Lha umurugai dharinge loa halaakuve nudhanees samaalu vey!
image
0 ކޮމެންޓް
 

ޅަ އުމުރުގައި ދަރިންގެ ލޯ ހަލާކުވެ ނުދަނީސް ސަމާލުވޭ

ލޮލަށް ދިމާވާ މައްސަލަ ތަކަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދިމާވެދާނެ މައްސަލައެކެވެ. ނަމަވެސް މިކަން މިހާރަކަށް އައިސް ޅައުމުރުގެ ކުދިންނަށް މިފަދަ މައްސަލަތައް ދިމާވުން އިތުރުވުމަކީ ވިސްނާލަންޖެހޭ ކަމެކެވެ. ޅައުމުރުގެ ކުދިން ނަންބަރު އައިނު އަޅަން ޖެހުން އާންމުވެއްޖެ އެވެ. މިކަން އެންމެ ބޮޑަށް ފާހަގަވާނީ ސްކޫލެއްގެ ތެރެއަށް ވަނީމަ އެވެ. ސްކޫލެއްގެ 40 ނުވަތަ 50 ޕަސެންޓް ކުދިންނަކީ ނަންބަރު އައިނު އަޅާފައި ތިބޭ ކުދިންނަށް އެބަވެ އެވެ.


ލޯ ބަލިވުމާއި ލޮލުގެ ފެނުން ދަށްވުމާއި ގުޅޭ ގޮތުން ތަޖުރިބާކާރުން ބުނަނީ ޅަ އުމުރުގައި ކުދިން ނަންބަރު އައިނު އަޅަން މެދުވެރިވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލައެއްގެ ސަބަބުންވެސް ކުދިންގެ ލޮލުގެ ފެނުމަށް އަސަރު ކުރުމަކީ ވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެގޮތުން މާބަނޑު ދުވަސްވަރު ހަދާ ޓެސްޓުތަކުން ވެސް ބައެއް ފަހަރު ކުއްޖާގެ ލޮލަށް ގެއްލުން ލިބިގެން ހިނގައިދާނެ އެވެ. އެގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ލޮލުގެ ހަރަކާތް ގެނެސްދޭ ނާރެއް ހަލާކުވުމާއި ކަޅުކަޅީގައި ފެންބޮތްކެއް ހެދުމާއި ރެޓިނާގައި ލަކުނުލުން އަދި ދެއަރިމަތީން ފެންނަވަރު ކުޑަވުން ހިމެނެ އެވެ.

މީގެއިތުރުރުން ވިހެއުމުގެ ތެރޭގައި "ފޯސެޕްސް" ނުވަތަ "ވެކިއުމް" ބޭނުން ކުރުމުން ވެސް ލޮލަށް ލޭއަރައި މަތީ ބޮނޑި ނުވަތަ ތިރީ ބޮނޑި އަށް ގެއްލުމެއް ލިބި ތުއްތު ކުއްޖާގެ ލޮލުގެ ފެނުން ދަށަށް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަމައެއާއެކު ރަނގަޅު ކާނާ ނުކެއުމުގެ ސަބަބުން ވެސް ޅައުމުރުގައި ލޮލުގެ ފެނުމަށް އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.


ތުއްތުއިރު ކުދިންގެ އަތަށް ފޯނު ނުވަތަ ޓެބްލެޓް ދިނުން ރަނގަޅެއް ނޫން!

މިޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. ތުއްތު ކުއްޖާއަށް ކާ އެތިކޮޅެއް ކެވޭ ކަމަށްވެސް މިހާރު ވަނީ މަންމަ ނުވަތަ ބައްޕަގެ ފޯނާއި ކުޅެ އޭގެއިން ވީޑިއޯ ބަލަމުންނެވެ. ނުވަތަ އެކުދިންނަށް މައިންބަފައިން ހޯދައިދީފައި ހުންނަ ޓެބްލެޓް ފަދަ އެއްޗެއްގެ އެހީގަ އެވެ. މިފަދައިން އޭގެ ސްކްރީނަށް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން ތުއްތު ކުދިން ތިބެއެވެ. އެކަމަކީ ހަމަގައިމުވެސް ލޮލަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެކެވެ. މިއީ ނޭނގި ނަމަވެސް އެކުދިންގެ މައިންބަފައިންނަށް ކުރެވޭ ކަމެކެވެ.



ފޯނު، ޓީވީ ފަދަ ސްކްރީންތަކުން އަންނަ ރޭޑިއޭޝަން، ހާއްސަކޮށް ބުލޫ ރޭގެ ސަބަބުން ލޮލުގެ ނާރުތައް ފިތި ލޮލުގެ ފެނުން ފުސްވުމަކީ ވެދާނެ ކަމެކެވެ. މިއީ މައިންބަފައިން ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

ޅަ އުމުރުގައި ދަރިންގެ ލޯ ހަލާކުވެ ނުދަނީސް ކުރެވިދާނެ ބައެއް ކަންކަން:

ވިހެއުމުގެ ކުރިން ކުރާ ޓެސްޓުތައް ގަވައިދުންކޮށް، ސްކޭންކުރުން
ކުރިން ބުނި ފަދައިން ވިހެއުމުގެ ކުރިން ހަދާ ޓެސްޓުތަކެއްގެ ސަބަބުން ދަރިންގެ ލޮލުގެ ފެނުމަށް އަސަރުކުރެ އެވެ. ވީމާ އަލްޓްރާ ސައުންޑް ބޭނުންކޮށް އެފަދަ ކަމެއް ވޭތޯ މެދުނުކެނޑި ބެލުމަކީ ކުރެވިދާނެ ކަމެކެވެ.



ރަނގަޅު ކާނާ ކާންދިނުން
ކޮންމެ ދުވަހަކު ކައި އުޅޭ އެއްޗެހީގައި ލޮލުގެ ސިއްހަތަށް ރަނގަޅު ކާނާ ހިމެނުމަކީ މުހިއްމު ކަަމެކެވެ. މީގެތެރޭގައި ފެހި ފަތް ކެއުން ގިނަ ކުރުމާއި އިހި، ރަަތް ކަކުނި ފަދަ ސީ ފުޑްއާއި، "ޒިންކް" ކިޔާ ކެމިކަލް އެއް އެކުލެވޭ ކާނާ ކެއުން ގިނަ ކުރިމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ ލައްޓި، ތަރުކާރީ، ބިސް، މަދު، ބީންސް، ކިރު، އޮރެންޖު އަދި ހުތް ލުނބޯ ބޭނުން ކުރެވިދާނެ އެވެ. މީގެއިތުރުން ވިޓަމިން ސީ އަދި އީ ހިމެނޭކާނާ ކެއުން ގިނަކުރުމަކީ އެކި އުމުރުފުރާތަކުގައި ލޮލަށް ޖެހޭ ބަލިތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަމެކެވެ.



އަތްވަށް ނިކުންނަ އިރު އަވި އައިނު އެޅުން
ރަނގަޅު އަވި އައިނަކުން ލޯ އަވިން ސަލާމަތްކޮށްދިނުމުގެ އިތުރުން، އިރުން ދޫކުރާ "އަލްޓްރާވައިލެޓް ރޭޒް" އިންވެސް ލޯ ސަލާމަތް ކޮށްދޭނެ އެވެ. މާގިނައިން މި ރޭޒް ލޮލަށް އެޅުމުން ލޮލުގެ ނާރުތައް ފިތި ލޮލުގެ ފެނުން ފުސްވުމަކީ ގާތް ކަަމެކެވެ. އެހެން ކަމުން އަވިއައިނެއް ގެނގުޅުމަކީވެސް ލޮލަށް ދެވޭ ފަރުވާ އެކެވެ.



މާ ގިނައިން ފޯނު ނުވަތަ ޓީވީ ސްކްރީނަށް ނުބެލުން
ދަރިފުޅު ޓީވީ ނުވަތަ ފޯނު ސްކްރީން ބަލަން ގިނަ ވަގުތު ނުދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފޯނުގެ ބަދަލުގައި ކުޅޭ އެއްޗެއް ދީގެން ނުވަތަ ވާހަކައެއް ކަހަލަ އެއްޗެއް ކިޔާދެމުން ކާން ދިނުމަށް މަސައްކަތް ކުރެވިދާނެ އެވެ.

މިހުރިހާ ކަންކަމަކީ ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދި ލޮލުގެ އެއްވެސް މައްސަލައެއް ކުދިންނަށް ދީމާވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުޑައިރުއްސުރެ މިފަދަ ކަމެއް ކުރިމަތިވެފައިވާ ކުއްޖަކު ބޮޑުވެގެން އަންނައިރު އެކުއްޖާގެ ލޮލުގެ ފެނުން ގެއްލޭ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ތުއްތުއިރު ދަރިންގެ ލޮލަށް ގެއްލުން ލިބިދާނެ ކަންކަމުން އެކުދިން ދުރުކުރުމަކީ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.
ހިޔާލު