Hibalhidhoo massalla: Fandiyaarun rishwath negi kamah bunaa massalla majileehah!
image
ބ. ހިބަޅިދޫ --
0 ކޮމެންޓް
 

ހިބަޅިދޫ މައްސަލަ: ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ މަޖިލީހަށް!

ބ. ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތު ހުށަހެޅި ކަމަށްބުނާ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހިބަޅިދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވާ ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) އެވެ. އޭނާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހިބަޅިދޫ މައްސަލައިގައި އޭނާއާ ވާހަަކަ ދެއްކެވި މިނިސްޓަރާއި އެ މައްސަލަ ކުރިއަށް ދިޔައިރު، ހައި ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ނަންތައް ލިއެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މިނިސްޓަރުގެ ޚަރަދުގައި ޗުއްޓީ އަށް ބޭރަށް ގެންގޮސް ބައްދަލުކޮށްފައިވާ ކަމަށެވެ.

ދެ ފަރާތަކުން ރިޔާޒުގެ ކުންފުނީގެ އޮފީހަށް އޭނާއާ ބައްދަލުކުރަން އައިސް ވަކި ވަރަކަށް ފައިސާ ހަމަޖައްސައިދެއްވައިފި ނަމަ ރިޔާޒު ބޭނުންވާ ދުވަހަކު ބޭނުން ގޮތަކަށް މައްސަލަ ނިންމިދާނެ ކަމަށް ބުނެފައިވާ ކަމަށް އެ ސިޓީގައިވެއެވެ އަދި އެ މީހުންނަކީ ސީދާ ފަނޑިޔާރުންގެ ފަރާތުން އައިސްތިބި ބައެއް ކަމަށާއި އެ މީހުންގެ ޝަރުތުތަކަށް އެއްބަސްވާ ނަމަ ރާއްޖެ އިން ބޭރުގައި ރިޔާޒު ހަމަޖައްސާ ގޮތެއްގެ މަތިން ސީދާ ފަނޑިޔާރުންނާ ބައްދަލުކުރެވިދާނެ ކަމަށް ބުނެފައިވާ ކަމަށް ރިޔާޒު މަޖިލީހަށް ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.

ސިޓީގައި ރިޔާޒް އެދިވަޑައިގެންފައި ވަނީ، ހައި ކޯޓުގައި މައްސަލަ އޮތް ދުވަސްވަރު ބެންޗުގައި ހިމެނުނު ފަނޑިޔާރުން ރާއްޖެ އިން ބޭރަށް ގޮސްފައިވާ އަމިއްލަ ދަތުރުތަކާއި އެ ދަތުރުތަކަށް ހަރަދުކުރެއްވި ފަރާތްތައް ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށެވެ. ރިޔާޒް ވިދާޅުވާ ގޮތުން، ހިބަޅިދޫގެ މައްސަލާގައި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ ކިބައިން އޭނާ ބޭނުންވަނީ އެ ރަށާ މެދު އަވަހަށް ގޮތެއް ނިންމައި ދިނުމެވެ. އަދި މިދިޔަ ދުވަސްތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ދެކެވުނު ވާހަކަތަކުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ދާއިރާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ރިޝްވަތު ނަގާ ކަމަށް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވިއެވެ.

އެގޮތުން މިނިސްޓަރު އަލީ ވަހީދު ވަނީ ބ. ހިބަޅިދޫއާ ގުޅޭ ގޮތުން ކޯޓުގައި ހިނގި މައްސަލައެއްގައި ކަން ހިނގާދިޔަ ގޮތް ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. ހިބަޅިދޫއަކީ ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް 2011ވަނަ އަހަރު ދިން ރަށެކެވެ. އަދި ރަށް ފަހުން ވަނީ ބިޒްނަސް މޯލްޑިވްސް ކުންފުނީގެ ނަމަށް ރަޖިސްޓްރީ ކޮށްފައެވެ.

އެރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ހުއްދަ ދީފައިވަނީ 2014ވަނަ އަހަރުއެވެ. ނަމަވެސް އެރަށުން 2015ވަނަ އަހަރު ހަތިޔާރުތަކެއް ފެނި ސަރުކާރުން އެރަށަށް ދިން ހުއްދަ ބާތިލްކުރިއެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެގޮތަށް ނިންމާފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ މަތީ ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލާގައި ކަން ހިނގާދިޔަ ގޮތް ހިއްސާ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބިޒްނަސް މޯލްޑިވްސް އަދި ލެޓްސް ގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ފަނޑިޔާރުންނަށް ރިޝްވަތު ނުދީފި ކަމަށްވާނަމަ އެހެން ގޮތަކަށް މައްސަލަ ނިންމާނެ ކަމަށް ފަނޑިޔާރުން ބުނެފައިވާ ކަމަށެވެ.

"މި ދެންނެވީ އިންސިޑެންޓާ އެއްކޮށް. ކޯޓުން އެބަ ބުނެޔޭ މިވެނި ވަރެއް ދައްކާށޭ، އޭރުން މައްސަލަ ނިންމާލަ ދޭނަމޭ ތިބޭފުޅާއަށް ރަނގަޅަށް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން ކޮމެޓީގެ މެންބަރުން ވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިގެން މައްސަލަ ބެލުމަށް މެންބަރުން ވަނީ މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.
ހިޔާލު