Vaahaka: Vanhanaa
image
ވަންހަނާ
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވަންހަނާ

"އައްދޯތް! އަހަންނަށް ތިހެން ނުހަދަބަލަ އާދޭސްކޮށްފަ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅުގެ ޙައްޤުގައި ވެސް... ތިހެން ނުހަދަބަލަ ހެޔޮނުވާނެ." ވޭނާއި ކެކުޅުމުން ފުރިގެންވީ ރާގެއްގައި ޒިޔާދާގެ އަޑު މައިގެތެރެއަށް ފެތުރެމުން ދިޔައެވެ.
"ބުނީމެއްނު އަހަރެން ބޭނުން ކަމެއް... އަޑުގަދަކުރިޔަސް މި ކަމެއް ނުހުއްޓުވޭނެ.." ހަރުކަށިކަމާއެކު ރަހުމުކުޑަ ރާގެއްގައި ޒިޔާދައަށް ޝަރީފު ރައްދުދެމުން ދިޔައެވެ.

ތަންޑުއަޅުވައިލެވިފައިވާ ކޮޓަރީގެ ފެންލައިޓުން މައިގެ ތެރެއަށް އިވެމުން ދިޔަ ވޭނީ އަޑުތަކުން، ޓީވީގެ ތެރެއަށް ގެނބިފައިތިބި ވަހީދާއާއި ސިނާޒާ ހޭލައްވައިލިއެވެ. އެއާއެކު މަޑުމަޑުން ފަހަތްބަލައިލިއެވެ. ސިނާޒާއަށް ބަލައިލެވުނީ ވަހީދާގެ މޫނަށެވެ. ވަހީދާއަށް ވެސް ބަލައިލެވުނީ ސިނާޒާގެ މޫނަށެވެ.

"އައްދޯތް. އާދޭސްކޮށްފަ ތިހެން ނުހަދާ. މީހެކޭ... މީހެކޭ ސަލާމަތްކުރޭ... މީހެކޭ... މަންމާ... މަންމާ...." ޒިޔާދާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ.

ވަހީދާގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. ކޮޅަށް ތެދުވެވުނެވެ. ސިނާޒާއަށް ވެސް ހިންދިރުވައިލެވުނެވެ. ވަހީދާގެ ފަހަތުން ހިނގައިގަނެވުނެވެ.

"ދޮރު ހުޅުވަބަލަ... ޝަރީފޫ... ޝަރީފޫ." ކޮޓަރީގެ ދޮރުފަތުގައި ދެއަތުން ވަހީދާ ތަޅައިގަތެވެ. ވަހީދާގެ ދެކޮނޑުގައި މަޑުމަޑުން ހިފަހައްޓާލައިގެން ސިނާޒާއަށް މަޑުޖެހެވުނެވެ. ވަހީދާ ދެތިން ފަހަރަކު ޖަހައިލުމުން ވެސް ޚަބަރެއް ނުވިއެވެ.
"ކިހިނެއްވީ؟" ހުސްގަޔާހުރި ޝަރީފު އޭނާގެ ކުރުސޯޓު ރަނގަޅުކޮށްލިއެވެ. މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. ކަންފަތު ފޫޅުގަނޑާ ދިމާ ބޮލުން ފައިބަމުން ދިޔަ ދާތިކިތައް ދަތްދޮޅިން މޭ މައްޗަށް ތިކި ޖަހަމުންދިޔައެވެ.

ފުންނަޒަރަކުން ޝަރީފުގެ ބޮލުން ފެށިގެން ފަޔާހަމައަށް ވަހީދާ ބަލައިލިއެވެ. ޝަރީފުގެ ބޭނުމަކީ، އޭނާގެ ކަރުހިއްކުމަކީ ކޮބައިކަން ހާމަވަމުން ދިޔައެވެ. އެހެންވެ ވަހީދާ ލަދުވެތިކަމާއެކު އިސްޖަހައިލިއެވެ. ނިދާބޮކީގެ ފެހިއަލިކަމުން އަނދިރިކޮށްލެވިފައިވާ ކޮޓަރީގެ ތެރެއިން ޒިޔާދާގެ ގިސްޖެހެމުގެ އަޑުގުގުމަމުން ދިޔައެވެ. އެނދުގައި ލެނގިލައިގެން ބެޑްޝީޓު ގައިގައި އޮޅައިލައިގެން ޒިޔާދާ އިނެވެ.

"ބުނަން އެއީ މާބަނޑު އަންހެނެއް... ތިޔައީ މިކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ ބަޔަކަސް އަނިޔާވެރިވުމަކަށް ކޮޓަރިކުއްޔަކަށް ނުދެން،" ޒިޔާދާގެ ހާލަތާމެދު ޙަމްދަރުދީވަމުން، ޝަރީފަށް ވަހީދާ އިންޒާރުދިނެވެ. "މާބަނޑު މީހުންނަށް ތިޔަގޮތަށް އަނިޔާކުރާކަށް ކަލޭގެ އޮންނަނީ ހިތެއް ވެސް ނޫންތަ؟ ތިޔަގޮތަށް ކަންކަން ކުރަންޏާ އަހަންނަށް މަޖުބޫރުވާނީ ފުލުހުންނަށް ރިޕޯޓްކުރަން."

"ހެއް. ބަލަ ހަމްދަރުދީވާން ކަލޭ ތީ ކާކު؟ އެއީ އަހަރެންގެ އަންހެނުން. މީ އަހަރުމެން ދެމީހުންގެ ކަމެއް. ކުރަން ޖެހޭކަމެއް. ދެ މަފިރިން ދެމެދަށް ވަންނަށް ކަލޭ ތީ ކާކު؟" ޝަރީފުގެ މޫނުމަތިން މަލާމާތުގެ ކުލަވަރު ފާއްދާލަމުން ބާރުބާރަށް ދޮރުލައްޕާލިއެވެ. އެއާއެކު ޒިޔާދާގެ އަޑުގަދަވިއެވެ.

"ތިޔަވަރަށް ގިސްލާ ރޮންޏާ ބަނޑުގައިވާ ދަރިފުޅަށް ވެސް އަސަރުކުރާނެ. ޒިޔާދާ ކީއްވެތަ ތިހާ ރަހުމުކުޑަ މީހަކާ އިނދެގެން ތިއުޅެނީ؟" ޖަނބުރޯލުގަހުގެ ހިޔަލުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އިނދެ ސިނާޒާ ޒިޔާދާއަށް ސުވާލުކުރަމުން ދިޔައެވެ. މަޑުމައިތިރި ކަމާއެކުގައެވެ.

"ސިނާ! ރޭގަ އެހެންވިޔަކަސް ޝަރީފަކީ.. އެއީ ނުބައި ނުލަފާ މީހެއްނޫނޭ! އެއީ... ވަރަށް ރަނގަޅު އޯގާތެރިއެއް. ސިނާއަށް އަދި ނުވިސްނެނީ. ހަފުތާއަކުން މީހަކު ދަހެއް ނުވަނެދޯ." ޒިޔާދާ ވަރުބަލި ރާގަކަށް މަޑުމައިތިރި ކަމާއެކު ހުއްޓަމުން، ހުއްޓަމުން ވާހަކަކުރިއަށް ގެންދިޔައެވެ. "އޭނައަކީ އަހަރެންގެ ނަސީބު. ވަރަށް ރަނގަޅު ފިރިއެއް އެއީ."
"ތިޔައީ އަނިޔާ ލިބޭ ކޮންމެ އަނތްބަކަށް ފިރިންދީފައި އޮންނަ އިންޒާރެއް. އެ ވާހަކަ ދައްކާނަމަ ހުއްޓުވުމަށް." ސިނާޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ސިނާޒާގެ ވާހަކަ މެދު ކަނޑައިލީ ޒިޔާދާ ބަނޑަށް އުނދަގޫވަ ކަހަލަ ގޮތަކަށް ޖޯލީގައި ހަމަޖެލީމައެވެ. ޒިޔާދާ ޖޯލީގައި ހަމަޖެހިލަމުން ބަނޑުގެ ދެފަރާތުގައި މަޑުމަޑުން އަތްބާއްވާލިއެވެ. އޭރު އޭނާގެ ދެ ލޮލަށް ކަރުނަ ގިނަވަމުން ދިޔައެވެ.
"ރިއްސަނީތަ؟" ސިނާޒާ ވެސް މަޑުމަޑުން ޒިޔާދާގެ ބަނޑުގައި ފިރުމައިލިއެވެ.

"ނޫނޭ. ތޮޅިލީ. އަދި މިވީ ހަތެއް. މަގޭ ބަނޑު ވަރަށް ހަރުދޯ. ޝަރީފު ވެސް ބުނި އަހަރެންގެ ބަނޑު ހީވަނީ ރަބަރު ގަނޑެއް ހެންނޭ. ހަރުވީމަ." ސިނާޒާގެ މޫނަށް ބަލައިލަމުން ހީލިއެވެ.

"ތިހެން ބުނަން ނުކެރިފަ. ދެރަވެދާނެތީ. އަހަރެން ބަނޑުބޮޑުއިރު ވަރަށް މަޑު. ތިއެއް ނޫނޭ. ޒިޔާ ކީއްވެތަ މިރަށަށް ތިޔައައީ؟ ރައްޓެއްސަކު ވެސް ނެތީސް ކީއްކުރަން މި ރަށަށް އައިސްގެން ތި އުޅެނީ. މީ އަރާމުކުރަން ޖެހޭ ދުވަސްވަރު. މާލެ ދޫކޮށްފަ އައިސް ކޮޓަރިއެއް ހިފައިގެން. ތިހާލުގަ؟"

"އެއީ... ޝަރީފަށް ލިބިފައި އޮތް ޕްރޮޖެކްޓެއް. މި ރަށުން ސަރވޭއެއް ހަދަން. މި ޕްރޮޖެކްޓު ނިންމީމަ ވަރަށް ރަނގަޅު އެއްޗެއް ލިބޭނެ. ވަރަށް ގިނަ ކަންކަން ހާމަވާނެ. ކުރިން ވަންހަނާވެފަ ހުރި ވަރަށް ގިނަ ކަންކަން ހޯދޭނެ. ވިހަންވާ އިރަށް އެކޮޅަށް ދެވޭނެ. ދެން އަހަރުމެންގެ މީހަކު މާލޭގައި ވެސް ނެތް." ޒިޔާދާގެ ނޭވައި ކުރުވެ ވަރުބަލިކަމުގެ އަސަރު މޫނުމަތިން ފާއްދާލިއެވެ.

"ކީއްވެ އަހަރެންގެ ވާހަކަ އަބަދު؟ ސިނާގެ ކުރީގެ ފިރިމީހާ ކުއްލިއަކަށް މަރުވީ ކީއްވެ؟"
ސިނާޒާ ހައިރާން ކަމާއެކު ޒިޔާދާގެ މޫނަށް ބަލައިލިއެވެ.

"ސިނާގެ މަންމަ އިއްޔެބުނީ. ވަރަށް ނުބައި މީހެކޭ އެ ނާފިޒަކީ. ސިނާއަށް ވަރަށް އަނިޔާ ވެސް ކުރިއޭ. ސިނާ ބަނޑަށް ނުވަމަހުގައޭ މަރުވީ. އަހަރެން ވަރަށް ޝައުޤުވެރިވެފަ މި ހުންނަނީ އެ ވާހަކަ އަޑުއަހައިލަން. ކިޔައިދީބަލަ."
"މަންމަ ނުބުނެތަ އިތުރު އެއްޗެއް؟" ސިނާޒާ އިސްޖަހައިލިއެވެ.

"ހޫނ. އެ ވަރަށް ބުނީ... ދެން ބުނީ ނޭގެއޭ ވީގޮތެއް،" ސިނާޒާގެ އަތުގައި ޒިޔާދާ ހިފައިލިއެވެ. "ކިޔައިދީބަލަ.އަހަރެން މީހަކު ގާތު ނުބުނާނަމޭ. ވަރަށް އަޑުއަހައި ހިތުން. ޕްލީޒް."

"ތިޔައީ ވަރަށް ދިގުވާހަކައެއް. ވަރަށް ބޮޑު ސިއްރެއް. ވަންހަނާ ކުރަން މަޖުބޫރުކަމެއް. ކިހިނެއް އަހަރެން އެ ވާހަކަ،" ސިނާޒާ ފެންކަޅިވެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ތިކިތަކަކަށް ބަދަލުވާން ތައްޔާރުވިއެވެ. "އެއީ ވަރަށް ބިރުވެރި އިޙްސާސްތަކެއް. ނާމާންވަގުތު ކޮޅެއް."

"މިހާރު މާ ޝައުޤުވެރިވެއްޖެ. އަހަރެންގެ ހާލަށް ސިނާ ހަމްދަރުދީ ވަންޏާ... ކިޔައިބަލަ." ޒިޔާދާ މަޑުމަޑުން ފޯނު ނަގައި ސްކްރީނުގައި އިނގިލި ކާއްތާލިއެވެ. އެއްއަތުން ފޯނާ ކުޅެމުން ސިނާޒާގެ މޫނަށް ވައްކަޅިއަކުން ބަލަމުން ދިޔައެވެ.

"މީ ސިއްރެއް. މި ވާހަކަ އެހެން މީހަކަށް ކިޔައި ނުދޭތި. އަހަރެން ވަރަށް ޓްރަސްޓްކޮށްފަ މި ކިޔައިދެނީ. މީ ހީވެސް ނުވާކަހަލަ ކަމެއް. ހީވަނީ ބިރުވެރި ޚިޔާލީ ވާހަކައެއްހެން." ސިނާޒާ ޒިޔާދާގެ މޫނަށް ބަލައިލިއެވެ.

ވާހަކަ ކުރިއަށް ގެންދާށޭ ބުނަކަހަލަ ހަރަކާތްތަކެއް ޒިޔާދާގެ މޫނުމަތިން ފާޅުކޮށްލަމުން ފަނޑުކޮށް ހިނިތުންވެލިއެވެ.

"އެއީ އަހަރެން އޯލެވެލް ނިންމި އަހަރު. އޭލެވެލްއަށް ފާސްވި ނަމަވެސް، އާއިލާގަ ތަނަވަސްކަން ނެތުމާ، ރަށުން ބޭރަށް ކިޔަވަން ދާންޖެހުމުން މަންމަމެން ނިންމީ އަހަރެން ރަށުގައި ބަހައްޓަން. އެހެން ހުއްޓާ ނާފިޒު މި ރަށަށް އައީ. ނާފިޒަކީ މާލޭ މުއްސަނދި އާއިލާއެއްގައި ހުރި ހަމަ އެކަނި ދަރި. އޭނާ މި ރަށަށް ގެނައީ މިތާ ކައިރީ މިހިރަ އަނދިރިމާގެ ހަނީފުގެ ރަޙްމަތްތެރިކަމުގަ. މި ރަށަކީ އަމާން ސުލްޙަވެރި ތަނެއްވީމަ. ނާފިޒުގެ އުޅުމަށް ހެޔޮ ބަދަލެއް އާދޭތޯ. ނާފިޒެކޭ ކިޔާ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ކުރިން އަހަރެން ނާހަން. ދުވަހަކު ވެސް ނުދެކެން. ނާފިޒު މިރަށަށް އައިސް އުޅޭތާ އަހަރެއްވާން ކައިރިވެފައި ހުއްޓާ. ހަނީފުގެ މަންމަގެ ފާތިހާއަށް ކައްކަން އަހަރެންނަށް ލިބުނު ދަޢުވަތަކަށް އެގެއަށް ދިޔަ ދުވަސް އެއީ އެންމެ ފުރަތަމަ ނާފިޒު ފެނުނު ދުވަސް. އެންމެ ފުރަތަމަ ވެސް ނާފިޒު ފެނުނު ވަގުތު ވާނުވާ ނޭގި އޭނާގެ މައްޗަށް އަހަރެންގެ ހިތް ލެބުނުކަހަލަ. އޭނާގެ ފިރިހެންވަންތަ ފަތިހަށި ދިގު އިސްކޮޅާ. ކަނދުރާއާ ހަމައަށް މިނިވަން ކޮށްލެވިފައިވި ފަން އިސްތަށިގަނޑާ. ބައިމަތި ފުޅާ އެ ހަށިގަނޑާ، ޚާއްޞަކޮށް ފުން އެ ދެ ލޮލުން. ފުރަތަމަ ނަޒަރުން އަހަރެންގެ ހިތް،" ސިނާޒާ ހިނިތުންވެލަމުން ޒިޔާދާއަށް ބަލައިލިއެވެ. "ނާފިޒު ވެސް ނުކިއްސަރު ގޮތަކަށް އަހަރެންނަށް ބަލަން ފެށި. އެދުވަހަށް ފަހުން. އަހަރުމެން ދެމީހުން ރަޙްމަތްތެރިވެ، އެ ރަޙްމަތްތެރިކަމުގެ ނަން ބަދަލުވެ، އެ ނަމުގައި މަހެއް ނުވަނީސް ޒަވާޖުގެ ގޮށް ޖަހައިލެވުނު. އާއިލާއިން ވެސް ބޭނުންވީ ތަނަވަސް ކަމާއި ތިޔާގިކަން. އޭރު މުޅިން ވެސް ފެނުނީ ނާފިޒު ރީތިކަމާއި އޭނާގެ ހިތްހެޔޮކަން. ދެ އާއިލާގެ ލޯތްބާއި ހަދިޔާ ބަދިޔާ ބަދަލުކުރުންތައް. ޙަޤީޤަތުގައި އެ އާއިލާއަކީ ވަރަށް ރަނގަޅު އާއިލާއެއް. ކައިވެންޏަށް ތިންމަސް ވީއިރު އަހަރެންގެ ބަނޑަށް ދެ މަސް ފުރިއްޖެ. އެހައިހިސާބުން ނާފިޒު ބަދަލުވާން ފަށައިފި. ސިއްރުން ކޮންމެވެސް ކަމެއް ކުރާކަން ކުރިން ވެސް އޮތީ އެނގިފަ. އެކަމު ޝައްކު ނުކުރަން ސުވާލު ނުކުރީ."

ޒިޔާދާގެ ކަނާއަތު އަތް ސިނާޒާގެ މުށުތެރެއަށްލާ ބާރަށް ފިތައިލިއެވެ. ކުރިއަށްގެން ދާށޭ ބުނާފަދައިން ބޯހަރަކާތްކޮށްލިއެވެ.

"ނާފިޒު. ނާފިޒުއާ ސުވާލު ކުރަން ފެށުމުން އޭނާ ހުރިހާ ވާހަކައެއް ކިޔައިދިން. އޭނާއަކީ ކޮންކަހަލަ މީހެއްކަމާއި މިރަށަށް އޭނާގެ މައިންބަފައިން ފޮނުވާލީ ކީއްވެކަން ބުނެދިން. އެނގޭތަ ނާފިޒު އެއީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ގަޔަށް ވަޅިހެރުމުގެ ތުޙުމަތުގައި ޖަލަށް ވެސްލީ މީހެއް. އޭނާއަކީ މަސްތުވާތަކެތީ ބޭނުންކޮށް ޑީލްކުރި މީހެއް. ފައިސާ ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެއްނު ދޯ. އިންސާފޭ ކިޔައިގެން ވާހަކަދައްކާ އެންމެ ވެސް އިންސާފު ހޯދަނީ ފައިސާއިން ވިއްޔަ،" ސިނާޒާގެ ރާގު ބަދަލުވަމުން ދިޔައެވެ. "ޖަލުން މިނިވަންކޮށް ހަނީފަށް ލާރިތަކެއް ދީފަ އެމީހުން ނާފިޒު މިރަށަށް ފޮނުވައިލީ ވެސް އެކަމުން ދުރުކުރެވޭތޯ. އެކަމު އޭނާ މިރަށަށް އައިސް ދެ އަހަރު ވެސް ނުވެ އުޅެނިކޮށް މި ރަށުގެ ކަންކަން ރަނގަޅަށް ދަސްކޮށް އެ ވިޔަފާރި ފުޅާކުރި. ސިއްރުން. ނުވިތާކަށް މިރަށުގެ ކުދިންނަށް ވެސް މަސްތުވާތަކެތިދީ އެ ކުދިން ވެސް. އަހަރެން އެންމެ ދެރަވީ. އަހަރެންނަށް މިހުރިހާ ކަމެއް ނޭނގި އޭނާގެ މަޅީގައި ޖެހުނީތީ."
ސިނާޒާގެ ބޮލުގައި މަޑުމަޑުން ޒިޔާދާ ފިރުމައިލިއެވެ.

"އަހަރެންނަށް ކެތް ކުރުން ނޫން ގޮތެއް ނެތް. ފަހުންފަހުން ނާފިޒު މަސްތުވާތަކެތި ބޭނުންކުރަމުން ދިޔައީ އަހަރެންގެ ކުރިމަތީގައި. ކޮޓަރީގައި. އޭނާ ކަރުހިއްކާ ގަންނަ ކޮންމެ ފަހަރަކު ވެސް މަސްތުވާ އެއްޗެއް ބޭނުންކުރާނެ. އަހަރެންގެ ހާލަތަކަށް ކުޑަކޮށް ވެސް ބަލައި ވެސް ނުލާނެ. ގަދަހަދަން އުޅޭ ކޮންމެފަހަރަކު އަހަރެންނަށް ލިބެނީ އަނިޔާ. ބައެއްފަހަރު އޭނާ މަސްތުވެ އޮވެ އަހަރެންގެ ބަނޑުގައި އަތުން ވެސް ފައިން ވެސް ތަޅާ. އަނިޔާ ވެސް ކުރޭ. ގިސްލާ ރުއިން ނޫން ކަމެއް އަހަންނަކަށް ނުކުރެވޭ. އެންމެފަހު މަންމައަށް ވެސް އަންގަން މަޖުބޫރުވީ. ނާފިޒު އަހަރެން މޫނުގައި ޖެހިޖެހީނުން ތުންފަތަށް ދަތްވަދެ ލޭމަނާ ނުވީމަ މަންމައަށް. އެރޭ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނިން. ބައްޕަ ވެސް. ދޮންބެ ވެސް އަހަރެންގެ ޙާލާމެދު. ކަންބޮޑުވެ މާޔޫސްވި." ސިނާޒާގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އޭނާގެ ދަތްދޮޅި ހުރަސްކޮށް ތިރިއަށް ސޮހެމުން ދިޔައެވެ. އަޑުގެ ކުރަކިކަން މަޑުމަޑު ރުއިމަކަށް ބަދަލުވެ ގިސްޖެހުން އިތުރުވިއެވެ.

"އެންމެ ފަހުން... ދޮންބެގެ ރޭވުމަށް އަހަރެން އިހުތިރާމު ކުރަން ޖެހުނީ އެނޫން ގޮތެއް ނެތީމަ. ނާފިޒުގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވާން ފެށީމަ. ބަނޑަށް އަށްމަހަށް އެޅީމަ ނާފިޒު ބޭނުންހާ ވަގުތަކު ބޭނުންހާ ގޮތަކަށް އަހަންނަކަށް އޭނާގެ ކަރުހިއްކުން ފިލުވައެއް ނުދެވޭ. އެހެންވެ ނާފިޒު އަބަދުމެ ކަހަލައިން ހުންނަނީ މަސްތުވެ ދުނިޔެ އެނބުރިފަ. ހޭބުއްދި ފިލައިފަ. ހަމައިގަ ހުންނަނީ މަދު ފަހަރެއްގަ. އެންމެފަހުން ކަންކުރަންވީގޮތް ދޮންބެ ކިޔައިދީ އެންމެން ފާރައަށް ތިބި،" ސިނާޒާގެ ގިސްލުން އިތުރުވިއެވެ. "އެރޭ ވެސް ނާފިޒު ހުރީ ހަމައަކު ނޫން. އަހަރެން ހަރަކާތްކުރީ ބޭބެގެ އިރުޝާދަށް. ނާފިޒު ގަދައެއް ނުހަދާ. އެންމެ ފަހުން އަހަރެންގެ ހަރަކާތްތަކަށް އޭނާ ބޯލަނބަމުން ދިޔަ. އެ ވަގުތުކޮޅަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ހިތްދަތިވަގުތުކޮޅަށް."

ސިނާއާ އަށް ކުރިއަށް ނުގެންދެވުމުން ހުއްޓައިލިއެވެ. ޒިޔާދާ މަޑުމަޑުން ސިނާޒާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.
"އެންމެ ލޯބިވީ މީހާ ނޭވާ ނުލެވި ތެޅި ފޮޅެމުން ދިޔަ. ފެން ފޮދަކަށް އާދޭސް ކުރަމުން ދިޔަ. އޭނާ ކަރުގައި ދެ އަތުން ހިފައިގެން ނޭވާ ނުލެވިގެން ތެޅިތެޅި އޮތީ އަހަރެންގެ ކުރިމަތީގައި. ބައެއްފަހަރު ކޮޅަށް ތެދުވޭ. ތެދުވާއިރަށް ގައިން ވަރުގޮސް ތިރިވޭ. އެހެން އުޅުމުގަ ތެރޭގައި ކޮޓަރީ ހުރި މޭޒާ. ކަބަޑުތައް ދޮރު ކުރިމައްޗަށް ވެއްޓި ޑްރެސިން ޓޭބަލް ވެސް ފުނޑުފުނޑުވީ. މީހަކަށް އެތެރެއަށް ނުވަދެވޭ ގޮތަށް. އަހަރެން އިނީ ދެ ކަންފަތުގައި އަތްއަޅައިގެން ދެ ލޯ މަރައިގެން. އެ ވަރުން ވެސް މަންޒަރުތައް ސިފަވޭ. އަޑުއަހަން ބޭނުންނުވިޔަސް އަޑު ވެސް އެހޭ. ބަލަން ބޭނުން ނުވިޔަސް ދެ އިނގިލި ދޭތެރެއިން ނަމަވެސް އެ މަންޒަރަށް ބެލޭ. އިންސާނަކު މަރަށް ތެޅޭ މަންޒަރު. އެ ހިތްދަތިކަން. އެވޭން. އަހަރެންގެ އަމިއްލައަތުން. އަހަރެން އަލަތު ފިރިމީހާ." ނޭފަތުން ފައިބަމުން ދިޔަ ދަވަތައް އެތެރެއަށް ދަމައިލަމުން ތުންފަތްމަތީ ހުރި ދަވަތައް އަތުން ފޮހެލަމުން ސިނާޒާ ޖޯލީގައި ހަމަޖެހިލިއެވެ.

"އަހަރެންނަކަށް ވީނުވީއެއް ނޭގުނު. ހޭވެރިވީއިރު އޮތީ ސެންޓަރުގަ. އެންމެން ވެސް ނުބުނަން އުޅުނީ. ގެއަށް ދޫކޮށްލާ ހަފުތާއެއް ވީފަހުން ވެސް ފުލުހުން ސުވާލު ވެސް ކުރި އަހަރެން ޖަވާބެއް ނުދެން. ވާހަކަދައްކަން ބޭނުން ވެސް ނުވީ. އޭގެ ދެ ހަފުތާއެއްހާ ފަހުން އަހަރެން ވިހައިފި. ހަމަ ނާފިޒު ކަހަލަ ރީތިރީތި ކުއްޖެއް. އެކަމަކު."
"އެކަމު ކިހިނެއްވީ؟"

"ދަރިފުޅުވީ. ސިކުނޑީގެ މައްސަލަ ހުންނަ. ނާފިޒު މަސްތުވާތަކެތި. އެގޭ މީހުން ބޭރަށް ގެންގޮސް ވަރަށް ފަރުވާ ދިންފަހުން. މިހާރު ކިރިޔާ ވެސް."

އޭރު ޝަރީފު އެމީހުން ތިބި ޖޯއްޔާ އަރާހަމަވަނީއެވެ. ޝަރީފުގެ މޫނުމަތިން ރުޅިވެރިކަން ހާމަވަމުން ދިޔައެވެ.
"ކަލޭ ކައިރީ ކިތައް ފަހަރު ބުނާނީ މިކަހަލަ ގޮތްކުޑަ އަންހެނުންނާ ވާހަކަ ނުދައްކާށޭ." ޝަރީފު އައިގޮތަށް އައިސް ޒިޔާދާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ނެގިއެވެ.

"ކަލޭ ތީ ވަކި ސަހަލު މީހެއްތަ؟ ދޫކުރޭ ހަމަ މިހާރު އޭނާގެ އިސްތަށިގަނޑުން ދޫކުރޭ. މަންމާ! ބައްޕާ!" ޝަރީފު މުލައްދަނޑީގައި ހިފައި ދަމައި ގަންނަމުން ސިނާޒާ ހަޅޭއްލަވައިގަތެވެ.
ޒިޔާދާ ހިނިތުންވެލިއެވެ.
އަޑުގަދަވާތީ ވަހީދާ ވެސް އެފަރާތަށް ނުކުތެވެ. އޭރު ދެތިން އަވަށްޓެރިން ވެސް އެތަނަށް އައެވެ. ޔުނީފޯމުގައި ތިބި ހަތަރު ފުލުހުން ވެސް ދޮރޯށިން ވަދެގެން އަންނަ މަންޒަރުފެނުނެވެ.

"ދޫކުރޭ! މިހާރު ދޫކުރޭ! ކަލޭއަށް އަނިޔާކުރަން މާބަނޑު މީހެއް ނޫނީ ނުފެނުތަ؟" ވަހީދާ ހަޅޭއްލަވައިގަތެވެ.
"ބަލަ ކަލޭޔޯ! މާބަނޑުވީމަ ނޫނީ ކަލޭއަށް މީހަކު ފުރާނަ ދުއްވާލާކަށް ނުކެރުނުތަ؟ އެހާލުގައި އިނދެގެން ނޫނީ ކަލޭއަށް އެވަރުގެ ބޮޑު ފާފައެއް ކުރާކަށް ނުވިސްނުނުތަ؟" ޝަރީފު އިނގިލި ދިމާކޮށްލީ ސިނާޒާއާ ދިމާއަށެވެ.

"މީހެއްގެ ފުރާނަ ދުއްވާލަން ރާވާ ފާރައަށް ތިބީ ކަލޭމެން ނޫންތަ؟ އެވެސް ކަލޭގެ މާމަދަރީގެ ބައްޕަ. އާނ. ސިނާޒާގެ ފިރިމީހާ. ޒިޔާދާ ވެސް އަހަރެން ވެސް މިއީ ފުލުހުން. އަހަރުމެން މިއީ އިންޓެލިޖެންސްގައި މަސައްކަތް ކުރާ ދެމަފިރިން. ޒިޔާދާ އިނީ ބަލިވެއެއް ނޫން." ޝަރީފުގެ މޫނު މަތިން ލާނެތް ހިނިތުންވުމެއް ދުވެލިއެވެ.

"މި ހުރިހާ ކަމެއް މި ކުރީ ނާފިޒުގެ މަރުގެ ޙަޤީޤަތް ހޯދަން އެ އާއިލާއިން ބޭނުންވެގެން ކުރަމުންދާ ތަޙްޤީޤަށް ބޭނުންވާ ހެކިތައް ހޯދަން. ޒިޔާދާގެ ފޯނުގައި ސިނާޒާ ދެންމެ ކިޔައިދިން ހުރިހާ ވާހަކަތަކެއް އެ ހުރީ." ޝަރީފު އެއްނޭވާއިން އަމުނައިލިއެވެ.

އެއާއެކު އެންމެންގެ ކުރިމަތީގައި ޒިޔާދާގެ ބަނޑަށް ލައްވައިގެން އުޅުނު މަސްނޫޢީ ރަބަރުގަނޑު ނަގައި ދައްކައިލިއެވެ. ހިނިތުންވެލައިގެން ހުރެއެވެ. މޫނުމަތިން ފަޚުރުވެރިކަމުގެ ކުލަވަރު ފާއްދައިލަމުންނެވެ.

ސިނާޒާއާއި ވަހީދާއަށް ލިބުނު ޝޮކާއެކު އެމީހުން ދެ ކަކޫމައްޗަށް ތިރިވިއެވެ. ހައިރާންވެ އަންތަރީސް ވެގެންނެވެ. ވަންހަނާވެ ފޮރުވިފައިވާ ކޮންމެ ކަމަކީ ވަގުތު ޖެހުންމުން ހާމަވެ ފާޅުވާނެކަމެއްކަން ހިތާއި ސިކުނޑިން ޤަބޫލުކޮށްގެންނެވެ.

"ކޯޓުން މުއްދަތު ޖަހައިދީފައި އެ އޮތީ ހަތްދުވަހަށް. މި ދެ މީހުންނާ މިކަމާ ގުޅުންހުރި މިގޭ އެހެން މީހުން ވެސް ހިފާ ހަތްޔަރުކުރޭ. އަހަރުމެން މި ދަނީ ފުރަން." ޝަރީފުގެ އޯޑަރަށް ފުލުން ސިނާޒާއާއި ވަހީދާ އެ މީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

(ނިމުނީ)
ހިޔާލު

ކިޔުންތެރިއެއް

ވަރަށް ފުރިހަމަ ހާދިސާއެއް

ޖަންނަ

އެންމެ ރީތި އެއް ވާހަކަ...