Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ޝަކުވާ

ޝަކުވާ (10 ވަނަ ބައި)
ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ ނަވްޔާ އެހެން އިންދައެވެ. ތިންވަނަ ފަހަރަށް ރިންގުވުމާ އެކު ނަވްޔާ ފޯނު ނެގިއެވެ. އަދި މަޑުމަޑުން ހެލޯއޭ ބުނެލިއެވެ. އެ ކޮޅުން ހައްޔާން ބުނި އެއްޗަކުން ނަވްޔާގެ ދެ ލޯ ބޮޑުވިއެވެ.

ނަވްޔާއަށް އިވުނީ ރަނގަޅަށް ބާވައޭ ހީވިއެވެ.

"ކީކޭ." ލަސްލަހުން ނަވްޔާ ބުނެލިއެވެ.

"މި ބުނީ ނަވްޔާއާ ބައްދަލުކޮށްލާހިތުން މިތާ ބޭރު ޖޯލިފަތީގައި އިންވާހަކަ. އަޅެ އެންމެ ފަސް މިނެޓަށް ނަމަވެސް ނުކުމެބަލަ." ހަމަޖެހިލާފައި ހައްޔާން ބުނެލިއެވެ.

"ނުކެރޭނެ." ނަވްޔާ ބުންޏެވެ.

"ނަވްޔާ ނުކުންނަންދެން މިތާ މި އިނީ." ހައްޔާން ބުންޏެވެ.

ނަވްޔާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ހައްޔާން ފޯނު ކަނޑައިލިއެވެ. ނަވްޔާ ހާސްވިއެވެ. ދެން ހަދާނީ ވެސް ކިހިނެއްހެއްޔެވެ. ބަދިގެ ފަރާތުގައިވާ ގޯތިތެރޭގައި ހައްޔާން އިންކަން އެނގުމުން އެ ހިތުގެ ވިންދު އަވަސްވެފައިވެއެވެ. ހައްޔާން އިނީ ނަވްޔާގެ އިންތިޒާރުގައެވެ. ފޮނިފޮނި ރާގެއް ނަވްޔާގެ ހިތުގައި ކުޅެލިހެން ހީވިއެވެ. ޖާޖުލެއްގައި ޖެހިފައި ހުރިމީހެއް ފަދައިން ދެތިން ފިޔަވަޅު ނަވްޔާ ކުރިއަށް އެޅިއެވެ.

ނަމަވެސް އެ ވަގުތު ނަސީމާއްތަގެ އިންޒާރާއި ހުޔޫންގެ ވިހަގަދަ ބަސްތައް ކަންފަތުގައި ގުގުމަން ފެށިއެވެ. އެ ބަސްތަކުން ނަވްޔާގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ހިތުގެ މައްޗަށް ބާރުފޯރުވަމުން ނަވްޔާ އެނބުރި އެނދަށް ދިޔައެވެ. ނަވްޔާ ނުނުކުތުމުން ހައްޔާން ހިނގައިދާނެތާއެވެ. ނަވްޔާގެ ފަރާތުން އިޝާރާތް ނުވާން ފެށުމުން ފަހަތުން އުޅުން ހައްޔާން ހުއްޓައިލައިފާނެއެވެ. ނަވްޔާއަށް ވުރެ ހާސްބައި ރީތި، ރަނގަޅު ކުދިން ހައްޔާނަށް ވާނެއެވެ. އަމިއްލަ ބަދުނަސީބުކަމުގެ މައްޗަށް ކަރުނަ އޮއްސަމުން ދެ ފަރާތަށް ފުރޮޅިފުރޮޅި ނަވްޔާ އޮތެވެ.

***************

ރަށުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާފައިވާ ރެސްޓޯރެންޓުގައި މަތީ ބައިގައި ނަސީމާމެންގެ ގުރޫޕު ތިއްބެވެ. އާދައިގެ މަތިން މިރޭ ވެސް އެންމެން އެއްވެ، ކޮންމެވެސް ކެއުމަކަށް އިންސާފުކުރަމުން ދަނީއެވެ. ނަސީމާއާ ޖެހިގެން އިން ހުމެއިދާ ދައްކަމުން ދިޔަ ވާހަކައަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވެއެވެ. ޒުވާން އުމުރު ފަހަނައަޅައި ދިޔަނަމަވެސް ހުމެއިދާއަކީ އަދިވެސް ރީތި އަންހެނެކެވެ. ކުރީގެ ލޫޅާފަތިކަން ދަމަހައްޓަން ކުރާ މަސައްކަތުގެ އެދެވޭ ނަތީޖާ އެންމެންގެ ލޮލުގައި ވެސް އަޅައިގަނެއެވެ. އޭގެ އިތުރުން ރަށުގެ އެންމެ މުއްސަނދިމީހާގެ ލަގަބު ލިބިފައިވާ މާހިދުގެ އަންހެނުންނަށްވުމީ އެހެން އެންމެންގެ ސަމާލުކަން އޭނާއަށް ލިބޭކަމަކަށް ނޫނީ ނުވެއެވެ.

ހުމައިދާގެ ވާހަކައިގެ ތެރެއިން ހައްޔާންގެ ނަން އިވުމާ އެކު ނަސީމާގެ ކަންފަތް ކޮޅަށް ޖެހުނެވެ. ހުމައިދާ ބުނިގޮތުންނަމަ އަދިވެސް ހައްޔާން މީހާކާ އިންނަ ޚިޔާލެއް ނުކުރެއެވެ. ހުޔޫން ވެސް އެކަހަލަ ކަމެއް ކުރާހެން ހީނުވާ ވާހަކަ ބުންޏެވެ. ނަސީމާއަށް އަވަހަށް މާމަ ކިޔާނެ ކުއްޖަކު ލިބިގެން މުސްކުޅި ވިޔަސް އޭނާއަށް އެހާއަވަހަކަށް މާމަ ނުކިޔާނެ ނޫންހޭ ކިޔާފައި ހުމެއިދާ ހޭން ފެށުމުން އެންމެން ވެސް ހޭންފެށިއެވެ. ނަސީމާ ވެސް ގަދަކަމުން އެ ހުނުމުގައި ބައިވެރިވެލިއެވެ.

ގުރޫޕު މީހުންގެ ތެރެއިން އެންމެ އަވަހަށް މާމަ ކިޔާނެ މީހަކީ އޭނާއަށް ވުމީ ނަސީމާ ބޭނުންވި ކަމެއް ނޫނެވެ. އެ ކަމާ ގުޅޭ ގޮތުން މަލާމަތްކުރުމުން ހުމެއިދާއާ ދޭތެރޭގައި ހިތްހަމަނުޖެހުމުގެ އޮއިވަރެއް ނަސީމާގެ ހިތުގައި ހިނގައިލިއެވެ. ނުވިތާކަށް ހައްޔާންގެ ޚިޔާލު ހުރިގޮތުން މި ކުރިމަތިވީ އިތުރު ގޮންޖެހުންތަކެކެވެ.

"ނަސީ، ކޮބައިތަ އަޒްކާ؟ މިހާރު ނުވެސް ފެނޭ. މާލެއިން އައިއިރު އަޒްކާއަށޭ ކިޔާފައި ހުޔޫން ގެނެސްފައި އޮތް ހަދިޔާއެއް ވެސް އެބައޮތް. އާދެބަލަ އަޒްކާ ގޮވައިގެން އެއް ދުވަހަކު. އަޒްކާއާ ދިމާވެ އުޅެން ފަށައިފިއްޔާ ހައްޔާންގެ ޚިޔާލު ވެސް ބަދަލުވެދާނެ އެއްނު. އަޒްކާއާ ހައްޔާނާ ވަރަށް ގުޅޭނެހެން މަށަށް ހީވަނީ." އެންމެންގެ ހުނުން ހުއްޓުމުން ހުމައިދާ ބުންޏެވެ.

ހުމެއިދާ ބުނި އެއްޗެއް ޤަބޫލު ނުކުރެވިފައި ހިނދުކޮޅަކު ނަސީމާ އިނެވެ. ހުމައިދާ ހަމައަށް އެ ވާހަކަ ގެންދާނެ ގޮތަކާ ދޭތެރޭގައި ނަސީމާ ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަމިއްލައަށް އިސްނެގުމަށް ވުރެ މިވީ އަދި މާ ރަނގަޅަށެވެ. ފުޅާ ހިނިތުންވުމެއް ނަސީމާގެ މޫނުމައްޗަށް ވެރިވިއިރު ދާދި ދެންމެއަކު ހުމެއިދާއާ ދޭތެރޭގައި ހިތުގައި އުފެދުނު ހިތްހަމަނުޖެހުމުގެ މަތިން ހަނދާން ނެތިއްޖެއެވެ. ހުމެއިދާގެ ވިސްނުމުގެ މިސްރާބު އެނގުމުން ނަސީމާގެ މަގުސަދު ހާސިލުވާނެކަމުގެ ފެހި ސިގްނަލް ލިބުނީއެވެ.

"ހުމޭއަށް އެނގޭތަ؟ އަޒްކާ މިހާރު ވަރަށް މީރުކޮށް ކައްކާ. އަބަދު އުޅެނީ ކޮންމެ ވެސް މަސައްކަތެއްގަ. އެހެންވެ ނުފެންނަނީ." ނަސީމާ ބުނެލިއެވެ.

ނަސީމާއަށް ގެއަށް އާދެވުނު އިރު ބާރަޖަހަނީއެވެ. އޭރު ސިޓިންގްރޫމްގެ އަނދިރިކަމުގެ ތެރެއިން ޓީވީގެ އަލި ފާޅުވާން ހުއްޓެވެ. ޓީވީގެ އަޑު ހުރީ މަޑުކޮށްފައެވެ. ސޯފާގައި އިމާޒު އޮތްހެން ހީވެގެން އެދިމާއަށް ނަސީމާދިޔައެވެ. ނަމަވެސް ކައިރިއަށް ދިޔުމުން އެތާ އޮތީ ޝަމްނާ ކަން އެނގުނެވެ. އުފުލިފައިވާ ބަނޑުކޮޅުގައި އެއްއަތް އަޅައިގެން އަނެއް އަތުން ރިމޯޓު ހިފައިގެން އޮތް ޝަމްނާއަށް އޮތީ ނިދިފައެވެ. ޝަމްނާއަށް ގޮވާފައި އެތާ އޮތީ ކީއްވެތޯ ނަސީމާ އެހީ ހިތްހަމަނުޖެހިފައި ހުރެއެވެ. އިޔާދު އަންނަންދެން އިންދާ ނިދުނީކަމުގައި ޝަމްނާ ބުންޏެވެ. ޝަމްނާ އެހެން ބުނުމުން ނަސީމާގެ ބޮލުގައި ރިއްސައިލިއެވެ. އިޔާދު މާގިނައިން ބޭރުގައި އުޅޭކަން ނަސީމާއަށް ވެސް ފާހަގަކުރެވިފައިވާތީއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ނަސީމާ ކޮޓަރިއަށް ދިޔައެވެ. ޝަމްނާގެ ހިތަށް ލިބޭނެ ތަކުލީފަކަށް ފިކުރު ހިންގާވަރަށް ވުރެ ނަސީމާއަށް ލިބިފައިވާ ހިތްހަމަޖެހުން މާ ބޮޑެވެ.

ނަސީމާ ދިޔުމުން ޝަމްނާ ތެދުވެ ކޮޓަރިއަށް ދިޔައެވެ. ހުސް އެނދު ފެނުމާ އެކު ޝަމްނާގެ ލޮލަށް ކަރުނައިގެ ދިލަކަން އިހުސާސް ކުރެވުނެވެ. މިހާރަކަށް އައިސް ޝަމްނާއާ ދޭތެރޭގައި އިޔާދު ކަންތައް ކުރާ ގޮތް ހިތަށްއަރާފައެވެ. ކުރީގައި ޝަމްނާއާ އެކު ވަގުތު ހޭދަ ކުރި ނަމަވެސް މިހާރު އިޔާދަށް ވަގުތު ވާކަމަކަށް ނުވެއެވެ. ގިނަ ރޭރޭ އިޔާދު ގެއަށް އަންނާނީ ރަށުގެ ކެފޭތައް ލައްޕާފަހުންނެވެ. ރައްޓެހިންނާ އެކު ކޮފީއަށް ނުގޮސް އިޔާދަށް ނިދޭކަމަކަށް ނުވެއެވެ. އިޔާދު ބުނާ ގޮތުން ނަމަ އެއީ މެނދުރުފަހުން ފެށިގެން ރޭގަނޑު ވަންދެން ފިހާރައިގައި މަސައްކަތް ކުރާތީ ހަށިގަނޑާއި ސިކުނޑިއަށް ލިބޭ ލޮޑުކަން ފިލުވައިލުމަށް އިޔާދު ބޭނުންކުރާ ހަތިޔާރެވެ. ނުނިދިފައި އޮއްވާ ކޮޓަރިއަށް އިޔާދު ވަން އަޑު އިވުނެވެ. ޝަމްނާ އަވަސްއަވަހަށް ލޯ މަރައިލުމަށް ފަހު ނިދާކަމަށް ހެދުނެވެ. އެއްޗެކޭ ބުނެފިއްޔާ އިޔާދު ރުޅި އަންނާނެކަން އެނގޭތީއެވެ.

ކޮޓަރިއަށް ވަން އިޔާދަށް ޝަމްނާ ލޯ މަރައިލިތަން ފެނި، ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ކޫސަނި މައްސަލަ ޖައްސާ ޝަކުވާ ކުރުމުގެ ނިޔަތެއް މިރޭ ޝަމްނާގެ ނެތްކަން އެނގުމުންނެވެ. ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯވެ ފަހަތުން ޝަމްނާގެ ގައިގައި އިޔާދު ބައްދައިލިއެވެ. އަދި ލޯބިން ޝަމްނާގެ ބަނޑުގައި ފިރުމައިލިއެވެ. ވަގުތުން ޝަމްނާގެ ހިތުގެ އުދާސްތައް ފިލިއެވެ. ނިދެމުން ދިޔައިރު މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ޝަމްނާ ނިދީކަން ޔަޤީންވުމުން ދުރަށްޖެހިލާފައި އިޔާދު ނެގީ ފޯނެވެ.

ފަތިހު ފަތިސް ނަމާދުކޮށްގެން ނަވްޔާ ގޭގެ ބިތްދޮށަށް ނުކުތް އިރު ފަޖުރުގެ އަލިކަން މުޅި ކާއިނާތަށް ވެރިވެފައިވެއެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިތައް ޖަނބުރޯލުގަހުގެ ފަތްތަކާ ސަމާސާކުރަމުން ދިޔައެވެ. ރޭގައި ވެސް ރަނގަޅަށް ނުނިދުމުގެ ސަބަބުން ނަވްޔާގެ ލޯ ރަތްވެފައިވެއެވެ. ވަކި ހިސާބަކަށް ގޮސްފައި ނަވްޔާއަށް ހުއްޓުން އެރީ ޖޯލިފަތީގައި އޮތް ހައްޔާން ފެނިފައެވެ. ހައްޔާން ރޭގައި ގެއަށް ނުގޮސް ނަވްޔާގެ އިންތިޒާރުގައި މިތާ އޮތީ ހެއްޔެވެ؟ އުފާވެރިކަމުގެ ރާޅުބާންޏެއް ނަވްޔާގެ ހިތުގައި އުފެދުނެވެ. ހައްޔާންގެ ހިތުގައި ނަވްޔާ އާ ދޭތެރޭ ޚާއްސަކަމެއް ދެވިފައިވާކަން ޔަޤީން ކުރެވިފައެވެ.

ނިދިފައި އޮތް ހައްޔާން އޮތީ ދެފައި މައްޗަށް ނަގައިގެން ކުރުގެޅިގެންނެވެ. ފަތިހުގެ ފިނީގެ އަސަރު ހައްޔާނަށް ކޮށްފައިވާކަން ނަވްޔާ ދެނެގަތެވެ. އަމިއްލަ ނަފުސު ކުށްވެރިކުރަމުން ނަވްޔާ އަވަސް ފިޔަވަޅުތަކެއްގައި ޖޯލިފަތި ކައިރިއަށް ދިޔައެވެ. ހައްޔާނާ ދިމާއަށް ގުދުވެފައި އެ މޫނުގައި ނަވްޔާ ފިރުމައިލީ އަމިއްލަ ނަފުސުގެ ލަގަން ދޫވެފައިވާ ހާލުއެވެ.

ނަވްޔާގެ އަތުގެ ބީހުން އިހުސާސް ކުރެވުމާ އެކު ހައްޔާން ލޯ ހުޅުވައިލިއެވެ. ދާދި ގާތުގައިވި ނަވްޔާ ފެނުމުން ހީނލައިފައި ދެ ފައިތިރިކޮށްލަމުން ތިއައީތޯ އަހަލިއެވެ. ވަގަށް ކަމެއް ކުރަނިކޮށް ފަޅާއެރުމުން ސިހޭފަދައިން ނަވްޔާ ސިހުނެވެ. ރަކިވި ވަރުން އެއްޗެއް ނުބުނެ، އަވަސް އަވަހަށް ދުރަށް ޖެހިލަން އުޅުނުވެ. ނަމަވެސް ހައްޔާން ކުއްލިއަކަށް ނަވްޔާގެ އަތުގައި ހިފާފައި ގާތަށް ދަމައިލިއެވެ. ނުވިސްނާ ހުރި ނަވްޔާ ގޮސް ޖެހުނީ ހައްޔާންގެ މޭމަތީގައެވެ. ނޭވާލާން ވެސް ހަނދާންނެތިފައި ނަވްޔާއަށް އޮވެވުނެވެ. އޭރު ހިތުގެ ހިންގުން އަވަސްވެ ނަވްޔާގެ ހަތަރެސްފައި ފިނިވެއްޖެއެވެ.

"އައި ލަވް ޔޫ ނަވްޔާ." ނަވްޔާގެ ކަންފަތްދޮށުގައި ވައިއަޑުން ހައްޔާން ބުންޏެވެ.

އެ ޖުމްލަ އަޑުއިވުމާ އެކު ނަވްޔާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އިސްއުފުލައި ބަލައިލިވަގުތު ހައްޔާނާ ހަތަރުކަޅު ހަމަވިއެވެ. ހައްޔާންގެ ލޮލުން ތެދުވެރިކަން ނޫން އެހެން އެއްޗެއް ނަވްޔާއަކަށް ނުފެނުނެވެ. ހިތްއެދޭ ބައިވެރިއަކު ލޯބީގެ އިޤުރާރުވުމުން ލިބޭ ހިތްހަމަޖެހުމާއި އުފަލަކީ ކޮބައިކަން އެ ވަގުތު ނަވްޔާއަށް އިހުސާސް ކުރެވުނެވެ. އެ ފޮނިފޮނި އިހުސާސްގައި ނަވްޔާގެ ހިތް އޮޔާދާން ދޫކޮށްލުމަށްފަހު ހައްޔާންގެ މޭގައި ނަވްޔާ ބޯ އަޅައިލިއެވެ.

ދުލުން ފާޅުނުކުރިޔަސް ނަވްޔާގެ މި އަދާއިން ނަވްޔާގެ ހިތުގެ ހާލަތު ވަޒަންކުރާކަށް ހައްޔާނަކަށް އުނދަގުލެއް ނުވިއެވެ. ހައްޔާންގެ އަތުތެރޭގައި ނަވްޔާ ޤައިދުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ބީދައިންނެވެ. ދުނިޔޭގެ ހުރިހާ އުފާ ނަވްޔާގެ އުނގަށް ޖަމާވީހެން އެ ވަގުތު ހީވިއެވެ.

ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. ދުވަހުގެ ކޮއްތު ހޯދުމަށް ޖަނބުރޯލުގަހަށް ތިރިކުރި ކޮވެއްޔެއްގެ އަޑަށް ނަވްޔާއަށް ހޭވެރިކަންވެ، ހަމަބިމަށް އާދެވުނެވެ. ހައްޔާންގެ އަތްފޮޅުވައިލުމަށްފަހު ކުއްލިއަކަށް ތެދުވެ އަނެއް ފަރާތަށް ނަވްޔާ އެނބުރުނެވެ. އަދި ތުރުރުތުލާ އަޑަކުން އެ ތަނުން ދިޔުމަށް ހައްޔާންގެ ގާތުގައި ބުންޏެވެ.

ނަވްޔާއަށް މިއައި ކުއްލި ބަދަލުން ހައްޔާންގެ ތަބީޢަތް ވެސް ގޯސްވިއެވެ. ނަފުސަށް ވެރިވި ނުތަނަވަސްކަމާ އެކު ތެދުވެ ނަވްޔާގެ މުލައްދަނޑީގައި ހިފާފައި މަގަތަށް އަނބުރައިލިއިރު އެ އަމަލުގައި ހަރުކަށިކަމެއް ވިއެވެ. އިސްދަށަށް ޖަހައިގެން ހުރި ނަވްޔާގެ ދަތްދޮޅި އެއް އިނގިލިން އުފުލައިލި އިރު އެ ދެ ލޮލުން ކަރުނަ ބަބުޅަމުންދިޔަތަން ފެނި ހައްޔާންގެ ހިތް މަޑުވިއެވެ. ބަސްމޮށުމަކާނުލާ އެ ކަރުނައިން އެތައް ވާހަކައެއް ހައްޔާނަށް ކިޔައިދީފިއެވެ.

"ނަވްޔާ.." ހައްޔާން ފެށިއެވެ.

ނަމަވެސް ހައްޔާނަށް އިތުރަށް އެއްޗެކޭ ބުނެވުމުގެ ކުރިން ބަދިގެއިން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވޭ އަޑު އިވުނެވެ. ނަވްޔާއާއި ހައްޔާނަށް އެއްފަހަރާ އެ ދިމާއަށް ބަލައިލެވުނުއިރު ނަވްޔާގެ ލޮލުގައި ވަނީ ސިހުމެވެ.

(ނުނިމޭ)
ހިޔާލު