Bodu khiyaanaathugai Shaamiluvaa fandiyaarunge massalla balanee
image
ފަނޑިޔާރުންތަކެއް --
0 ކޮމެންޓް
 

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމައިފި

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެެރުނު ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން އެ ކޮމިޝަންގެ ޖަލްސާގައި މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުންނާއި އެކަމާ ގުޅޭ ހެކިތައް އެ ކޮމިޝަނަށް ހޯދަން ކަމާބެހޭ ފަރާތްތަކުގައި އެދުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީން މިގޮތަށް ބުނެފައިވާއިރު ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އެއްވެސް ފަނޑިޔާރަކަށް ޖިނާއީ ތުހުމަތެއް ކުރެވިއްޖެ ކަމަށްވާނަމަ އެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެމީހުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި މެދު އާއްމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރުގައި ކަމަށެވެ. އެހެން އެކަން އޮތްއިރު މި މަހުގެ 19ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މިވަގުތު ފަނޑިޔާރު ކަމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް ޕީޖީ ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ކަމަށްވާ ނަމަ ކަމާބެހޭ އިދާރާތަކުން އެކަމެއް ބަލާ ތަހުގީގުކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ،" ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާއި މެދު ސުވާލެއް އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ފަނޑިޔާރުންނަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގައި އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ އޮޑިޓު ރިޕޯޓުގައި ހުރި ކަންކަމާއި ގުޅޭ ގޮތުން ޕީޖީ ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި އެކަމަނާ ވަނީ ރައްޔިތުން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި އަދި މި ސަރުކާރަށް ނިސްބަތްވާ ވަޒީރުންގެ އިތުރުން ފަނޑިޔާރުންވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވެމުންދާ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ހިޔާލު