Gulhifalhu hikkan bidakaa nulaa Boskalis ah dhin massala majileehun balanee
image
ގުޅިފަޅު
1 ކޮމެންޓް
 

ގުޅީފަޅު ހިއްކަން ބިޑަކާ ނުލާ ބޮސްކާލިސްއަށް ދިން މައްސަލަ މަޖިލީހުން ބަލަނީ

ގުޅިފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް ބިޑަކާ ނުލައި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަށް ދިން މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިމައްސަލަ ބެލުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

ކޮމިޓީން މިއަދު ވަނީ މިމައްސަލަ ބެލުމަށްޓަކައި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ކޮމިޓީއާ ހިއްސާކުރުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އެންގުމަށް ނިންމާފަ އެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއަށް ހަވާލުކޮށްފައިވަނީ 53 މިލިއަން ޑޮލަރަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ބިޑް ނުކޮށް ބައެއް މަޝްރޫއުތައް ބައެއް ކުންފުނިތަކާ ހަވާލުކުރަނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން ކަމަށެވެ. މިއުސޫލުގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާނީ އެ މަޝްރޫއެއް ހިންގަން މާލީ ގޮތުންނާއި ފަންނީ ގޮތުން އެންމެ ގާބިލް ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލިއްޔަތު ގަވައިދުގައި ބުނެފައިވަނީ ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ ކަމަށެވެ. ނަމަވެސް މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރާ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.
ހިޔާލު

ކޮލެޖު ބޯއި

އެހެންވީމަ ޔާމީނުވެސް ރަނގަޅުވީތާ. ދެން ފަހެ އިތުރު ވާހަކައެއް ދެއްކެން އޮންނާނެތަ؟