Menifesto thanfeezu kuran huras alhaa Party thah Coalition in beyru kuran govaalaifi
image
ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު --
0 ކޮމެންޓް
 

ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުރަސް އަޅާ ކޯލިޝަން ޕާޓީއެއް ހުރިނަމަ އެޕާޓީއެއް ބޭރުކުރަން ގޮވާލައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުރަސް އަޅާ ޕާޓީއެއް ކޯލިޝަންގެ ތެރޭގައި އޮތްނަމަ އެ ޕާޓީއެއް ބޭރު ކޮށްގެންވެސް މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިއްމު ވައުދު ކަމަށްވާ އިންސާފު ގާއިމް ކުރުމުގެ ވައުދު ފުއްދައި ދޭންޖެހޭ ކަމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ނަން ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މިއަދު ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހަސަން އަފީފު ވިދާޅުވީ އިންސާފު ގާއިމް ކުރެވޭނީ ތަހުގީގު ކުރަން ތިބި މީހުންނަކީ ނަޒާހާތްތެރި ބަޔަކަށް ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް އެ ފައިސާގައި ޖެހިފައި ތިބި ބަޔަކު ތިބި ކަމަށްވާނަމަ އެފަދަ މީހުން ވަގުތުން އެ މުއައްސަސާތަކުން ބޭރު ކުރަން ޖެހޭ ކަމަށެވެ.

"މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރަން ހުރަސް އަޅާ ވަޒީރަކު ހުރެއްޖިއްޔާ ހުރަސް އަޅާ ޕާޓީއެއް ހުރެއްޖިއްޔާ އެޕާޓީއެއްވެސް ވީ މި ސަރުކާރުން ބޭރުކުރަން. އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެކި ގޮތް ގޮތުން މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުރަސް އަޅާތަން. މިހެންވެގެން އަޅުގަނޑުމެންނަކަށް މިކަން ކަމެއް ނުކުރެވޭނެ،"

މި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ވިދާޅުވީ 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ދިވެހި ރައްޔިތުންނާއި ހުދު އެމަނިކުފާނުވެސް މި ސަރުކާރު ގެނައުމަށް ވޯޓު ދެއްވީ ބްރިޖެއް އަޅާ މަގެއް ހަދާ ނުވަތަ އުމްރާނީ ތަރައްގީއެއް ގެންނާކަށް ނޫން ކަމަށާއި ހަމައެކަނި އިންސާފު ގާއިމް ކުރުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު ވައުދަކީ އިންތިގާލީ އިންސާފު ކަމަށް ވިދާޅުވެ މީކާއީލް ވިދާޅުވީ ރައީސް ސޯލިހުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ އެތަކެއް އަހަރުތަކެއް ވަންދެން އިންސާފަށް އެދި ތިބި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުން ކަމަށެވެ.

ނަމަވެސް އޭނާ ވަނީ އެކަން އެގޮތަށް ހިނގަމުން ނުދާތީ އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތުން އެކަމާ ކަންބޮޑުވެ ލަދުގަންނަ ކަމަށް ވިދާޅުވެފައެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ދިވެހި ރައްޔިތުން އަޣުލަބިއްޔަތު ދިން އެންމެ ސަބަބަކީ ދައުލަތުގެ ހާޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ދެނެގަނެ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

އެގޮތުން މި ކަންކަމުގައި ބައިވެރިވެފައިވާ ފަރާތްތަކާއި އަދި ޝާމިލްވާ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ދިވެހި ރައްޔިތުން ކެތްމަދުވެފައިވާ ކަމަށާއި، މި ފަރާތްތަކުގެ ނަންތައް ހާމަކޮށް ފިޔަވަޅު އެޅުމަށް ހަސަން ވަނީ ސަރުކާރައް ގޮވާލާފައެވެ.
މަޖިލިސް 2019
ހިޔާލު