Gulhifalhu bin hikkun bidheyseenah: 817 million Rufiyaa hulhangah!
image
ބޮސްކާލިސް ކުންފުނިން ރާއްޖޭގެ ރަށެއްގެ ފަޅު ހިއްކަނީ: ފައިލް ފޮޓޯ ރައީސް އޮފީސް
3 ކޮމެންޓް
 

ގުޅީފަޅު ބިން ހިއްކުން ބިދޭސީންނަށް: 817 މިލިއަން ރުފިޔާ ހުޅަނގަށް!

އަދުގެ ދިވެހި ސަރުކާރުގެ އަމާޒަކީ "ނޫ އިގްތިސާދެއް" ގާއިމްކޮށް ރައްޔިތުންނަށް "ތާހިރު ދިރިއުޅުމެއް" ހޯދައި ދިނުމެވެ. ނަ،މަވެސް، އަންގާރަ ދުވަހު ޑެންމާކުގެ ބޮސްކާލިސް ވެސްޓު މިނިސްޓާސް ކުންފުންޏާ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ގުޅީފަޅުގެ ބިންހިއްކާ ތޮށިލުމަށް ހަވާލުކުރުން ވެގެން ދިޔައީ ގިނަބަޔަކަށް ސަރުކާރުން ޕްރޮމޯޓު ކުރަމުން ދިޔަ "ނޫ އިގްތިސާދާ" މެދު ސުވާލު އުފެދުނުކަމަށެވެ.
މި މައްސަލައިގައި އެންމެ ކަންބޮޑުވުން ރާއްޖޭގެ ކުންފުނިތަކަށް ކުރެވެން އޮތް ކަމެއްގައި މިހާ ގިނައަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވާ މައްސަލައިގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާކީ، 'ޒީރޯ ޓޮލަރެންސް ޓު ކަރަޕްޝަން' ގެ ޝިއާރު ފާޅުކޮށް އެ މަގަށް ވެރިކަން ހިންގުމަށް މަސައްކަތް ކުރާ ސަރުކާރެކެވެ. ކަރަޕްޝަން މަދު ކުރުމުގެ އެންމެ މައިގަނޑު އަސާސަކީ ވެސް ދިވެހި ދައުލަތަށް މާލީ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމެވެ.

ގައުމުން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތައް:

1. މަނީ ލޯންޑަރިން ހުއްޓުވުމުގެ ބޭނުމަކީވެސް ދައުލަތަށް ޓެކުސް ނުދައްކައި އަނދިރި މާކެޓުތަކުގައި ކުރާ ވިޔަފާރިތައް ހުއްޓުވާލުމެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމުވެ.

2. ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން ރެގިއުލައިޒް ކުރަނީވެސް ދިވެހި ދައުލަތައް ވިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއެކު އެމީހުން މަސައްކަތްކޮށްގެން ދިވެހިރާއްޖެއިން ބޭރުކާ ފައިސާ އަށް ދައުލަތަށް ނަގަންޖެހޭ ޓެކުސްތައް ނަގަމުން ގެންގޮސް ދައުލަތުގެ މާލީ މަންފާ އިތުރުކުރުމެވެ.

3. އެންމެ ކުޑައުޖޫރަ ކަނަޑެޅުމުގެ ވެސް މައިގަނޑު އަސާސަކީ ބިދޭސީންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ހަނިކޮށް ގައުމުގައި އެ ފައިސާ ދައުރުވާނެ ނިޒާމެއް ގާއިމް ކުރުމަށް ބާރުއެޅުމެވެ.

4. ބައެއް ވަޒީފާތައް ހަމައެކަނި ދިވެހިންނަށް އަދާކުރާ ވަޒީފާތަކަށް ބަދަލުކުރުމުގެ ބޭނުމަކީވެސް އެ ފައިސާ ދިވެހިރާއްޖެއިން ބޭރުނުވާނެ ނިޒާމެއް ގާއިމް ކުރުމެވެ.

މަތީގައި ދެންނެވުނުފަދަ އެތައް ކަމެއް ސަރުކާރުން ބައްޓަން ކުރަމުން ގެންދަނީ ދިވެހި އިގްތިސާދަށް އޭގެ ފައިދާ އިތުރު ކުރުމުގެ ގޮތުންނެވެ.

ނަމަވެސް ބޮސްކާލިސްއާ ހަވާލުކުރުމުން މަތީގައި ދެންނެވުނު ފަދަ އެތައް ސިޔާސާތުތަކާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ.

ސަބަބަކީ ބިން ހިއްކުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ދިވެހި ކުންފުނިތަކުން ވެސް ކުރަމުން އައިކަމެކެވެ. އެފަދަ މަސައްކަތެއް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ ސްޕީޑެވެ.



ގުޅީފަޅުގެ ބިން ހިއްކުން އަވަސް ކުރުން މިހިންމުތަ؟

ގުޅީފަޅުގެ ބިން ހިއްކުން 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު ސީއެންއެމްއަށް ވިދާޅުވެފައިވަނީ އެމްޓީސީސީއަށް ގުޅީފަޅުގެ ބިން ހިއްކުމަށް އެކަނިވެސް މަދުވެގެން 500 ދުވަސް ހޭދަވާނެކަމަށެވެ.

މިހެންކަމުން އުފެދޭ ސުވާލަކީ ބޮސްކާލިސް އިން 180 ދުވަހުގެ ތެރޭގައި ބިންހިއްކައި ނިމޭގޮތަށް އެތަނުގައި އަވަހަށް ނިންމޭނެ ހައުސިން ޕްރޮޖެކްޓުތަކެއް ފަދަ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ހިންގުމަށް ނިންމާފައިވަނީތޯއެވެ؟ ބޮސްކާލިސް އިން ބިން ހިއްކާއި ނިމޭތަނުން ޕްރޮޖެކްޓުތަކެއް ފަށަނީތޯއެވެ؟

ކުރިއަށް އޮތް 180 ދުވަހުގެ ތެރޭގައި މިފަދަ ޕްރޮޖެކްޓެއް ގުޅީފަޅުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަން އަދި ހާމައެއް ނުކުރެއެވެ.

މާލޭގެ ވިޔަފާރި ބަނދަރާއި ބައެއް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް މި މަސައްކަތްތައްވެސް ކުރާނެ ގޮތަކާއި ތާރީހު އަދި ސާފެއް ނުވެއެވެ.

ވީއިރު 817 މިލިއަން ރުފިޔާ ރާއްޖެއިން ބޭރުގެ ބަޔަކަށް ތަބަކަށް ލާފައި ދިނުމަކީ ދިވެހިންގެ ހިތައް ނުހަނު އަސަރުކުރާނެކަމެކެވެ.

ސަރުކާރުގެ ސްޕީޑު އަވަސް ކުރަން ބޭނުން ނަމަ ކުރެވިދާނެ ކިތަންމެ މަސައްކަތެއް މަޖިލީހާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި އެބަހުއްޓެވެ. މިސާލަކަށް އިންކަމް ޓެކުހުގެ ބިލާއި، މިނިމަން ވޭޖުގެ ބިލު އަވަހަށް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އަވަހަށް ނިންމަންވީއެވެ.

ސަރުކާރުގެ ސްޕީޑު އަވަސްކުރަންވީ ދިވެހިންގެ ފައިސާކޮޅު ރާއްޖެއިން ބޭރަށް ފޮނުވުމަކަށް ނޫނެވެ. ސްޕީޑު އަވަސްކުރަންވީ ދިވެހިންނަށް މަންފާއާއި ފައިދާ ހުރިކަންކަމުގައެވެ.

ބިދޭސީންނަކީ "ބަންގާޅު" މީހުން އެކަންޏެއް ނޫނެވެ. ޔޫރަޕު މީހަކަށް ވާނީ ހަމަ ބިދޭސީއަކަށެވެ. ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާ ރާޢްޖޭގައި ބެހެއްޓެން އޮއްވާ ބިދޭސީންނަށް ދިނުން އެއްގޮތަކަށް ވެސް "ކޫލް" އެއް ނޫނެވެ.

ހިޔާލު

މަހުދީ

ޖަރީމާ އެކި ކަހަލަ ނަންނަމުގައި. ރައްޔަތުން ބޮލުގައި ތެއްގޯނި.

ދސދފސ

ދެންވެސް ކިޔާބަ ކުރީގެ ސަރުކާރޭ. ހަގީގަތަކީ މިސަރުކާރު މާ ނުކުޅެދޭ އެހާމެ ގޮތްކުޑަ. ކުރިން ދިވެހި ކުންފުނިތަކަށް މަސައްކަތް ނުދީގެން ރުއި މީހުންތައް މިއަދު މިދެނީ ބޭރުގެ އެކުވެރި މީހުނަށް އަގުބޮޑުބޮޑުކޮށް ކަޓުލާފަ އަމިއްލަޖީބަށް ބައިއެޅޭގޮތަށް. ބޮސްކާލިސް އަކީ މިސަރުކާރަށް ބަލަދު އަރާފައޮތް ބައެއްވީމަ ވާނެ އެހެންވެސް.

ކިމްސް

ދެންވެސް ކިޔާބަ ކުރީގެ ސަރުކާރޭ. ހަގީގަތަކީ މިސަރުކާރު މާ ނުކުޅެދޭ އެހާމެ ގޮތްކުޑަ. ކުރިން ދިވެހި ކުންފުނިތަކަށް މަސައްކަތް ނުދީގެން ރުއި މީހުންތައް މިއަދު މިދެނީ ބޭރުގެ އެކުވެރި މީހުނަށް އަގުބޮޑުބޮޑުކޮށް ކަޓުލާފަ އަމިއްލަޖީބަށް ބައިއެޅޭގޮތަށް. ބޮސްކާލިސް އަކީ މިސަރުކާރަށް ބަލަދު އަރާފައޮތް ބައެއްވީމަ ވާނެ އެހެންވެސް.