Gulhunthah heenaru vegen nudhanees Screen aai dhurah jehilaa
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގުޅުންތައް ހީނަރުވެގެން ނުދަނީސް ސްކްރީނާ ދުރަށް ޖެހިލާ

އޭރު ޓެކްނޮލޮޖީގެ ބާވަތްތައް އާންމެއް ނޫނެވެ. ސްކޫލުން އަންނަ ގޮތަށް ފިލާވަޅުތައް ނިންމާލާ ހަމަޖެހިލާއިރު ހުންނާނީ ހަވީރުވެފަ އެވެ. ދެން ނުކުންނާނީ ގޭ ކައިރި ކުދިންނާއެކު ސަކަރާތް ޖަހާލާ މަޖާކޮށްލުމަށެވެ. ކޮންމެވެސް ގެއެއްގެ ފަސްފުންޏެއްގައި ފަސް އޮށް ކުޅެން ނޫނީ ބޯޅައެއް ހިފައިގެން މަގު މައްޗަށް ނުކުމެ، ފައިގަތަޅާ އާއި ފުޓްބޯޅައާއި އަދިވެސް އެނޫން ކުޅިވަޅުތައް ކުޅެ މުޅި ހިސާބުގަނޑު ފަސްބަޑި ކޮށްލިޔަސް އޭރު އެެއްޗެކޭ ބުނާނެ މީހަކު ވެސް ނުވާނެ އެވެ. އެއަށް ވުރެ އެންމެން އެކުވެރި އެވެ. ބައި ހަދާލާފައި ގޭގެ ބޮޑެތި މީހުންނަށް ނޭނގި މޫދަށް ދިއުމާއި އަދިވެސް އެތައް ސަކަރާތެއް ޖެހިއިރު އެހަނދާންތައް އާވާނެ ފަދަ ލަކުނުތައް ވެސް ބައެއް މީހުންގެ ގައިގައި ހުންނާނެކަން ޔަގީނެވެ. އެކަމަކު މިއީ ދޭހާހުގެ އަހަރުތަކުގެ ކުރިން އުފަންވި ކުދިންގެ ހަނދާންތަކަކަށް ވެދާނެ އެވެ.
ޒަމާނަށް އައި ކުރިއެރުމާއެކު ޓެކްނޮލޮޖީ ވަރަށް ބޮޑަށް ކުރި އަރައި، ފުރާވަރު ކުދިންނަށް އެފަދަ ތަޖުރިބާތައް ކޮށްލުމަށް ވެސް ފުރުސަތު ނުލިބޭ ހިސާބަށް މިވަނީ ކަންތައްތައް ގޮސްފަ އެވެ. އެ ދުވަހާއި މިއަދުގެ މަންޒަރު ވަރަށް ތަފާތެވެ. މިޒަމާނުގައި މުޅި ހަތަރު ދަމު ދުއްވާލަން ޖެހިފައި މިވަނީ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ އެވެ. ގޭ ތެރޭގައި ހޭދަވާ ވަގުތުތަކުގައި ވެސް ކޮންމެވެސް ސްކްރީނަކަށް ބަލަހައްޓައިގެންނެވެ. ރައްޓެހިންނާއެކު ކޮފީ މޭޒަށް އަރާ ވަގުތު ވެސް ހަމަ ފޯނުން ކޮންމެވެސް ކަމެއްގަ އެވެ. ކައިރީގައި މީހަކު އިންކަން ގިނަ ފަހަރަށް އިހުސާސް ކުރެވޭނީ ފޯނުން ކުރާ ކަމެއްކޮށް ނިމުމުންނެވެ.

ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ހާލަތުވެސް ހަމަ އެކަހަލަ ގޮތެކެވެ. ސްކޫލުން އަންނަ ގޮތަށް ލެޕްޓޮޕް އުނގަށް ލައިގެން އިނދެ ކޮންމެވެސް ގޭމެއް ކުޅުމުގައި އަވަދި ނެތި އެވެ. ކިޔެވުމަށް ދޭންޖެހޭ ހާއްސަ ސަމާލުކަން ވެސް މި ކަންކަމުގެ ސަބަބުން ރަނގަޅަކަށް ނުދެވެ އެވެ.

ހަމަ އެގޮތަށް ކުޑަ ކުއްޖަކު އުޅޭނަމަ ނުވަތަ އެކުއްޖާގެ އުނދަގޫ މާބޮޑު ވެއްޖެނަމަ ވެސް ގިނަ ފަހަރަށް ދިއްކޮށްލާނީ ފޯނެވެ. ނުވަތަ ކޮންމެވެސް ކާޓޫނެއް ނޫނީ ލަވައެއް އަޅުވައިދީފަ، އެކުއްޖާ ދެން އުޅޭ ނޫޅޭގޮތް ބަލާލާނެ މީހަކު ވެސް ގިނަ ފަހަރަށް ނުހުރެ އެވެ.

ޓީވީ އާއި ފޯނުން ހަމައެކަނި އެއެއްޗެހި ދެއްކުމުގެ ބަދަލުގައި ކުއްޖާ ވަށައިގެންވާ މާހައުލުން އެކުއްޖާ އަށް ތަކެތި ދަސްކޮށްދޭން ޖެހެ އެވެ. ކުޑަކުދިންގެ ސައިކޭޓްރިސްޓުން ބުނާ ގޮތުގައި ކުއްޖާގެ ސިކުނޑި ތަރައްގީ ވާނީ އެކުދިން ކުޅޭ އެއްޗެހީގައި އަތްލާ ދިރާސާތައް ކުރަން އުޅުމުންނެވެ. ކުދިން އެއްޗެހީގައި އަތްނުލައި އިހުސާސް ނުކޮށް އެކުދިންގެ ސިކުނޑި ތަރައްގީއެއް ނުވާނެ ކަމަށް އެމީހުން ބުނެ އެވެ. އެހެންކަމުން ސްކްރީނުން ބަލަނީ އެޑިޔުކޭޝަނަލް ޕްރޮގްރާމަކަށް ވިޔަސް އެކަމުގެ އަސަރު އެހާ ރަނގަޅަކަށް ނުކުރާނެ އެވެ. އަޑު އަހައިގެން ނަމްބަރުތައް ކިޔަން ދަސްވި ނަމަވެސް ނަމްބަރުތައް ދައްކަން ބުނާ ހިސާބުން އެކުދިންނަށް އޮޅެ އެވެ. އޭގެ ބަދަލުގައި ކުއްޖާ އަތަށް ދީގެން ކައިރީގައި ބައިންދައިގެން ކިޔައިދިނުމުން ނަގައިގަންނަން އެކުދިންނަށް ވެސް ފަސޭހަވެ އެވެ.

ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންގެ އަތުގައި ވެސް ޑިޖިޓަލް ސްކްރީނެއް ޖެހުމުން އެމީހުންގެ ވަށައިގެންވާ މާހައުލާ ވަކިވެ އެވެ. ކައިރީގައި ކިތަންމެ ބޮޑު ކަމެއް ހިނގިޔަސް ނުވަތަ މީހުން ވާހަކަ ދެއްކިޔަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނެ އެވެ. އެންމެ ފަހުން ކައިރީ ހުންނަ މީހާ އަމިއްލައަށް ވާހަކަ ދައްކާ ވާޅުވެގެންދާނީ އެވެ. ދިވެހިންގެ ހާލަކީ ވެސް ގާތްގަނޑަކަށް މިއީ އެވެ. އެހާ ބޮޑަށް ސްކްރީނުގެ ތެރެއަށް މީހާ ވެއްޓި ދޭދޭ ގުޅުންތަކަށް އޭނގެ ނޭދެވޭ އަސަރު ކުރަން ފަށައިފި އެވެ.

އާއިލާ އާއި އެކުވެރިން ވަކިވެ ނުދަނީސް ސްކްރީނާ ދުރަށްދޭ!

ވިމެން ހެލްތު ސެންޓަރުގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ހައްވާ ލީޝާ، ސީއެންއެމްއަށް ވިދާޅުވީ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން އެންމެން ވެސް އުޅެމުން އަންނަނީ ވަރަށް ބުރަކޮށް ކަމަށާއި އެގޮތަށް އުޅޭ އުޅުމުގައި މީހާ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމަށެވެ.

"މީހާ ސްޓްރެސްވެ ވަރަށް އަވަހަށް ކަންތައްތަކާއި ހާސްވެ ކަންބޮޑުވާން ޖެހޭ ހާލަތަށް އާދެ. ރައްޓެހިން ނުވަތަ އާއިލާ މީހުން ނުވަތަ އޮފީހުގެ މާހާއުލުގައި ދިމާވާ މީހުން ގާތު މިކަންތައްތައް ޝެއާކޮށްލުމުން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭ،" ލީޝާ ވިދާޅުވި އެވެ.

އެގޮތަށް އެކަން ކުރަން ޖެހުނަސް މިހާރު ގިނަ މީހުން އުޅެނީ ސްމާޓް ފޯނެއް ހިފައިގެން ކަމަށާއި ނޫންނަމަ 24 ގަޑިއިރު ޓީވީއަށް ގެއްލިފައި ކަމަށް ލީޝާ ވިދާޅުވި އެވެ. އަދި ފޯނަކީ ދުރުގައި ތިބޭ މީހުންނާއި ގާތްކޮށްދޭ އެއްޗެއް ނަމަވެސް ކައިރީގައި ތިބޭ އެންމެ މުހިއްމު މީހުންނާ ދުރުކޮށްލާ އެއްޗެއްކަން ވެސް ފާހަގަކުރެއްވި އެވެ.

"ވަގުތުދީ އަޅާލަންޖެހޭ އަނބި ފިރިން ނުވަތަ ދަރިންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވި މުޅިން އެހެން ބައެއްގެ ދިރިއުޅުމުގެ ކަންތައްތައް ހޯދާ ބެލުން ނުވަތަ އެހެން މީހުންނާ ޗެޓުކޮށްލަން ވަގުތުތައް ބޭކާރުވެގެންދޭ،"

އޭގެ އިތުރުން ލީޝާ ވިދާޅުވީ ރައްޓެހިންނާއި އާއިލާ މީހުންނާއެކު ގުޅުން ބަދަހިކުރުމަށް ފޯނު ފަދަ ތަކެއްޗަކީ ރަނގަޅު ކުރިއެރުމެއް ނަމަވެސް ކޮންމެ މީހެއްގެ ޕާސަނަލް ސްޕޭސް ކަނޑައްތުކޮށް ފޯނަކީ އެއަށް އެޑިކްޓްވާ އެއްޗެއްގެ ސިފަޔަށް ބަދަލުވުމުން އާއިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެގޮތުން ދެމަފިރިންގެ މެދުގައި ވާހަކަތައް ހިއްސާކޮށް އެކަކު އަނެކަކަށް ވާހަކަ ދެއްކުން ހުއްޓިގެންދެ އެވެ. އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވާ ލީޝާ ވިދާޅުވީ ގިނަ ވަގުތު ސްކްރީނުގައި ހޭދަކުރާނަމަ ކައިވެންޏެއްގައި ލިބެން ޖެހޭ ލޯތްބާ އަޅާލުމުގެ ހުރަހަކަށް ޓީވީ ނުވަތަ ފޯނު ވެގެން ހިނގައިދާނެ ކަމަށެވެ.

ލީޝާ ވަނީ ޒުވާނުންގެ މެދުގައި ވެސް ސްކްރީނުގައި ހޭދަކުރާ ވަގުތު އިތުރުކަން ފާހަގަކޮށް އެގޮތަށް ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި ކަސްރަތުކޮށްލާއި އިތުރު ހުނަރެއް ދަސް ކުރުމަށް ނުވަތަ މީހުންގެ ތެރެއަށް ނިކުމެލުމަށް ނަސޭހަތްތެރިވެފަ އެވެ.

"މީގެ އިތުރުން ކުދިންގެ އުމުރާ ނުގުޅޭ މަންޒަރު ފެނުމާއި ޒުވާން ކުދިންނަށް އޮޅުވާލައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަން އުޅޭ މީހުން ވެސް މަދެއް ނޫން،" ސޯޝަލްމީޑިއާގެ ނުރައްކާ ބައެއް ފަހަރު ދިމާވާކަން ފާހަގަކުރައްވަމުން ލީޝާ ވިދާޅުވި އެވެ.

ހަމަައެއާއެކު، ކުޑަކުދިންނަކީ މައި މީހާގެ ބަނޑުގައި އޮންނައިރުވެސް އިވޭ އަޑުތަކަށް ސަމާލުކަން ދޭ ބައެއް ކަމަށާއި ވިހެއުމަށް ފަހު ވެސް ދެ ތިން މަސް ވުމުން، އަޑު ލައްވާ، މައިމީހާ ނުވަތަ ވަށައިގެންވާ މީހުން ދައްކާ ވާހަކައަށް ސަމާލުކަންދީ އެގޮތް ދަސްކުރާ ކަމަށް ލީޝާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެކުދިންނާ ގިނައިން ވާހަކަ ދައްކާ، ފޮތް ކިޔައިދީ އަދި އެކުދިންނާއެކު ކުޅެއުޅުމުން ކުދިންގެ ވިސްނުން ތޫނުވެ އަވަހަށް ވާހަކަ ދައްކާކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ އާދަތައް އަށަގެންނެވުމުގައި ބަދަލުގައި ކުއްޖާ ތުއްތުއިރު ސްކްރީން ދައްކާނަމަ އެކުދިން ވާހަކަ ދެއްކުން ލަސްވާ ކަމަށާއި މީހުންނާއި މުއާމަލާތް ކުރަން ނޭނގުމުގެ އިތުރުން ކާޓޫނު ފަދަ އެކުދިން ބަލާ އެއްޗަކާ އެއް ރާގެއްގައި ބަސްތައް ކިޔަން ފަށާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރު އެބަ ފެނޭ ކިއު އެއްޗެހީގައި މަޑުކުރާއިރު ނުވަތަ ރެސްޓޯރެންޓް ފަދަ ތަންތަނުން ކާއެއްޗެހި އަންނަދެން ވެސް އެވަގުތުކޮޅުގައި ވެސް ސްކްރީން ދައްކާ ތަން. މިގޮތަަށް ކަންތައް ކުރީމަ ކުދިންނަށް ކެތްތެރިކަން ނުވަތަ ކަންކަމާ ކުރިމަތިލާން ފަސްޖެހޭ. ކުޑަކުދިންނަށް ގިނައިން ވާހަކަ ދެއްކުމާއި އެކުދިން ގޮވައިގެން ބޭރަށް ނިކުމެލުން ވަރަށް މުހިއްމު އެކުދިން ވިސްނުން ތޫނު ކުދިންތަކެއްގެ ގޮތުގައި ބޮޑުކުރަން،" ލީޝާ ވިދާޅުވި އެވެ.

މިސަބަބުތަކާ ހުރެ ލީޝާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް ސްކްރީނާ ދުރުގައި ވަގުތު ހޭދަކުރުން މުހިއްމު ކަމަށެވެ. އަދި ފަސް އަހަރަށް ވުރެ ކުޑަ ކުއްޖެއްނަމަ އެކުއްޖާ ސްކްރީނުގައި ހޭދަކުރާ ވަގުތަކީ 30 މިނެޓަށް ވުރެ މަދު ވަގުތުކޮޅަކަށް ހަދަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"ސްކްރީން ޓައިމް ދޭއިރު ވެސް ޕޭރަންޓްސް މޮނިޓަ އެބަ ކުރަން ޖެހޭ، ބޭނުންވަނީ އެކަކު އަނެކަކުގެ ވާހަކަތައް ކަނުލާ އަޑުއަހާލާނެ ވަގުތުކޮޅެއް. ތިމާއަކީ ވެސް މުހިއްމު މީހެއްކަމުގައި އިހުސާސް ގިނަ ފަހަރަށް ވާނީ އެހެން މީހުން ތިމާއަށްދޭ އިހުތިރާމުން،" ލީޝާ ވިދާޅުވި އެވެ.

ލީޝާގެ ވާހަކަތަކުން ވެސް އެނގިގެން ދަނީ ސްކްރީނުގެ ސަބަބުން ގުޅުންތައް ހީނަރުވަމުން އަންނަ ކަމެވެ. ގާތް އެކުވެރިންނަކީ "ދުރު" މީހުންނަށް ވުމުގެ ކުރިން ނުވަތަ އާއިލާ ރޫޅުމުގެ ކުރިން ސްކްރީނާ އަހަރެމެންނާ ދެމެދު އޮތް ގުޅުން ދުރުކޮށްލަން ޖެހިއްޖެ ކަމެވެ. ފޯނުތައް ޖީބަށްލާ ގާތް މީހުންނާއެކު އެ ހޭދަކޮށްލާ ވަގުތަކީ މީހާގެ ސިކުނޑިއަށް ހިތްހަމަޖެހުމެއް ލިބޭނެ ފަދަ ބޭނުންތެރި ވަގުތު ކޮޅަކަށް ހަދަން ޖެހިއްޖެ ކަމެވެ.
ޒުވާނުން ކުޑަކުދިން
ހިޔާލު