކިޔުންތައް އޮޑިޓަރުންނަަށް ދީފައި ނުވާތީ އެ އަހަރު އެ ޑިޕާޓްމަންޓުން ކޮށްފައިވާ 19,596,321 ރުފިޔާގެ ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތާ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށްކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓުން އެ ކޯޓުން ހިންގާ ތީމުގޭގެ އިމާރާތުގެ ދެ ގޭޓްގައި ކަރަންޓް ޖެކް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔައީ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަން ހިމަނާފައި ވެއެވެ. އެއީ 488,321 ރުފިޔާ ހިމެނޭ މަސައްކަތެކެވެ. އަދި ސުޕްރީމް ކޯޓުން ބައެއް މަރާމާތުގެ މަސައްކަތަށް 49,714 ޚަރަދުކޮށްފައިވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އާންމުކޮށް އިއުލާން ކުރުމުގެ ބަދަލުގައި ކޯޓޭޝަން ހޯދައިގެންކަން ވެސް ވަނީ ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓާ، ހައިކޯޓުން 241,857 ޚަރަދު ކޮށްގެން މަސައްކަތްތަކެއް ކުރުވާ އެ މަސައްކަތް ކުރުވި ފަރާތްތަކާއެކު އެއްބަސްވުމެއް ހަދާފައި ނުވުމާއި، ހައިކޯޓުން ބަޔަކާ ހަވާލުކުރި މަސައްކަތެއް ހަމަޖެހިފައިވާ މުއްދަތަށް ނުނިންމުމުން ލަސްވާ ކޮންމެ ދުވަހަކަށް ނަގަންޖެހޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާގެ ތެރެއިން 9,221 ރުފިޔާ ކަނޑާފައިނުވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބައެއް މެޖިސްޓްރޭޓް ކޯޓްތަކުން 185,654 ރުފިޔާގެ ޚިދުމަތާއި، ތަކެތި ހޯދާފައިވާއިރު، އެ ތަކެތި ނުވަތަ ޚިދުމަތް ހޯދި ކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތުމާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން 2016 އަހަރު ކޮށްފައިވާ ދަތުރުތަކަށް 513,794 ޚަރަދުކޮށްފައި ވާއިރު އެއްވެސް ދަތުރެއްގެ ދަތުރު ރިޕޯޓް ހުށައަޅާފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އެންމެ މަތީ ދެ ކޯޓާ، އަދި އެހެން ކޯޓުތަކާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ ބައި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މާލިއްޔަތު ޤާނޫނާއި ޚިލާފަށް އެތައް ޚަރަދެއްކޮށްފައިވާކަން މި ހާމަވީ، ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަދި ޖޭއެސްސީން ފަނޑިޔާރުގެތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އަދި ބޭރުގެ ރިޓަޔަޑް ފަނޑިޔާރެއްގެ އެހީތެރިކަމާއި އެކު ސަރުކާރުން ތައްޔާރުކޮށްފައިވާ ޖުޑިޝަރީގެ ހާލަތާ ގުޅޭ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭކަމަށް ލަފާދެއްވާފައިވަނިކޮށެވެ.
ޝަރުއީ ދާއިރާ
ހިޔާލު