High Court ge fandiyaaru kamah kurimathilumah 12 beyfulhaku kurimathi lavvaifi
image
ހައި ކޯޓު
0 ކޮމެންޓް
 

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 12 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހު އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި ސީނިއާ ބައެއް ވަކީލުން ވެސް ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލައްވާފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބިގެންދާނެ އެވެ.

ހައިކޯޓުތަކުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަން ޖެހެނީ 11 ބޭފުޅުންނެވެ. ހައިކޯޓުގެ ފަނޑިޔާރުން މިހާރު ގެންދަވަނީ ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮތްޕަށް ދަތުރުކުރައްވައިގެން މައްސަލަތައް ނިންމަވަމުންނެވެ.
ހިޔާލު