Adheeb ah kuraa hiyaanaathuge dhauva thakuge aduehunthah TV in live kuran edhivadaigenfi
image
އަހްމަދު އަދީބް
0 ކޮމެންޓް
 

އަދީބާ ގުޅޭ ހިޔާނާތުގެ ޝަރީއަތްތައް ޓީވީން ލައިވްކުރަން އެދިވަޑައިގެންފި

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ ތަކުން ލައިވްކޮށްގެން ކުރިއަށް ގެންގޮސް ދެއްވުމަށް އަދީބް އެދިވަޑައިގެންފި އެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަދީބްގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތުން އެންމެ ފަހުން އަދީބްގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ހުޅުވާލައިގެން އަދި ޓީވީތަކުން ލައިވްކުރާ ގޮތަށް ކުރިއަށް ގެންގޮސްދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.

މިކަމާ ގުޅޭ ސިޓީ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އަދި ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް މަހްފޫޒު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމުގައިވެސް އަދީބް މީގެކުރިން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ގޮތާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އަދީބް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ ކަމަށާއި އަދި އެކަންކަން ކުރައްވާފައިވަނީ ރައީސް ޔާމީން އެންގެވި ގޮތަށް އެމަނިކުފާނަށް އެނގިވަޑައިގެން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައުލޫމާތުތައް އަދީބް ވަނީ ފުލުހުންގެ ތަހުގީގަށް ވެސް ވަރަށް ތަފްސީލްކޮށް ހިއްސާކުރައްވާފައި ކަމަށް އަދީބްގެ ގާނޫނީ ޓީމުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ދިވެހި ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިނާޔާތަށްވާއިރު މިކަމުގައި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ހިޔާލު