Cochin dhathuraaeku bodu thiladhunmathi udhuhi gannanee!
image
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް--
0 ކޮމެންޓް
 

ކޮޗިން ދަތުރާއެކު ބޮޑުތިލަދުންމަތި އުދުހި ގަންނަނީ!

މީގެ 29 އަހަރު ކުރިން 1990 ވަނަ އަހަރު ރާއްޖޭގެ އެންމެ އުތުރުގައި ހދ. ހަނިމާދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ އެރަށުގެ ރައްޔިތުންގެ އިތުރުން އުތުރުގެ ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިގެން ދިޔަ ކަމެކެވެ. އެއާޕޯޓާ އެކު ދަތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުމުގެ މަލަމަތި ވެސް ރައްޔިތުންނަށް ނުފެނި އުޅެނިކޮށް 2013 ވަނަ އަހަރު އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރި އެވެ. އެއަށްފަހު 6 އަހަރު ފާއިތުވެގެންދިޔަ ނަމަވެސް އެތަނުން ހިދުމަތް ހޯދާ ފަރާތްތަކުން ބުނަމުން ދަނީ ހަނިމާދޫ އެއާޕޯޓުގެ ކުރިއަށް އިންޓަނޭޝަނަލް ލާފައިވީ ނަމަވެސް އެތަނުގައި އެ ފެންވަރު ނެތް ކަމަށެވެ.
ބިން ބޮޑު ހަނިމާދޫގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި އެއާޕޯޓް ހަދާފައިވާއިރު އެރަށުގެ ބަނދަރާ ގާތްކުރުމަށް ފަހު ޕިކަޕެއް ނުވަތަ ކާރެއްގައި އެއާޕޯޓާ ހިސާބަށް ދިއުމަށް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ހޭދަވާނެ އެވެ. އަޑިގުޑުންތަކާއި ފަސްބޯ އެތައް މަގެއް ހުރަސްކޮށް އެއާޕޯޓަށް ދެވޭއިރު އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައި ފާލަމެއް ވެސް އޮވެ އެވެ. ގިނަ ފަހަރަށް ރަށްރަށުން އެރަށު އެއާޕޯޓަށް ދިއުމަށް ދަތުރުކުރާ މީހުން ގާތް ކުރަނީ އެ ފާލަމަށެވެ.

ހަނިމާދޫ އެެއާޕޯޓުގެ ހިދުމަތްތަކާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެރަށު ކައުންސިލުގެ ޑިރެކްޓަރު އިބްރާހީމް އަލީ ސީއެންއެމްއަށް ވިދާޅުވީ އެތަނަކީ ނަމެއްގައި އޮތް ތަނެއް ނޫން ކަމަށާއި ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތެއް ވެސް ފަށައިގަންނައިރު އެންމެ ރަނގަޅަށް ހިދުމަތް ނުދެވޭނެކަން ފާހަގަކުރައްވާ އިބްރާހީމް ވިދާޅުވީ ކަންކަން ރަނގަޅު ކުރަމަށް ވަގުތު ވެސް ނަގާނެ ކަމަށެވެ.

"ފާލަމަށް ކައިރި ކޮށްގެން ވެސް އެހާ އުނދަގުލެއް ނުވާނެ އެއާޕޯޓަށް ދާކަށް. ދެން ވިއްސާރަ ވެހެންޔާ ފެން ވެހި ދަތިތައް ހުރެދާނެ. އެއީ އެތަނަކީ ހިޔާކޮށްފަ އޮންނަ ތަނެއް ނޫންވީމަ. އެކަމަކު އެތަނުން ހިނގައިގަތީމަ ވަރަށް ކައިރީ ހުންނާނެ ހިޔާވެވޭނެހެން ތަންތަން ވެސް،" އިބްރާހީމް ވިދާޅުވި އެވެ.

- އެއާޕޯޓު ކައިރީ ތަރައްގީކޮށްފައި އޮންނަ ފާލަން

އިބްރާހީމް ވިދާޅުވީ އެއާޕޯޓުގެ ތެރެއިން ވެސް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށެވެ. އެގޮތުން އެތަނުގައި ދެމުން އަންނަ ހިދުމަތުގައި ބޭނުން ކުރަމުން އަންނަނީ އެންމެ ފަހުގެ އާލާތް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެތަނުން ލަގެޖް ކިރަނީ އާދައިގެ ކައްޓާއަކުން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން އިބްރާހީމް ދޮގުކުރައްވަ އެވެ.

"އަސްލު އެކައްޓާއަކީ މިރަށުގައި އުޅޭ އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުންނާއި މީހުން އެމީހުން ގައުމަށް ދަނީ ވަރަށް ސާމާނު ހިފައިގެން. އެހެންވެ ބަރުދަން އަންދާޒާ ކުރަންވެގެން ބައިންދާފައި އިންނަ ކައްޓާއެއް އެއީ. އެ ކައްޓާ އިންނާނީ ވެސް ބޭރުގައި،" އިބްރާހީމް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުން ސަރަހައްދުގެ ތިން އެއާޕޯޓެއްގެ ބައެއް ކަންކަން ވެސް ބަލަހައްޓަމުން އަންނަކަން ފާހަގަކޮށް އިބްރާހީމް ވިދާޅުވީ މާލެ އާއި އައްޑޫގައި އޮންނަ އެއާޕޯޓު ފިޔަވައި އެތަނަކީ އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ އެއް އެއާޕޯޓަށް ވާނެ ކަމަށެވެ. އެގޮތުން 200 އެއްހާ މުވައްޒަފުން އެތަނުގައި މަސައްކަތް ކުރާކަން ފާހަގަކުރެއްވި އެވެ.

ހަނިމާދޫގައި އެއާޕޯޓުގެ ހިދުމަތްތަކާ މެދު ހިތްހަމަޖެހިފައި ހުންނަވާ އިބްރާހީމް ވިދާޅުވީ ތަނުގެ ހިދުމަތް އެއަށް ވުރެ ވެސް ރަނގަޅު ވެގެން ދިއުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އެގޮތުން އެކަމުގެ ކޮޅުމަތި އާވެފައި މިވަނީ ހަނިމާދޫ އެއާޕޯޓާއި ކޮޗިންއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ރަސްމީކޮށް ފެށުމާ ގުޅިގެންނެވެ.

- އިއްޔެ މޯލްޑިވިއަނުން ހަނިމާދޫ އާއި ކޮޗިންނާ ދެމެދު ސީދާ ދަތުރުތައް ފެށުން

ސިއްހީ ހިދުމަތް ހޯދުމުގައި ލުއިތައް!

ހއ. އަތޮޅުގެ 13،004 މީހުންނާއި، ހދ. އަތޮޅުގެ 18،570 މީހުންނާއި ށ. އަތޮޅުގެ 12،127 މީހުންނާއެކު ޖުމްލަ 43،701 މީހުންގެ އާބާދީއެއް ބޮޑު ތިލަދުންމަތީގައި އޮންނައިރު ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އެއާޕޯޓެވެ. އެގޮތުން ގިނަ ބަޔަކު ސިއްހީ އިތުރު ފަރުވާ ހޯދުމަށް މާލެ އައުމަށް ކުރާ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކަށް ވާނީ ހަނިމާދޫ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް މީހުން މާލެ ގެނައުމުގެ ކުރިން ހަނިމާދޫއަށް ކުރާ ދަތުރުތަކަށް ވެސް ނިމުމެއް އައީ ދާދިފަހުން ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކޮށް ހުޅުވުމާއެކު އެވެ. އެކަމަކު އެ އެއާޕޯޓަށް ހަފުތާއަކު ކުރަނީ އެންމެ ތިން ދަތުރުކަމުން އަދިވެސް ހަނިމާދޫ އެއާޕޯޓަށް ގިނަ ދަތުރުތައް ކުރެ އެވެ.

ކޮންމެއަކަސް ހަނިމާދޫ އެއާޕޯޓުން ސީދާ ދަތުރުތައް ކޮޗިންނަށް ފެށުމާއެކު ސިއްހީ ރަނގަޅު ހިދުމަތް ހޯދުމަށް މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމެއް އަންނާނެ އެވެ. އެރަށުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އިބްރާހީމް ވެސް ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ދިއުމުގެ ބަދަލުގައި ސީދާ ދަތުރުތައް އިންޑިއާއަށް ކުރެވިގެންދިއުމަކީ އުތުރުގެ ގިނަ ރައްޔިތުންނަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މިހާރު ބޮޑު ބައްޔެއް ވެގެން ވެސް މާލެ ދާން ނޫނީ މާލެކޮޅަށް ފޮނުވީމަ އިތުރު ފަރުވާއަށް ކޮންމެސް ގައުމަކަށް ދާން. އާންމުކޮށް ދިވެހިން ސިއްހީ ހިދުމަތް ހޯދުމަށް އިންޑިއާއަށް ދާއިރު މިކޮޅުން ޓްރިވަންޑްރަމަށް ވެސް ދަތުރުތައް ކުރޭ. މީހުން ހަނިމާދޫ މަގުން ވެސް އެބަދޭ އެތަނަށް. އަނެއްކާ އިންޑިއާގެ އިތުރު މަންޒިލަކަށް ދިއުމަށް ހުޅުވާލުމަކީ ހަނިމާދޫގެ އިތުރުން ބޮޑުތިލަދުންމަތީގެ ގިނަ ބަޔަކަށް ވެސް އެކަމުގެ މަންފާ ކުރާނެ ކަމެއް،"

ބޭސްފަރުވާގެ އެކި ކަންކަމަށް ގިނަ ދިވެހިން އިންޑިއާއަށް، ވަކިން ހާއްސަކޮށް ކޮޗިންއަށް ކޮންމެ އަހަރަކުވެސް ދަތުރު ކުރެ އެވެ. އެގޮތުން ދިވެހިން ކުރާ ދަތުރުތަކާ ގުޅޭ ގޮތުން ހެދި ސާވޭއިން ދައްކާ ގޮތުގައި އެންމެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށް ކަމަށް ދައްކަ އެވެ. މިހެންކަމުން މޯލްޑިވިއަނުން އަލަށް ފެށި ރޫޓުގެ ސަބަބުން ބޭސް ފަރުވާއަށް ކޮޗިންއަށް ދަތުރު ކުރާ ދިވެހިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ކޮޗިން ދަތުރުތަކާއެކު ފަތުރުވެރިންގެ އަދަދު އިތުރުވާނެ!

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާ ފަތުރުވެރިން އައި ނިސްބަތް ވަނީ ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފަ އެވެ. މިއީ ތާރީހީ ކުރިއެރުމެކެވެ.

އެހެންކަމުން މޯލްޑިވިއަނުން ކޮޗިންނާ ހަނިމާދޫއާ ދެމެދު މި ފެށި ސީދާ ދަތުރުތަކާއެކު މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް އުތުރުގައި ފަތުރުވެރިކަން ފައްކާވަމުން އަންނައިރު މިއީ އެގޮތަށް ބަލާނަމަވެސް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުކެވެ.

ބޮޑުތިލަދުންމަތީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިން، މާލެއަށް ދަތުރުކުރުމަށް ފަހު އެ ސަރަހައްދަށް ދާން ޖެހޭއިރު މިއީ ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެކެވެ. މިހެންކަމުން ހެޔޮ އަގެއްގައި އިންޑިއާއިން ސީދާ ދަތުރުތައް އެސަރަހައްދަށް ކުރެވެން އޮތުމަކީ ލިބޭނެ ބޮޑު ފަސޭހަ އެކެވެ.

މޯލްޑިވިއަނުން ކޮޗިންނާ ހަނިމާދޫ އާއި ދެމެދުކުރާ ދަތުރުތަކުގެ އަގަކީ 10556 އިންޑިއާ ރުޕީސް އެވެ. އެއީ 2,306.36 ރުފިޔާ އެވެ. އަދި ވެލާނާ އެއާޕޯޓާއި ކޮޗިންނާ ދެމެދު ކުރާ ދަތުރުގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްގަ އެވެ. އެއީ 2,053.07 ރުފިޔާ އެވެ.

ރަންވޭ ބޮޑުކޮށް ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ 1230 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ ތަނެއްކަމުން އެތަނަށް ބޮޑެތި ބޯޓު ފަހަރު ޖެއްސުމަށް ޖާގައެއް ނޯވެ އެވެ. މޯލްޑިވިއަންގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓުތަކުގައި ޓްރިވަންޑްރަމަށް ހަފްތާއަކު ދެ ފަހަރު ދަތުރުކުރަމުން އަންނައިރު އިބްރާހީމް ވިދާޅުވި ގޮތުގައި އެ އެއާޕޯޓަށް ދުވާލެއްގެ މައްޗަށް 8 ފްލައިޓް ޖައްސަ އެވެ.

އިބްރާހީމް ވިދާޅުވީ އެރަށު އެއާޕޯޓަކީ އެތައް އަހަރެއް ކުރިން ތަރައްގީކޮށްފައިވާ ތަނެއްކަމުން އެތަނުގެ ރަންވޭ ވަރަށް ކުޑަ ކަމަށެވެ. އެހެންވެ ބޮޑެތި ބޯޓު ފަހަރު ޖައްސަން ޖާގަ ނެތް ނަމަވެސް އުއްމީދަކީ އެތަނުގެ ރަންވޭ ބޮޑުކޮށް ދުނިޔޭގެ ގިނަ ގައުމުތަކެއް ބޭނުންކުރާ އެއާޕޯޓަކަށް އެތަން ވެގެންދިއުން ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެރަށަށް ވަޑައިގެން ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައިވީ ނަމަވެސް އެތަނުން ލިބެންޖެހޭ ހަގީގީ ފައިދާ ހަނިމާދޫއާ އެ ދާއިރާއަށް ލިބެމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ. އެހެންވެ އެ ވައުދުތަކުގައި ހަގީގީ ކުލަ ޖެހޭނެ ދުވަހަކަށް ރައްޔިތުން ތިބީ ފެންބޮވައިގެންފަ އެވެ.

ރައީސްގެ އެ ވައުދާއެކު އިއްޔެ ފެށި ކޮޗިން ދަތުރުގެ ސަބަބުން ތިލަދުންމަތި، އޭގެ ހަގީގީ މާނަގައި އުދުހި ގަތުމަށް ލިބުނު ފުރުސަތަކަށް ނޫނީ ނުވާނެ އެވެ. އުދުހި ގަތުމަށް ފަހު ދެން އޮންނާނީ ތަރައްގީކޮށް ދެމެހެއްޓުމެވެ. ރައްޔިތުން ތިބީ އެ އުއްމީދުގަ އެވެ.
ހިޔާލު