UAE ge Embassy eh Raajjey gai hulhuvan mashvaraa kohfi
/
image
ޔޫއޭއީގެ ސަފީރު ރާއްޖޭގެ ނައިބް ރައީސާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ)އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ސައީދު މުހައްމަދު އަލީ އަލްޝަމްސީ، ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ހުޅުވިގެން ދިއުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަ ކުރައްވައި އެމްބަސީ ހުޅުވުމަށް ކުރާ މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް ޔޫއޭއީގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރާކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ގާއިމުކުރާ އެ ގައުމުގެ އެމްބަސީގެ މަސައްކަތް ފެށިގެން ދިއުމާއެކު ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ވައިގެ އުދުހުންތަކުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެކަމުގެ މަންފާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ ޚިދުމަތްތަކުގައި މާލެއާއި އަތޮޅު ތެރޭގައި އޮތް ފަރަގު ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައްޔިތުންގެ މެދުގައި ކުލުނާއި ލޯބި އާލާކޮށް، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ލޯތްބާއެކު ކަންކުރުމުގެ ސަގާފަތެއް އާލާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. މިގޮތުން އުމުރުން ދުވަސްވީ ފަރާތްތައް ބަލަހައްޓާ މަރުކަޒެއް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާފަ އެވެ.

ރާއްޖޭގައި ޔޫއޭއީގެ އެމްބަސީއެއް ހުޅުވުމަށް މަޝްވަރާކުރައްވާފައިވާއިރު ޔޫއޭއީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައި ހުރެ އެވެ.
ހިޔާލު