Vaahaka: Muskulhiya
image
ވާހަކަ: މުސްކުޅިޔާ--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: މުސްކުޅިޔާ

"އަސްލުތީ ވަރަށް ފިނޑިންގެ ގޮތެއް! އެއްވެސް ގަޓެއް ހުންނަ ނަމަ ތިހެން މޫނު ނިވައިކޮށްގެން ނޫޅޭނެ،" ރަމްލާ އަހަންނާ ދިމާކޮށްލިއެވެ. "ތިޔަށް ވުރެ ރީތި ފޮޓޯއެއް ޕްރޮފައިލަށް ލެވިދާނެ ދޯ!"
"ކީއްކުރަން؟" ފޯނަށް ބަލައިގެން އިނދެ އަހަރެން ލިޔެލީމެވެ.
"މޫނު ނިވައިކޮށްގެން ތިޔަ ހުންނަނީ މީހަކަށް ފެނިދާނެތީ ތަ؟" ނިމުމެއް ނެތް އެ ޝަކުވާއެއް ރަމުލާ ތަކުރާރުކޮށްލިއެވެ. "މަ ކިހައިވަރަކަށް ބުނާނީ ތި ފޮޓޯ ބަދަލުކުރާށޭ. މި ޒަމާނާ ނުވެސް ގުޅޭ. ތީ ވަރަށް ކަޓު ގޮތެއް އިނގޭ."
"ތިއޭ މައްސަލައަކީ؟" އަހަރެން ބޭނުންވީ ރަމުލާއަށް ވިސްނައިދޭށެވެ.

"ކޮބައި؟" ސުވާލުމާކު ތަކުން ރަމުލާ އިސްކުރީނު ފުރައިލިއެވެ.
"މާ ބޮޑަށް ސޯޝަލް މީޑިއާއަށް ބަރޯސާވުން،" އަހަރެން އޮޅުން ފިލުވައިދިނީމެވެ. "ތިމާ އުޅޭތަންތަނާ ކުރާ ކަންތަކާ، ކާ އެއްޗެއްސާ ލައިހެދުމަށް ދަންދެން އެހެން މީހުންނަށް އާއްމުކުރުން. ނުވިތާކަށް ފޮޓޯ އާއްމުކުރުން."
"އެ މައްސަލައެއް ތަ؟" ރަމުލާ ހިނިގަނޑެއް ފޮނުވައިލިއެވެ.

"އެ މައްސަލައެއް ނޫން! އަމާން އޮމާން މުޖުތަމައުތަކުގައި،" އަހަރެން އިނގިރޭސިބަހުން ލިޔެލީމެވެ. "އެކަމަކު ރާއްޖޭގައި ވިސްނާލަން ޖެހޭ."
"ތި ބުނީ ރާއްޖެއަކީ އަމާންތަނެއް ނޫނޭތަ؟" ރަމުލާ ވެސް އިނގިރޭސިބަހުން ލިޔެލިއެވެ.

"ނޫސްތަކުގެ ފަލަސުރުޚީ ފަވާލާ ޚަބަރުތަކާއި ފުލުހުންގެ ފަރާތުން އާއްމުކުރާ މިކަހަލަ ވާހަކަތަކަށް ބަލައިފަ އެއްޗެކޭ ބުނޭ،" އަހަރެން ބޭނުންވި ދިމާއަށް ރަމުލާގެ ވިސްނުން ބަދަލުކޮށްލެވުނީތީ ހިތްހަމަޖެހިލެވުނެވެ. "އަމިއްލައަށް ބުނެބަލަ؟"
"ކީކޭ!" ރަމުލާގެ ޖަވާބު އަވަހެވެ.

"ގެއިން ބޭރަށް އެކަނި ނުކުންނަށް ޖެހިލުންވޭތަ؟ ކޮޓަރި ތަޅު ނުލައި ބޭރަށް ދެވޭތަ؟ މީހެއްގެ އުނދަގުލެއް ނެތި މަގުމަތީ ހިނގައިފައި ދެވޭތަ؟" އަހަރެން ހުއްޓައިލީ ރަމުލާ ލިޔަން ފެށުމުންނެވެ.

"ބަލަ ތިޔައީ މާލޭގެ ހާލަތޭ. ރަށްރަށުގައި ތިކަހަލަ އެއްވެސް ބިރުވެރިކަމެއް ނޯވޭ. އެހެންވީމަ އަމިއްލައަށް ތި ބުނަނީ މާލެއަކީ އަމާންތަނެއް ނޫނޭދޯ!" އަނގަބޮޑުކޮށްލާ ބޭރަށް ދޫ ނެރެފައިވާ މޫނެއްގެ ނިޝާނެއް ރަމުލާ ފޮނުވައިލިއެވެ.
"އޯކޭ! އަހަރެން އެއްބަސް،" އަހަރެން ލިޔެލީމެވެ. "އެކަމަކު؟"

"ކޮން އެކަމެއް!" ރަމުލާގެ ހުރީ ތައްޔާރަށެވެ. "ޒަޔާންނަށް ހަވާލުކުރި މަސައްކަތް ނިންމާ! އޭރުން...!"
ޖެހިގެން އައީ ހުކުރު ދުވަހެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. އަހަރެން ހުރީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި މަޑުކޮށްލައިގެންނެވެ. މުޅިން އައު މާހައުލަކަށް ވީތީ ހަނދާންތައް ކެމެރާގެ އެހީގައި ރައްކާކުރުމައިގެން މަސްޢޫލުވެގެންނެވެ. ފޯނަށް މެސެޖެއް ލިބުނުކަން އިޢުލާންވެގެން ދިޔައެވެ.

"ލޯންޗު އޮތީ ފާލަން ކައިރީ ތައްޔާރަށް. ކައްޕިގެ ނަންބަރު މިއޮތީ." ރަމުލާގެ މެސެޖެކެވެ.
އަހަރެން އަވަސްވެގަތީ މެސެޖުގައި އޮތް ނަންބަރަށް ގުޅާށެވެ. ގަޑިއެއްހާ އިރުގެ ދަތުރެއް ނިންމާލުމަށްފަހު ލޯންޗުން ފޭބުމަށްފަހު ވަށައިގެންވާ މާހައުލަށް ބަލައިލީމެވެ.


ސާފު އަމާން، ހިމޭން މާހައުލެކެވެ. ތަނަސްވަސް ފުޅާ ބަނދަރެކެވެ. އިތުރު ފުރިހަމަކަމެއް ބަނދަރަށް ގެނުވައިދެނީ ފަޅުގައި ތަރުތީބުކޮށް ހައްޔަރުކޮށްފައިވާ ބިޔަ އޮޑިދޯނި ފަހަރުންނެވެ. ތަނަވަސް ފުޅާ އަތިރިމައްޗެކެވެ. ތަރުތީބު ކުރެވި ހައްދާފައިވާ ރުއްތަކެކެވެ. ބަނދަރުގެ އެއްކޮޅުގައި ކުލަކުލައިގެ ސާމާނުތަކުން ފުރިފައިވާ ކުޑަކުދިންގެ ޕާކުން ބަނދަރުމަތީގެ ހައިބަތު އިތުރުކޮށްދެއެވެ. އަނެއްކޮޅުގައި ހުރި މާސިންގާ ސްޓޭޖެކެވެ. ދުރުދުރުގައި ފަނުން ހަދާފައިވާ އަވިކުޑަތަކެއް ބަރިއަކަށް ރުކުރުވާލައިފައި ހުއްޓެވެ. ކޮންމެ ކުޑައެއްގެ ހިޔަލުގައި ވަށައިގެން އިށީނދެވޭނެ ގޮތަށް ހުއްޓެވެ. މުޅިމަންޒަރުގެ ތަސްވީރެއް ކެމެރޭގައި ކުރަހާލެވުނެވެ. ރަށްފުށުގެ ހަނދާނަކަށެވެ.

'ދަތުރުވެރިންގެ ހިޔާ' ކުރިމަތީގައި ހަތަރުފުރާޅަށް ހަދައިފައިވާ ބިނާގެ ނަންބޯޑު ކިޔައިލެވުނެވެ.
އަހަރެންގެ ކުރިމަތީގައި މިވަނީ ބޮޑު އިމްތިހާނެކެވެ. ބޮޑު ގޮންޖެހުމެކެވެ. ދަންނަ އެއްވެސް މީހަކު ނެތް މި ފަސްގަނޑަށް އަހަރެން ދިރެން އެބަޖެހެއެވެ. މިތަނަށް ހޭނެން އެބަޖެހެއެވެ. ބީރައްޓެހިކަން އެއްފަރާތްކޮށް ކެރެން އެބަޖެހެއެވެ. ތަނަވަސް ކަމުގެ ހިޔަލުން ފެންވަރައިގެން ކުރި ހުރިހާ ކަމެއް ދޫކޮށްލައި އަހަރެން މިއައީ މި އިމްތިހާނުން ފާސްވުމަށެވެ.

ކުރިމަތީހުރި ދަތުރުވެރިންގެ ހިޔަލަށް ވަދެ ހަމަޖެހިލީމެވެ. ފުރަތަމަ ބޭނުންވީ އަރާމުކޮށްލާށެވެ. ހިތުގައި ކުރެހިފައިވާ ތަސައްވަރާ ހަމައަށް ދިއުމަށް ކުރަން ހުރިމަސައްކަތް ބޮޑުކަމުންނެވެ. ރީތިކޮށް ހަދާ މުށިޖަހައިފައިވާ އަށިގަނޑުމަތީގައި އޮށޯވެލީމެވެ. ބޯދަށަށް ދަބަސް ލައިގެންނެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތަކާއެކު ބޮލަށް ލިބުނު ލުއިކަމުގެ ސަބަބުން އިސާހިތަކު ނިދޭގޮތްވިއެވެ.

"ދޮންކަލޯ! ދޮންކަލޯ! ތެދުވޭ." ކުއްލިއަކަށް ސިހިފައި ލޯހުޅުވާލެވުނެވެ. ކުރިމަތީ ހުރީ ދެބައި ޢުމުރުގެ ފިރިހެނެކެވެ. ދޮން ހަންގަނޑެއްގެ ވެރިއެކެވެ. ސާދާ މޫނެކެވެ. އެކުވެރި ހިނިތުންވުމަކާއެކުގައެވެ.
"ކިހިނެއްވީ؟" އެ މީހާގެ މޫނަށް ބަލަން އިނދެ އަހައިލެވުނެވެ.
"ނިދަނީ ދޯ! އަހަރުމެން މިއުޅެނީ ތާސްގަނޑެއް ޖަހައިލަން ހަތަރު މީހުން ހަމަނުވެގެން." އެ މީހާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

ޖަވާބުގައި އަހަރެން ހިނިތުންވެލީމެވެ. ކޮޅަށް ތެދުވެލަމުން ކޮނޑުގައި ދަބަސް އެލުވައިލީމެވެ.
"މިތަނުގައި މަޑުކޮށްލާ." ތަންކޮޅެއް ދުރުގައި ހުރި ކުޑަދަށުގައި ހުރި ޖޯލީ ތިބި ދެމީހަކަށް އޭނާ އަތުން ހަނައަޅައިލިއެވެ.
"މިރަށުގައި ގެސްޓްހައުސް ހުރޭތަ؟" އަށިގަނޑުމަތީގައި އިށީނދެ ދެފައި ވަށްކޮށް ހަމަޖެހިލަމުން އަހައިލީމެވެ.
"ނުހުރޭ! އެކަމުގެ ކުއްޔަށްދޭ ކޮޓަރިތައް ހުންނާނެ،" އެމީހާ ބަލައިލީ އަހަރެންގެ މޫނަށެވެ. "މި ރަށުގައި ރައްޓެއްސެއް ވެސް ނެތް ތަ؟"

ޖަވާބުގައި އަހަރެން ނިތްއަރުވައިލީމެވެ.
"އަހަންނަށް ކިޔަނީ އާދަނު،" އެމީހާ ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. "އަހަރުމެން ގެ ވެސް މުޅިން ނުނިމިގެން މިއުޅެނީ!"
އާދަނު އަހަރެންގެ މޫނަށް ބަލައިލިއެވެ.
"އަހަރެން މީ ޒަޔާން." ސަލާމަށް އަތްދިއްކޮށްލަމުން އަހަރެން ބުނެލީމެވެ.
"ކޮން ރަށެއްތަ؟" ސަލާމުގެ ޖަވާބުގައި އާދަނު ކޮށްލީ ސުވާލެކެވެ.
"މާލެ." އަހަރެން މަޑުމަޑުން ބުނެލީމެވެ.

"ކީއްކުރަން މިކޮޅަށް ތިއައީ؟" އާދަނު އަށިގަނޑުމަތީ ހަމަޖެހިލިއެވެ.
"ކުޑަ ޕްރޮޖެކުޓެއްގަ. އަމިއްލަ މަސައްކަތެއް ކޮށްލަން." އަހަރެން ހިނިތުންވެލީމެވެ.
"ދެން ރައްޓެހިވީތާ ދޯ،" އާދަނު ބަލައިލީ ޖޯލިފައްޗަށެވެ. އޭނާގެ އިޝާރާތަށް އައި ދެ އެމީހުންނާ އަރާ ހަމަވަނީއެވެ. "މިރަށް ކިހިނެއް ތަ؟"

"އަދި މި ލެފީ،" އާދައިގެ ރާގެއްގައި އަހަރެން ބުނެލީމެވެ. "އެކަމަކު ދެން ތި މީހުންނާއެކު ގަނޑެއް ޖަހައިލައިފަ ދާނީ."
"ކޮބާ އާދަނާ މި ކޮން ސޮރެއްތަ؟" އާދަނުގެ އިޝާރަތަށް އައި މީހުންގެ ތެރެއިން އެންމެ ދޮށްޓަށްހުރި ޤާސިމު ރާގު އަޅުވައިލަމުން ބުނެލިއެވެ.

"މި މާލޭ ސޮރެކޯ. ކަމެއް ކުރަން އައިހޯ މިއުޅެނީ. އެ ސޮރު ދަންނަ މީހަކު ވެސް ނެތޯ." އާދަނު އޮޅުން ފިލުވައިދިނެވެ.
"އެހެންވީ އިރު މިއަދު ޖެހޭނީ ބަލިވާ ބަޔަކު ސައިދޭ ގޮތަށް ކުޅެން." އެމީހުންނާއެކު އައި ދެވަނަ މީހާ ބުނެލިއެވެ.

"އެންމެ ރަނގަޅު. ބަލި ނުވިޔަސް އަހަރެން ސައި ދީފާނަމޭ." އަހަރެން ބޭނުންވީ ތަނަށް ހޭނިލާ މީހުންނާ ފަރިތަވެލާށެވެ.
އަހަރެން ތާސްކުޅެމެވެ. އެކަމަކު އެކަނިމާ އެކަންޏެވެ. ކޮންޕިއުޓަރުންނެވެ. ގުރޫޕު ހަދައިގެން ދުވަހަކު ވެސް ނުކުޅެމެވެ. މިއީ ވެސް އާ ތަޖުރިބާއެކެވެ. ތާސްކުޅުމަކީ ގޯސް އާދައެއްކަމަށް ބޮޑުދައިތަ އަބަދު ވެސް ނަސޭހަތްދޭ ހަނދާން އުތުރިގަތެވެ. މައްސަލައަކީ ތާސްކުޅުމެއް ނޫނެވެ. ތާސްކުޅެން ތިބެ ނަމާދު ވަގުތު ފަހަނައަޅައި ދިއުމެވެ. އެއްޗެއް ހާސިލުކުރުމަށް ބާޖުމަރައިގެން ތާސްކުޅުމެވެ. އެމީހުންނަށް ސައިދޭން އަހަރެން ބޭނުންވީ ވެސް އެހެންވީމައެވެ.

ދެތިން ގަނޑު ނިމުނު އިރަށް ބަންގި ގޮވައިފިއެވެ. އެހެންވެ އެމީހުން ބޭނުންވީ ތާސްކުޅުން ހުއްޓައިލާށެވެ. ނަމާދުން ފައިބައިގެން ސަޔަށް ދިޔުމަށް ބުނެއެވެ. އެމީހުންގެ ފަހަތުން ދަބަސް ކޮނޑުގައި އެލުވައިގެން ހުރެ އަހަރެން ހިނގައިގަތީ ބަނދަރުމަތީގައި ހުރި މިސްކިތާ ދިމާއަށެވެ.


"ކޮބާ ޒަޔާން އަހަރުމެން ދެން ދިޔައީ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޤާސިމު ހިނިތުންވެލިއެވެ. "އާދަނާ ޒަޔާނަށް ކަމުދާ ގެއަކުން ކޮޓަރިއެއް ހޯދައިދީ."
"ވަރަށް ރަނގަޅު، ޒުވާން ސޮރަކު އުޅޭ ގެޔަކުން ކޮޓަރިއެއް ލިބޭގޮތް ވެއްޖެއްޔާ!" އަހަރެން ބޭނުންވާ އަމާޒަށް ވާސިލުވުމަށް ފުރަތަމަ މަގު ކޮށައިލީމެވެ.

"އަހަރެންގެ ދައްތަގެ ގޭގައި ހުންނާނެ ކުލީ ކޮޓަރި." އާދަނު ވިސްނައިލިއެވެ. "އެ ގޭގެ އުޅޭނެ ޒަޔާންގެ އުމުރުގެ ސޮރެއް!"
"އެހެންވީއިރު ތިވީ މާ ރަނގަޅަށް." ސައިކަލް އިސްޓާޓުކޮށްލުމުން އަހަރެންގެ އާދަނުގެ ސައިކަލުގެ ފަހަތަށް އެރީމެވެ.
"އެ ސޮރު އުޅޭނީ އިންޖީނުގޭގަ. މީހަކާ ވެސް އަދި ނުއިނދޭ." ރަށުގެ ބޮޑުމަގުން ސައިކަލު ދުއްވަމުން ދިޔައެވެ. އަހަރެން އިނީ ކެމެރާ ނަގައިގެންނެވެ. މުޅިން އާ މާހައުލަކަށް ވުމުން ރަށުގެ މަގުތައް ދެނެގަތުމަށް ފޮޓޯނަގާށެވެ. ކުއްލިއަކަށް ސައިކަލް މަޑުކޮށްލިއެވެ.

"ކޮބާ ކާކުތަ މޮޅީ؟" ރާޒުވާގެ ތެރެއަށް ގެއްލިފައި އިން ދެމީހެއްގެ ގާތަށް މަޑުކޮށްލާ އާދަނު ސުވާލުކޮށްލިއެވެ. "ވާފިރު ބަލިކޮށްލެވޭތަ އަހަންމަދާ؟"
"ކިހިނެއް މަ ބަލި ކުރާނީ؟" ވާފިރު ބަލައިލީ އަހަރެންގެ މޫނަށެވެ. ހީވަނީ ދެކެފަރިތަ މީހަކު ބަލައިހެންނެވެ.
"އެމީހުންގެ ކަމަކީ އަބަދު ވެސް ރާޒުވާ ކުޅުން،" އާދަނު ސައިކަލު ދުއްވާލަމުން ބުނެލިއެވެ. "އަތުންފައިން އެއްވެސް ކަމެއް ނުކުރާނެ! އަބަދު ތިބޭނީ އެ ކުޅެން."
"އެހެންތަ؟" އަހަރެން ނޫން ގޮތަކަށް ބުނެލީމެވެ. މާބޮޑު ސަމާލުކަމެއް ދޭން ބޭނުން ނުވީމައެވެ.

"ރާޒުވާ ކުޅުމެއް ނޫން ގޯހީ. ރާޒުވާގަ ޖެހި ހައްދު ފަހަނައަޅައި ދިއުން. ފެންވެރުމެން ނަމާދުކުރުމެއް ކެއުމެއް ބުއިމެއް ނެތީމަ،" އާދަނު ބުނެލިއެވެ. "އަނބިދަރިންނަށް ޚަރަދު ވެސް ނުކުރާތީ."
"ދަރިއެއް ހުރޭ ތަ؟" އަހަރެން ޝައުޤުވެރިވާގޮތްވިއެވެ.
"ދަރިއެއްހޭ؟ ސެޓެއް! އިނގިއްޔަކަށް ކުއްޖެއް،" އާދަނު ހޭންފެށިއެވެ. "މިހާރު ވެސް ބޮޑު."
"ކޮބައި މިއާދެވުނީ،" އާދަނު ސައިކަލު މަޑުކޮށްލިއެވެ. "އެބަ އަންނަން ދައްތަ ގާތު އަހައިލައިފަ. ޒަޔާން މަޑުކޮށްލާ."

އާދަނު ދޮރޯށި ހުޅުވާލަމުން އެތެރެއަށް ވަނެވެ. އަހަރެން ސައިކަލުން ފައިބައިގެން މަގުގެ ދެކޮޅަށް ބަލައިލީމެވެ. ހިތްފަސޭހައެވެ. ބޮލަށް އުނދަގޫވާނެ އެއްވެސް އަޑެއް ނީވެއެވެ. ދުރުން ކޮވެއްޔެއް ގޮވާލިއަޑު އިވުނެވެ. ބޯމަތިން ދިޔަ ދެތިން ކާޅެއްގެ އަޑު ފިޔަވާ އިތުރު އަޑެއްބަޑެއް ނީވެއެވެ.

ކެމެރާ އަތަށް ހެޔޮކޮށްލަމުން ޖެހިގެން އޮތް ގޯޅިއަށް އެޅީމެވެ. ފެހިކަން ގަދަ ސާފު ޖައްވެކެވެ. ގަސްތަކުގެ ފެހިކުލައިން މުޅި މަގުވަނީ ޖަރީވެފައެވެ. މީހެއްގެ ހިލަމެއް ނުވެއެވެ.

މަގުގެ އަނެއްކޮޅަށް ބަލައިލީމެވެ. މީހެއްގެ ހިލަން ވުމުން ފޮޓޯއެއް ނެގީމެވެ. މަޑުމަޑުން އެމީހާ ލަސްހިނގުމެއްގައި އަންނަތަން ފެނެއެވެ. ބަރޯއެއް ދުއްވަމުންނެވެ. އެހެންވެ އަނެއްކާ ވެސް ފޮޓޯއެއް ނެގީމެވެ. މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. އޭރު އަހަރެންނާ އެމީހާ އަރާ ހަމަވަނީއެވެ. ދުވަސްވީ މުސްކުޅިއެކެވެ. ކަޅުއެއްވެސް އިސްތަށްޓެއް ނެތެވެ. މެދުބޮލުގެ އޮމާން ހަންގަނޑުން ވިދުންކަނި ފާޅުވަމުންދެއެވެ. މޫނުމަތީގައި ތަރުތީބެއްނެތި ރޫތައް ބަރިޖަހައިލާފައި ހުއްޓެވެ. ހުދުކުލައިގެ ކުދިކުދި އިސްތަށިން ދަތްދޮޅި ފަޅުފިލައެވެ. މީހާވަނީ ކުރިއަށް ލެނބިފައެވެ.

އެ މުސްކުޅި މީހާ އައީ ބަރޯއަކަށް ފަންގި ބޮނޑިތަކެއް އަޅައިގެންނެވެ. އަހަރެންގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔައީމެވެ. ކުއްލިއަކަށް އެ މުސްކުޅިޔާ ބަރޯ ބެހެއްޓުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހިންދެމިލެވޭތޯ ބަލައިލިއެވެ. ހިންދެމިލުމުން ވެސް މުޅިން ތެދެއް ނުވެވެއެވެ. އަހަރެން ލޮލުގައި ކެމެރާ ޖެއްސީމެވެ. އެމީހާގެ ފޮޓޯއެއް ނެގީމެވެ.
"ކާފަ ހާދަ ރީއްޗޭ ފޮޓޯއަށް." އަހަރެން އެ މުސްކުޅިޔާއަށް ފޮޓޯ ދައްކައިލީމެވެ.
ބަދަލުގައި އެ މުސްކުޅިޔާ ލުއި ހިނިތުންވުމެއް ދައްކައިލިއެވެ.

"އަދި އެއް ފޮޓޯ ނަގަންތަ؟" އެ މީހާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން ސުވާލުކޮށްލީމެވެ. "ހިނިތުންވެލާ."
އަހަރެންގެ ކޮންމެ ވާހަކައަކަށް އެ މުސްކުޅިޔާ ލެނބެމުން ދިޔައެވެ.

"ކާފަ ހާދަ ބުރަކޮށް ތި އުޅެނީ،" އަހަރެން ވޮލެޓު ނެގީމެވެ. "އަން މިއޮތީ ކާފައަށް އޮތް ހަދިޔާއެއް."
ސަތޭކަ ރުފިޔާ ނަގައި ދިއްކޮށްލުމުން އެ މުސްކުޅިޔާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އޭރު އެމީހާގެ ދެ ލޮލުން ކަރުނަ ނީރުނު މަންޒަރު އަހަރެން ދުށީމެވެ.

"ހިފާ މީ ކާފައަށް އަހަރެން ދިން ހަދިޔާއެކޭ." އެ މުސްކުޅިޔާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.
އެހެންވެ އަހަރެން އެ ރުފިޔާ އޮޅައިލުމަށްފަހު އެ މުސްކުޅިޔާގެ ގަމީހުގެ ޖީބަށް ލީމެވެ.
"ޒަޔާން!" ފަހަތުން އާދަނު ގޮވައިލިއަޑު އިވުނެވެ.
އެނބުރި ބަލައިލިއިރު އާދަނު ހުރީ އަހަރެން ކުރިމަތީގައެވެ.

"ކުޑަކޮށް މަގުތައް ކެމެރޭގަ ކުރަހާލަނީ،" އަހަރެން ބަލައިލީ އާދަނުގެ މޫނަށެވެ. "މަގު ކުރަހަނިކޮށް މި ކާފަ ފެނިގެން ކާފަގެ މަންޒަރު ވެސް ކުރަހާލީ. ކާފަ ވަރަށް ފޮޓޯޖެނިކް. އެހެންވެ މަޑުކޮށްލީ."

"ކޮބާ ހިނގާ! ކޮޓަރި އޯކޭ ވެއްޖެ. ގެއިން ކެއުމުގެ ކަންތައް ވެސް ހަމަ ޖެހިއްޖެ. ކުލި ދައްކާނެ ކަމެއް ވެސް ނެތް." އާދަނު ވަރަށް ގާތްގޮތަކަށް ބުނެލިއެވެ.
"ނޫނޭ! އެހެން ނުހަދާ. ކުލީ ކޮޓަރީގައި ހުންނަންވާނީ ކުއްޔަށް." އަހަރެން ބުނީމެވެ.

"ޒަޔާން ތީ މިހާރު އަހަރެންގެ ރަޙްމަތްތެރިއެއްނު. ރައްޓެހިން އަތުން ފައިސާއެއް ނުނަގާނެ." އާދަނު ހިނގައިގަތެވެ.
އަހަރެން ވެސް އާދަނުގެ ފަހަތުން ހިނގައިގަތީމެވެ. ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުންނެވެ.
"ގެނޭ ޒަޔާންގެ ނަންބަރު. ކޮފީއަށް ދާންވީމަ މަ ގުޅާނަން." ކޮޓަރީގެ ދޮރު ހުޅުވާލަމުން އާދަނު ބުންޏެވެ.

"ކަމެއް ބޭނުންވެއްޖެ ނަމަ ދައްތަ ގާތުބުނޭ. މިގޭގަ އުޅޭނީ ދައްތަގެ ދެމައިން. ދައްތަ ފިރިމީހާވީ ކަންނެއްޔަށްގޮސް. ކަމެއް ބޭނުންނަމަ ދައްތަ ގާތު ބުނެލާ،" އާދަނު ކަންކުރަންވީ ގޮތް އޮޅުންފިލުވައިދިނެވެ. "އޯކޭ މަ ގުޅާފަ ދައްތަ ދަރިފުޅު އަސްހަދު ގާތު ބުނާނަން ޒަޔާން އެކަނި ނުކުރާށޭ. މަވެސް ދާންޖެހިގެން މި ދަނީ."

ބޯޖަހައިލުމަށްފަހު އަހަރެން ކޮޓަރި ތެރެއަށް ވަދެ ހަމަޖެހިލީމެވެ. ފޮޓޯތައް ލެޕްޓޮޕަށް އެޅުމުގެ ބޭނުމުގައެވެ. ލެޕުޓޮޕަށް ފޮޓޯތައް ނެގުމަށްފަހު ފޮޓޯތަކަށް ނަޒަރު ހިންގައިލީމެވެ.

ސަތޭކަ އެތަކެއް ފޮޓޯ ނެގިފައި ހުއްޓެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ރާޒުވާ ކުޅެން ތިބި ދެމީހުންގެ ތެރެއިން ވާފިރުގެ ފޮޓޯގައެވެ. އޭނާގެ އެ މޫނު ކޮންމެ ވެސް އެހެން ފަހަރަކު އަހަރެން ދުށް ހަނދާންވަނީއެވެ. ކޮންމެވެސް އެހެން މީހެއްގެ ފޮޓޯއިން އޭނާ ފެނުނު ހަނދާންވަނީއެވެ. ހަނދާނުގެ ދުރުމީގައި އެ މޫނު ހަރުލައިފައިވާތީއެވެ. ވިސްނީމެވެ. އެތައްފަހަރަކު ވިސްނީމެވެ. ވެސް އެއީ ކޮންތަނަކުން ފެނުނު މީހެއްކަމެއް ހަނދާނަކަށްނައެވެ. އަމިއްލައަށް ޗޮކެއް ކަނޑައިލެވުނެވެ.
ބާކީ ހުރި ފޮޓޯތަކަށް ބަލަމުން ގޮސް އަނެއްކާ ވެސް އެއްކަލަ މުސްކުޅިޔާގެ ފޮޓޯގަނޑު އަހަންނަށް ޚާއްޞަވިއެވެ. އެ މޫނު މަތިން ފާޅުވަމުން ދިޔަ އަސަރެވެ. މޫނުގައި ކުރެހިފައިވާ މަންޒަރަށް އަހަންނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. ނަލަ ހިނިތުންވުމެއްގެ ފަހަތުގައި އެތަކެއް އުދާސްތަކެއް ހުރިކަން ހާމަވަމުން ދިޔަވަރަކަށް އެ ފޮޓޯއަށް ދެވުނު ސަމާލުކަން ދިޔައީ އިތުރުވަމުންނެވެ.

އެ މުސްކުޅިޔާ އެ ހާލުގައި، އެ މީހާ ފަންގި އުފުލަން ޖެހުނީ ކީއްވެ ބާއޭ ހިތަށް އެރިއެވެ. ރަނގަޅަށް ހިންދެމިނުލެވޭ ހާލުގައި އެކަނިމާ އެކަނި ބަރޯއެއް ދުއްވަން މަޖުބޫރުވީ ކުރުވީ ކޮންކަމެއްބާއެވެ؟ އެ މުސްކުޅިޔާގެ ދަރިޔަކު ނެތީބާއެވެ؟ އޭނާގެ އާރެއް ޔާރެއް މި ދުނިޔޭގައި ނޫޅެނީބާއެވެ؟ އެއީވެސް ދިވެއްސެކެވެ. ކޮންމެވެސް ދިވެހި އާއިލާއެއްގެ މެންބަރެކެވެ. ކޮންމެވެސް މަޔަކާއި ބަފަޔަކަށް ލިބިފައި ހުރި ދަރިއެކެވެ. އެ މަންމަޔާއި ބައްޕަގެ ވެސް އާއިލާއެއް އުޅެންވާނެތާއެވެ؟ އެއީ ހަމަގައިމު ވެސް ކާފަ ކިޔާ އުމުރުގެ މީހެކެވެ. އުމުރު ފަސްދޮޅަސްފަހަކުން މަތިވާނެއެވެ. ގައިމުވެސް ކާފަދަރިން ވެސް ތިބޭނެތާއެވެ؟ ކާފައިންގެ ލޯބި ލިބެނީ ހާދަ މަދުބަޔަކަށެވެ. އެ ނިއުމަތް ލިބޭ މީހުންނަށް އެއީ ކިހައި މުހިއްމު ލޯތްބެއްކަން ވަޒަން ނުކުރެވެނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންނަކީ އެފަދަ ބައެއް ނަސީބުން މަހުރޫމުވެފައިވާ މީހެކެވެ. މަންމައާ ބައްޕައަކީ ވެސް ވަޒީފާގައި ހޭބޯނާރާ އުޅޭ ދެމީހުންނެވެ. އަމިއްލަ ވިޔަފާރި ކުރިއެރުވުމުގައެވެ. ބައްޕަ ގިނައިން އުޅެނީ ރާއްޖޭން ބޭރުގައެވެ. މަންމަގެ ޒިންމާއަކީ ރިސޯޓް ބެލެހެއްޓުމެވެ. އަހަރެންގެ ހުރިހާ ކަމެއް މަތިކޮށްފައި އޮންނަނީ ބޮޑުދައިތައާއެވެ. އާއިލީ ލޯތްބޭ ކިޔައި އެއްޗަކީ ގަންނަން ހުންނަ އެއްޗެއް ނަމަ އަހަރެން ނުބުންޏަސް މައިންބަފައިން އެ ގަނެދޭނެއެވެ.

(ނުނިމޭ)
ހިޔާލު

މަންކޮ

ސަޅި... ވަރަށް ސަޅި