Shakuvaa
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ޝަކުވާ

ޝަކުވާ (9 ވަނަ ބައި)
ދޮރުގައި މަޑުމަޑުން ޓަކިޖަހާ އަޑަށް ނަވްޔާއަށް ހޭލެވުނެވެ. ގަދަކަމުން ލޯ ހުޅުވައިފައި ބަލައިލިއިރު ގަޑިން ބާރަޖަހަނީއެވެ. މި ގަޑީގައި ކާކު ބާވައޭ ހިތަށްއަރާފައި ނަވްޔާގެ ނިދި ފިލިއެވެ.

ބޮލަށް ބަރުވެފައިވާތީ ނުތެދުވާން އޮވެފައި ވެސް ނަވްޔާ ތެދުވީ އަޒްކާއަށް ވެދާނެއޭ ހިތަށްއަރާފައެވެ. ނަމަވެސް ދޮރު ހުޅުވައިލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން އެނބުރި އައިސް، އެނދުގައި އޮށޯވެ ނިދޭތޯ މަސައްކަތް ފެށިއެވެ.

ނަވްޔާގެ ކޮޓަރީގައި ޓަކިޖެހީ އިމާޒެވެ. ކޮފީ ހަދައިދޭން ބުނަން އައިއިރު ނަވްޔާ ނެތުމުން އަދިވެސް ނަވްޔާ ހިތްހަމަނުޖެހިފައި ހުރީ ކަމަށް ހީކޮށް މައާފަށް އެދޭނަމޭ ހިތައެވެ. ނަމަވެސް ނަވްޔާ ދޮރު ހުޅުވުމުގެ ކުރިން އިމާޒުގެ ޚިޔާލު ބަދަލުވެއްޖެއެވެ. ނުވަތަ ނަވްޔާއާ ކުރިމަތިލާނެ ހިތްވަރެއް ނެތުނީއެވެ.

އަވަސްއަވަހަށް ބަދިގެއިން ނުކުމެ ކޮޓަރިއާ ދިމާއަށް އިމާޒު މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ހުރަހަށް ވެއްޓިގަތީ ގައިގައި ވަރު ނެތް މީހެއް ފަދައިންނެވެ. މިހާރަކަށް އައިސް ނަވްޔާއާ ޖެއްސުން ވެސް ކޮށްލެވޭކަށް ނޯވެއެވެ. ރުޅި އައުމުގެ ބަދަލުގައި ނަވްޔާ ދެރަވާތީއެވެ. ނަވްޔާގެ ކަރުނައިން ފުރިފައިވި ދެލޯ ހިތަށް ސިފަވުމާ އެކު އިމާޒްގެ ހިތުގައި ރިއްސާލިއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ނަވްޔާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމަށް ތާ އަބަދު އެދެވެނީ ކީއްވެހެއްޔެވެ؟ އެ ވަގުތު މާ ކުރީގެ ހަނދާނެއް އިމާޒުގެ ސިކުނޑީގައި ކޮއްޓައިލިއެވެ. ހިނިތުންވުމަކުން ލޮލުގެ އުޖާލަކަން އިތުރުވެފައިވި މޫނެއް ހިތަށް ސިފަވިއެވެ.

އޭރު އިމާޒުގެ އުމުރުން ވާނީ 8 އަހަރެވެ. އެއް ދުވަހަކު އަތިރިމައްޗާވީ ދިމާލުގައި އޮތް ހުސްތަންކޮޅެއްގައި ރައްޓެހި ކުދިންތަކަކާ އެކު އިމާޒު ވެސް އުޅުނީ ފުޓުބޯޅަ ކުޅޭށެވެ. ހުސްތަނުގެ ވަށައިގެން ހެދިފައި ހުރި ބޮޑެތި ގަސްތަކުން މުޅި ހިސާބަށް ހިޔާދީފައި އޮތެވެ. އޭރު ހިރުނދު ގަހެއްގައި އެލުވައިފައި ހުރި އުނދޯޔެއްގައި ހިމަތޮޅި، ޒުވާން އުމުރުގެ އަންހެނަކާއި ހައެއްކަ އަހަރުގެ އަންހެންކުއްޖެއް އިށީނދެގެން ތިއްބެވެ. އުނދޯލިމަތީގައި އޮރެންޖުކުލައިގެ ކާނިމަލުގެ ފުންޏެއް ހުއްޓެވެ. އެ މީހާގެ ދިގު އިސްތަށުގަނޑު ގަތާފައިވާ އިރު ކުޑަ ކުއްޖާގެ އިސްތަށިގަނޑު ވަނީ ވަޔާ އެކު ވިހުރެން ދޫކޮށްލާފައެވެ. ކާނިމަލުން ހަދާފައިވާ މާފައްޗެއް ބޮލުގައި އަޅައިގެން އިނދެ އިލޮށްޓަކަށް ކާނިމާ އަމުނަމުން ދިޔައިރު އެ ކުއްޖާގެ ހުނުމުގެ އަޑު ދޭތެރެއަކުން އިވެމުން ދިޔައެވެ.

އިމާޒުމެން ކުޅެން ގެންގުޅުނު ބޯޅަ އުނދޯއްޔާ ދިމާއަށް ދިޔުމުން ބޯޅަ ބަލާ ދިޔައީ އިމާޒެވެ. ނަމަވެސް އިމާޒަށް އެ ހިސާބަށް ފޯރުމުގެ ކުރިން އެ ކުއްޖާ އުނދޯލިން ފޭބުމަށް ފަހު ބޯޅަ ނަގައިފިއެވެ. އެ ވަގުތު އެ ކުއްޖާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނތުންވުން ލޮލާ ހަމައަށް ފޯރާ އެ ކުއްޖާގެ މޫނު އުޖާލާވިތަން އިމާޒަށް ފެނުނެވެ. އިމާޒު އަރާ ހަމަވުމުން ވެސް އެ ކުއްޖާ ބޯޅަ ދޭކަށް ނޫޅުނެވެ.

"ނައްޔަ، ބޯޅަ ދީ." އެ އަންހެންމީހާ ބުންޏެވެ.

ނަމަވެސް ދެން ވެސް އެ ކުއްޖާ ބޯޅައެއް ނުދިނެވެ. ދެން ފެނުނީ ކުއްލިއަކަށް ބޯޅަ ގެނެސް އެ އަންހެންމީހާގެ އުނގަށް ލިތަނެވެ.

"މާޒް، އާދޭ އަވަހަށް." ކުޅެން ކެތްނުލަވާފައި ކުދިންތަކުގެ ތެރެއިން ކުއްޖަކު ގޮވައިލިއެވެ.

ކުރިއަށް ޖެހިލާފައި ބޯޅަ ހޯދަން އިމާޒު އަތްދިއްކޮށްލިއެވެ. އެ ވަގުތު އެ މީހާގެ ބޮޑު ދެ ލޮލުން ކަރުނަ ވިދަމުން ދިޔަތަން އިމާޒަށް ފެނުނުނެވެ.

"މާޒް." އެ މީހާ ވައިއަޑުން ބުނެލިއެވެ.

އަދި ތުރުތުރުލާ އަތަކުން އިމާޒުގެ މޫނުގައި ފިރުމައިލިއެވެ. އޭރު ލޮލުން ފޫދިގެން އައި ކަރުނައިން އެ މީހާގެ ކޯތާފަތް ތެމިއްޖެއެވެ. ހައިރާންވެފައި އިމާޒު އެ މީހާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ނަމަވެސް އަނެއްކާ ވެސް އިމާޒަށް ކުއްޖަކު ގޮވައިލުމުން އެ މީހާގެ އުނގުގައި އޮތް ބޯޅަ ނެގުމަށްފަހު އިމާޒު ދުއްވައިގަތެވެ.

އެއީ ބޮޑުދައިތަ ނޫނީ އިޔާދު ކިޔާގޮތުން ނަމަ ނިހާއްތަކަން އިމާޒަށް އެނގުނީ އޭގެ ދެ ތިން މަސް ފަހުންނެވެ. އެއީ އިމާޒާއި އިޔާދު ބަނދަރުމައްޗަށް ބައްޕަ ގެންދިޔަ މަދު ދުވަހެއްގެ ތެރެއިން ދުވަހެކެވެ. އާދައިގެ މަތިން މާގިނަ ވާހަކަދެއްކުމެއްނެތި ކުރީގައި ހުރެގެން ހިނގާފައި ދިޔަ ބައްޕަ ކުއްލިއަކަށް ހުއްޓުމުން އިމާޒުމެން ވެސް ހުއްޓުނެވެ. އޭރު ކުރިމަތީގައި ހުރީ ނިހާއްތައެވެ. އުނދޯލީގައި އިންދާ ފެނުނު ދުވަހަށް ވުރެ ނިހާއްތަގެ މޫނުމަތި މިލާފައިވެއެވެ. ހީވަނީ ގިނަދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރިހެންނެވެ. ލޯ ކައިރި ކަޅުވެ ދޮންމޫނުގެ އުޖާލާކަން ފަނޑުވެފައިވެއެވެ. ބައްޕަ ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ. ނަމަވެސް ދެން އަވަސްއަވަހަށް އިމާޒާއި އިޔާދުގެ އަތުގައި ހިފައިގެން ބާރުބާރަށް ދުރަށް ހިނގައިގަތް އިރު ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ.

"ދޮންބޭ." ނިހާއްތަ ގޮވައިލިއެވެ.

އެ އަޑުގައިވީ ރިހުމެވެ. ނަމަވެސް ބައްޕަ އިވުނުކަމަށް ވެސް ނުހެދިއެވެ. އިމާޒު ފަހަތް ބަލައިލިއިރު ނިހާއްތަގެ ލޯ ކަރުނައިން ފުރެމުން ދިޔަ ތަން ފެނުނެވެ.

"ބައްޕަ ނިހާއްތަ ގޮވީމާ ކީއްވެ އަނގައިން ނުބުނީ؟" ތަންކޮޅަކަށް ދެވުނު ފަހުން އިޔާދު އެއްސެވެ.

ބައްޕަގެ ޖަވާބަކަށްވީ އިޔާދާ ދިމާއަށް އަލިފާންކަނި ބުރާފަދަ ބެލުމަކުން ބަލައިލުމެވެ. ވަގުތުން އިޔާދުގެ އަނގަ ބަންދުވިއެވެ. ނަމަވެސް އެއީ ބައްޕަގެ އެއްބަޑުއެއްބަފާ ކޮއްކޮ، ނިހާޔާ ކަމުގައި ގެއަށް އައިސްފައި އިމާޒު ގާތުގައި ސިއްރުސިއްރުން އިޔާދު ބުންޏެވެ. ކުރީގައި ނިހާއްތަ އުޅުނީ އެ ގޭގައި ކަމަށާއި ބައްޕަ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނިހާއްތަ ގެއިން ބޭރަށްލީ ވާހަކަ ވެސް ބުންޏެވެ. އަދި އިމާޒު އެންމެ ތުއްތުއިރު ގިނައިން ބެލީ ނިހާއްތަ ކަމުގައި ވެސް އިޔާދު ބުންޏެވެ. އިމާޒުގެ ހިތުގައި ނިހާއްތައާ ދޭތެރޭ ޝައުޤުވެރިކަން އުފެދުނެވެ. ނަމަވެސް އެއީ ދެތިން ދުވަސް ވަންދެނެވެ. ކުޑައިރުގެ މަޖަލާއި ސަކަރާތުގެ ތެރެއިން މާޒީވަމުން ދިޔަ ދުވަސްތަކާ އެކު ހިތުގައި ކުރެހުނު ނިހާއްތަގެ ސޫރަ ފަނޑުވީ ދާދި އަވަހަށެވެ. އޭގެ ފަހުން ނިހާއްތަ ނުފެންނާތީ ވެސް މެއެވެ.

ޚިޔާލުތަކަށް ގެއްލިފައި އޮތް އިމާޒުގެ ލޮލަށް ނިދި ސަވާރުވެ ދާދި އަވަހަށް ނިދީގެ ތެރެއަށް ގެނބިގެންދިޔައެވެ. ނިދި ހާވިޔާވެ ނުނިދިފައި އޮތީ ނަވްޔާއެވެ. ދޮރުގައި ޓަކިޖެހި މީހަކު ދެކެ ވެސް އެ ވަގުތު ނަވްޔާއަށް ރުޅިއާދެވުނެވެ. އެނދުގައި އޮތް ގޮތަށް އޮވެފައި ނަވްޔާ ފޯނު ނަގައި ހުޅުވައިލިއެވެ. ރޭގައި ހައްޔާނު ފޮނުވި މެސެޖު އަލުން ކިޔައިލެވުނީ ހިތަށްވެރިވެފައިވާ ނުތަނަވަސްކަން ފިލުވައިލެވޭތޯއެވެ. އެ ވަގުތު ފޯނަށް މެސެޖެއް އައި އަޑާ އެކު ނަވްޔާ ސިއްސައިގެން ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އަވަސްއަވަހަށް ފޯނު ބަލައިލެވުނެވެ.

"ހިތަށްއަރައެވެ. އަނދިރި ރެއަކު ވިލާތައް ކަޝްފުވެ، ހަނދު ފެންނާނެކަމުގެ އިންތިޒާރުގައި ތިބޭނީ މޮޔައިން ބާވައެވެ؟ އެހެންނަމަ އަހަންނަކީ ވެސް މޮޔައަކީމެވެ."

ބޭއިޚްތިޔާރުގައި ނަވްޔާއަށް ހެވުނެވެ. ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސްކަމުގެ ބިޔަ ރާޅުތައް އޮނބި ހަމަހިމޭންވިހެން ނަވްޔާއަށް ހީވިއެވެ. ކަނު އަނދިރިކަމުގެ ތެރެއަށް އުށްބައްތިއެއްގެ ހުޅުކޮޅުން އަލިވި ފަދައެވެ. ހިތަށް ހިތްހަމަޖެހުން ލިބުނެވެ. ތަރިތަކުގައި އަތް ނުލެވުނު ނަމަވެސް އެ ތަރިތަކުގެ ވިދާ ބެބުޅުން ފެނުމުން ހިތަށް އުފާވެރިކަން ގެނެސްދޭ ބީދައިންނެވެ. ފޯނު މޭގައި ޖައްސާލައިގެން އޮއްވާ ނިދުނުއިރު ވެސް ނަވްޔާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ.

ޖެހިގެން އައި ދުވަސްތަކުގައި ނަވްޔާ ބެލީ ވީހާ ވެސް ނަސީމާއްތައަށް ނުފެނި އުޅެވޭތޯއެވެ. އަޒްކާ ވެސް ބަދިގޭގައި އުޅޭތީ ކުރިންހެން ދޭތެރެއަކުން އައިސް އެއްޗެހި ކިޔާނެ ފުރުޞަތެއް މިހާރު ނަސީމާއަކަށް ނުލިބެއެވެ. ރޭގަނޑު ވެސް ކުރަން ހުންނަ ކަންތައް ނިންމާލާފައި ނަވްޔާ އަވަހަށް ބަލަނީ ކޮޓަރިއަށް ވަދެވޭތޯއެވެ. އިމާޒު ކޮފީ ހަދަން ބުނެފާނެތީއެވެ. ހައްޔާން ދެކޭހިތްވި ނަމަވެސް އަމިއްލަ ހިތުގެ މައްޗަށް ނަވްޔާ ބާރު ފޯރުވީ ނަސީމާއްތަ ރުޅިއައިސްގެން މަންމައާ ދިމާއަށް އެއްޗެހި ކިޔާ އަޑުއަހަން ހިތަށް ކުޅަދާނަ ނުވާނެތީއެވެ.

ނަމަވެސް ރޭގަނޑު ކޮޓަރިއަށް ވަނުމަށްފަހު ދެން ގުނަން ފެށެނީ އިންތިޒާރުގެ ވަގުތުތަކެވެ. ހައްޔާން ފޮނުވާ މެސެޖުތަކުގެ އިންތިޒާރެވެ. ބައެއްފަހަރު މަޖާ އެއްޗެހި ލިޔެފައި އަނެއްބައި ފަހަރު ފަށުވި އިބާރާތްތަކުން ހައްޔާންގެ ހިތުގެ ހާލު ކޮންމެރެއަކު ވެސް ނަވްޔާއަށް ކިޔައިދެއެވެ. މެސެޖްތަކަށް ޖަވާބުނުދިން ނަމަވެސް ނަވްޔާގެ ހިތުގެ އެންމެ ފުންމިނަށް އެ އިބާރަތްތަކުން އަސަރު ފޯރައެވެ. ހިތުގެ ބޭޤަރާރުކަމަށް ލުޔެއް ލިބެއެވެ. އެތައް ފަހަރަކު އެ މެސެޖުތައް ކިޔައެވެ. އެހެން ހުރިހާކަމެއްގެ މަތިން އެ ވަގުތު ހަނދާންނެތެއެވެ. ބައެއްފަހަރު ހިތަށް އަރައެވެ. ހައްޔާންގެ އެ ފޮނިފޮނި އިބާރާތްތަކުގެ އެހީގައި މުޅި އުމުރު ވެސް އެއްވެސް ޝަކުވާއެއްނެތި ހޭދަކުރެވިދާނެއެވެ.

މިރޭ ވެސް ނުނިދާ ނަވްޔާ އޮތީ ހައްޔާންގެ މެސެޖެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ނަވްޔާގެ ހިތަށް މާޔޫސްކަން ވެރިވަމުން ދިޔައެވެ. ހައްޔާންގެ ޚަބަރެއް މިރޭ ނުވީ ކީއްވެގެން ބާވައެވެ. މެސެޖުތަކަށް ނަވްޔާ ޖަވާބު ނުދޭތީ ފޫހިވީބާވައެވެ. ނަވްޔާ ފޯނު ބަލައިލިއެވެ. ހައްޔާނަށް މެސެޖެއް ފޮނުވަން ހިތަށްއަރާފައި ލިޔަން ފެށިއެވެ. ނަމަވެސް ލިޔާނީ ކީކޭކަމެއް ނޭނގުނެވެ. ފަށަފަށާފައި ކަމުނުގޮސްގެން އަނެއްފަހަރު ލިޔަންފަށައެވެ. އެންމެފަހުން ފޯނު ބާއްވައިފައި ނަވްޔާ ނިދޭތޯ އުޅުނެވެ. ލޯމެރެމުން ދަނިކޮށް ފޯނު ރިންގުވާން ފެށުމުން އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ ހައްޔާންކަން އެނގުމާ އެކު ނަވްޔާގެ ހިތް ތެޅެން ފެށިއެވެ. އެނދުން ތެދުވެވުނެވެ. އަތަށް ފޯނުލައިގެން ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓާ ފޯނު ކެނޑުނެވެ.

ފޯނު ނުނެގުނީތީ އަމިއްލަ ނަފުސު ދެކެ ނަވްޔާއަށް ރުޅި އާދެވުނެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ނަވްޔާ އެނދުގައި އިށީނދެފައި ދެއަތުގެ ތެރެއަށް މޫނުލިއެވެ. ފޯނު ނުނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެވޭތޯ އުޅުނެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ ނަވްޔާ އެހެން އިންދައެވެ. ނަވްޔާ ފޯނު ނެގިއެވެ. އަދި މަޑުމަޑުން ހެލޯއޭ ބުނެލިއެވެ. އެ ކޮޅުން ހައްޔާން ބުނި އެއްޗަކުން ނަވްޔާގެ ދެ ލޯ ބޮޑުވިއެވެ.

(ނުނިމޭ)
ހިޔާލު