Bidheysee teacher aku dharivarun thakakah jinsee goanaa kuri massalaeh balanee
image
0 ކޮމެންޓް
 

ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުންދަނީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާ ގުޅިގެން ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ހިނގަމުންދާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ޓީޗަރުގެ މައްސަލަ ފެންމަތިވުމުން ބައެއް ބެލެނިވެރިން މިއަދު ވަނީ ބިދޭސީ ޓީޗަރު ހުންނަ ގޭގެ ކުރިމަތީގައި ނުރުހުން ފާޅުކޮށްފަ އެވެ.

ބިދޭސީ ޓީޗަރު، ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވި ނަމަވެސް އޭނާ ހައްޔަރުކުރި ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވަމުންދެ އެވެ. މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ ބުނަމުންނެވެ.
ހިޔާލު