Jaluthakuge asaasee sharuthutha gazette kuranee
image
އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު (ދޮނާ): ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި
0 ކޮމެންޓް
 

ޖަލުތަކުގެ އަސާސީ ޝަރުތުތައް ގެޒެޓު ކުރަނީ

ޖަލުތަކުގެ އަސާސީ ޝަރުތުތައް ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެކަމަށް އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު (ދޮނާ) ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދޮނާ ވިދާޅުވީ، ޖަލުތަކުގެ އަސާސީ ޝަރުތު ކަނޑައެޅުމަކީ ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން، އިނިސްޕެކްޓާ އޮފް ޕިރިޒަންސްގެ މަސްއޫލިއްޔަތެއްކަމަށެވެ. ނަމަވެސް އެ ގާނޫނު ވުޖޫދަށް އައިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، އެ ޝަރުތުތައް ކަނޑައަޅާފައިނުވާކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި، މިގޮތުން އެ ޝަތުރުތަކުގެ ފަސްޓް ޑްރާފްޓު މިހާރު އެކުލަވާލެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގަ ހުންނަންޖެހޭ އަސާސީ ޝަރުތު އަދި ކަނޑަނާޅާ މިއުޅެނީ. އެކަން ކަނޑަނޭޅި އޮތީމަ ވަރަށް ގިނަ މައްސަލަތައް އެބަދިމާވޭ. މީހަކު ބަންދުކުރާއިރު އެމީހާއަށް އެންމެ ކުޑަމިނުން ދޭންޖެހޭނީ ކޮންކޮން އެއްޗެހިތަކެއްތޯ؟ އެތާނގެ އިންފްރާ ސްޓްރަކްޗާގަ ހުންނަންޖެހޭ އަސާސީ ޝަރުތަކަކީ ކޮބާތޯ؟ ކަރަނޓާ އައްޔާ ސާފު ވައިލިބެންޖެހޭތޯ؟ މިފަދަ އަސާސީ ކަންކަން ކަނޑަ ނާޅާ މިއޮތީ،" އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް ވިދާޅުވިއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ޖަލުތަކުގެ އަސާސީ ޝަރުތުތަކަކީ ވަކި ގަވާއިދެއްގެ ދަށުން ކަނޑައަޅަންޖެހޭ ކަންތައްތަކެކެވެ. ނަމަވެސް ކުރީގެ ސަރުކާރުން އައްޔަނުކުރި އިނިސްޕެކްޓާ އޮފް ޕިރިޒަންސް މި މަސައްކަތް ނުކުރައްވައެވެ.

ދޮނާ ވިދާޅުވީ މިހާރު ރާއްޖޭގަ ހެދިފައި ހުރި ގިނަ ޖަލުތަކަކީ ކޮންމެވެސް އެެހެން ބޭނުމަށް ކުރިން ބޭނުންކުރިތަންތަން ކަމަށާއި، އޭގެތެރެއިން ގިނަ ތަންތަނަކީ އިންސާނުން ބަންދުކުރަން އެކަށީގެންވާ ތަންތަން ނޫންކަމަށެވެ. ނަމަވެސް މި ސަރުކާރުން ހާއްސަ އިސަކަމެއް ދީގެން މީހުން ރިހިބިލިޓޭޓް ކުރުމާއި، އަލުން މުޖުތަމައުއަށް ނެރި ރީ އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އައުޖަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ މަސައްކަތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެކަމަށް ވެސް ދޮނާ ވިދާޅުވިއެވެ.
ކަރެކްޝަން ސާވިސް
ހިޔާލު