MDN uvaalan nimmaifi
image
0 ކޮމެންޓް
 

އެމްޑީއެން އުވާލަން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑިއެން) އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމައިފި އެވެ.
ޔޫތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްޑިއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމުން އެ ޖަމިއްޔާ 10 އޮކްޓޯބަރު ގައި ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ފުލުހުންނާއ އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެމްޑިއެންގެ ރިޕޯޓްގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރިކަން ކަށަވަރުވާ ކަމަށް ޔޫތް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެހެން ކަމުން އެމްޑީއެންގެ ރަޖިސްޓްރީން ބާތިލު ކުރުމަށް ނިންމައި އެކަން 05 ނޮވެމްބަރުގައި އެ ޖަމިއްޔާއަށް އަންގާފައިވާކަމަށްވެސް ޔޫތް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެގައި ކަންކަން ހަމަޖެއްސުމަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާކަން ޔޫތް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑިއެން އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގެ މައްސަލަ ފެންމަތި ވެފައިވަނީ މިއަހަރުގެ ތެރޭގައެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު ނާޅާ ލަސްވުމުން ދީނީ އިލްމުވެރިންނާއި ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ހިޔާލު