Vaahaka: Dhin Ufaa Loabin
image
ވާހަކަ: ދިން އުފާ ލޯބިން
ފުނަމާ
1 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

24ވަނަބައި
ފުލުހުންގެ އިންވެސްޓިގޭޝަންސް ނިމުމަކާއި ގާތްވެއްޖެއެވެ. ރެއާއި ދުވާލުން އެތައް ވަގުތަކު އެމީހުން ފާތިމާއަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު ނަގައެވެ. ދާދިއަވަހަށް ފާތިމާގެ ހުރިހައި ކަމެއްނިމި، ދިވެހިރާއްޖެއަށް ފޮނުވައިދޭނެކަމުގެ ޔަގީންކަންވެސް ދީފިއެވެ.

"އެއްވެސް މީހަކާއިމެދުގައި އަހަރެންގެ ޝަކުވާއެއްނެތް.. އެމީހުންގެ މައްޗަށް އަހަރެންގެ ފަރާތުން ކުރަންބޭނުން ދަޢުވާއެއްވެސް ނެތް.. މިހުރިހައިކަމެއް ހިނގައިދިޔައީ އަހަރެންގެ ނަފުސުގެ ބަލިކަށިކަމުން.. ބޭނުމީ ވީ އެންމެ އަވަހަކަށް އަހަރެންގެ އަމިއްލަ ގައުމަށްގޮސް، ދައުލަތުގެ ބެލުމުގެދަށުން ރައްކާތެރިކަން.. އަހަރެންގެ މި ހާދިސާގެ ވާހަކަތައް މީޑިއާތަކަށް ތިލަވިޔަނުދީ ސިއްރުކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭކަމެއް.. މިކަންކަން ހަމަޖައްސައިދީފިނަމަ ވަރަށް ޝުކުރުވެރިވާނަން" މުސްކާންއަށް ދޮރުހުޅުވައިލެވުނީ ފާތިމާގެ ވާހަކަ ނިންމާލި ހިސާބަށެވެ.
ފުރަތަމަ ދިމާވި ދުވަހުންފެށިގެން، މިއަދާ ހަމައަށްވެސް މުސްކާންއަށް ނުލިބޭ ވަރުގެ ހައިރާންކަމެއް ލިބުނެވެ. ފާތިމާ އެހައި ރީތިކޮށް ވާހަކަދައްކާ އަޑެއް އިވިފައި ނެތީމައެވެ. އެއްޗެކޭ ނުބުނެ އެންމެންގެ މޫނަށް ބަލަން މުސްކާންއަށް ހުރެވުނު ސަބަބަކީވެސް އެއީއެވެ. އެއްވެސް މީހަކު ނެތި ފާތިމާއާއި ބައްދަލުކުރަނީ، ފުލުހުންނާއި ކްރައިމް ބްރާންޗްގެ ޚާއްޞަ ޓީމަކާއި އަދި ނަފްސާނީ ބަލިތަކާބެހޭ މާހިރަކު ހިމެނޭގޮތުންނެވެ. މުސްކާންއާއި މާމައާއި ކާފަ، އެވަގުތުތަކުގައި އެކޮޓަރީގެ ތެރެއަކަށް ނުވަދެއެވެ.

ތަހުގީގު ޓީމް ހިގައްޖެއެވެ. ކޮޓަރީގައިވަނީ ހަމަހިމޭންކަމެވެ. ޖައްސާފައިހުރި އެއާކޯންގެ އަޑު ނޫނީ ކަންފަތައް ފާހަގަނުކުރެވެއެވެ. މީހެއްގެ ނޭވާގެ އަޑުވެސް ނީވެނީއެވެ. ނަމަވެސް މުސްކާންއާއި ފާތިމާވެސް ނޭވާލައެވެ. ކުޑަދޮރުން ބޭރުބަލަންހުރި ފާތިމާއާއި މުސްކާން ކައިރިވެލީ، ވަރަށް މަޑުމަޑުންނެވެ. ޖެހިލުންވެފައިވެސް މިއަދު މުސްކާން ވާހަކަދައްކާނެއެވެ.

***
ޔަނާލް ފުރަންޖެހިއްޖެއެވެ. އުނދަގޫ ވަގުތެކެވެ. މުސްކާން ގާތަށް ދާނަންކަމަށްވެސް ވަޢުދުވިއެވެ. ނަމަވެސް އޮފީހުގެ ވެރިމީހާ ނެތުމުން، ޔަނާލްއަށް އެހެން ގޮތެއް ނެތުނީއެވެ. ކުއްލިޔަކަށް ފުރަންޖެހުމުން، ވަރަށް ގިނަ ވަގުތު ހޭދަކޮށް، ކަންކަން ހަމަޔަކަށް އެޅުވުމަށް އޮފީހުގައި ގިނަ ވަގުތު ހޭދަކުރަންޖެހިއްޖެއެވެ. މުސްކާންއަށް ދޭންޖެހޭވަގުތުތައް މާ ބޮޑަށް މަދުކޮށްލެވުނު ހަފްތާއެކެވެ. ނިދަން ނޫނީ ގެއަށް ނުވަދެވެއެވެ.

"ތެރީޝާ! އަހަރެން މިދަނީ ގެއަށް.. ދެން ބައްދަލުވާނީ އެއާޕޯޓުން.. މިކޮޅުން އަހަރެން ތައްޔާރުކުރި ހުރިހައި ޑޮކިއުމެންޓެއް ގެންދަން ހަނދާންކުރާތި..! އެއާޕޯޓަށް ގަޑިއަށް ދާތި!" ޔަނާލްގެ ޖުމުލައާއެކު އޭނާ ނިކުމެގެން އެދިޔައީއެވެ.
ލެއްޕުނު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ތެރީޝާހުރީ ހިރިލާންވެސް ނޭގިފައެވެ. ރީތިކަމުގެ ހުރިހައި ސިފައެއް ތެރީޝާއަށް ލިބިފައިވާއިރުވެސް ޔަނާލްގެ އެއްވެސް ޝައުގުވެރިކަމެއް އޭނާއަށް ނުލިބޭތީ، ހައިރާންވެއެވެ. ރަސްމީ ވާހަކަތަކުގެ އިތުރަށް ޔަނާލް އެއްޗެއްބުނާނީ، ކޮންމެހެން ބުނާންޖެހިއްޖެ ހާލަތެއްގައެވެ. ކިތަންމެ ރީތި ހެދުމެއް ލައިގެން އަޔަސް ތަޢުރީފުކުރުމެއް ނެތެވެ. ހިތްފުރޭވަރުގެ ހިތްގައިމު މީރުވަސްދުވާ، އަގުބޮޑެތި ސެންޓްޖަހައިގެން އައުމުން، އޮފީހުގެ އެހެން ފިރިހެނުންގެ ލާނެއް ބަސްތައް ތެރީޝާއަށް ބަންޑުންކޮށްލިޔަސް، ޔަނާލްގެ ނޭފަތާއި ހަމައަށް އެވަސް ދަތުރުނުކުރެއެވެ. ކީއްވެ ހެއްޔެވެ؟ ކޮން ސިފައެއް އުނިވެގެން ހެއްޔެވެ؟

"ކޮން ދުނިޔެއެއްގައި؟" މީޓިންގ ރޫމްއަށް ޝަރީފު ވަންއިރެއްވެސް ތެރީޝާއަށް ނޭގުނެވެ. މޫނުމަތީގައި އަތް ހޫރުވާލާފައި ދެފަހަރަކު ޝަރީފު އެއްޗެއް ބުނެލުމުން ތެރީޝާދިޔައީ ސިއްސައިގެންނެވެ. އަމިއްލަ ހާލަތު އޮޅުވާލަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވާނެތީ، އެއްޗެއް ބުނުމުގެ ޝައުގުވެރިކަމެއް ތެރީޝާގެ ނެތެވެ.

"އަހަރެން ބުނެފިންދޯ، ހިތުގެ އަޑު އިއްވާށޭ.. މަށަށް އިނގޭ ތެރީގެ ހިތުގައި ޔަނާލްއަށް އޮތީ ބޮސްއަކަށް ދޭންޖެހޭ ގަދަރެއް ނޫންކަން.. އެއަށްވުރެން ތެރީ މާބޮޑަށް ހިތްކިޔާފައި ތިހުރީ" ޝަރީފުގެ ވާހަކައިގައި މަލާލާތުގެ ރަހައެއް ނެތެވެ. ދިމާކުރުމުގެ ސިފައެއްވެސް ނެތެވެ. މަލާމާތުގެ ރާގެއްވެސް ނެތެވެ.

"އަހަރެންގެ ކޮންސިފައެއް އުނިވެގެން..؟ ހަތަރު އަހަރުވީ، މި މަގާމުގައި! ފުރަތަމަ ވަޒީފާއަށް އައިދުވަހެކޭ، މިއަދެކޭވެސް ތަފާތެއް ނެތް.." ވަރަށް ދެރަވެލާފައި ތެރީޝާ ބުންޏެވެ. ތެދެކެވެ. ގެއަށްވުރެން ގިނަވަގުތު އޭނާ ހޭދަކުރަނީ އޮފީހުގައެވެ. ޔަނާލްއާއި ގުޅުންހުރި ކަންކަން ތެރީޝާއަށް އުފަލަކަށް ފުދޭތީއެވެ. ޔަނާލް ހިތް ނުރުހޭ ގޮތަކަށް ކަމެއްކުރެވިދާނެތީ، ތެރީޝާ އަބަދުވެސް ފަރުވާތެރިވެއެވެ.

"ޔަނާލްގެ ހިތާއި ހިސާބަށް ދިއުމަކީ ކޮންމެ ކޮންމެ އަންހެނަކަށް ވާނެކަމެއްނޫން.. އެކަމަކު މާޔޫސްނުވެ ކުރިއަށް ދިއުން މަށަށްވެސް ރަގަޅު.. އަހަރެންވެސް ބޭނުން އަހަރެންގެ އެކުވެރިޔާއަށް ބައިވެރިޔަކު ލިބުން.. ހަތަރު އަހަރުތެރޭގައި ނުލިބުނު ޝަރަފެއް މިފަހަރު ތިޔަލިބެނީ.. ދެމީހުންއެކަނި ދަތުރުކޮށްލަން ލިބުނީތީ އޭގެ ފައިދާއަށް ވިސްނާލަބަލަ.. ޖަޕާންގެ ހިތްގައިމު، ފިނިކަމުގައި ތެރީގެ ތިޔަ ލޯތްބަށް ކާމިޔާބު ދެއްވާށި..! ދެން ދޭ.. ގަޑިޖެހުމަކީ ޔަނާލްއަށް ހަޖަމުކުރެވޭނެކަމެއްނޫން" ޝަރީފުގެ ނަސޭހަތްލިބުނު މިއީ ފުރަތަމަ ފަހަރެއްނޫނެވެ. އުއްމީދެއްނެތީ ތެރީޝާއަށެވެ.

***
ވަށައިގެން ފެންނާން އޮތް ވާދީގެ ފުރިހަމަކަމާއެވެ. ދުރުދުރުން ފެނިލާ ގަސްތަކާއި ފެން އާރުތަކުން އިންސާނެއްގެ ހިތް އުފާކޮށްލުމަށް އެމަންޒަރު ފުދެއެވެ. ތަޢުރީފުކުރާނަމަ، ބަސްހުސްވެދާނެއެވެ. ދުންފިނީގެ އަސަރުން، ފަރުބަދަތަކުގެ މަންޒަރު ފަނޑުވެލާފައިވާތީ ބަލައިލާން ވަރަށް ހިތްގައިމެވެ.

"ކޮޗިންގެ ބައެއް ހިތްގައިމުތަންތަން ބަލައިލާން ދަތުރެއް ރާވާލަންވީ ދޯ! މިހެންތިބެތިބެ، ފޫހިވެއްޖެ ދޯ!" މުސްކާން ބޭނުންވީ ތަފާތު ވާހަކައެއް ދައްކައިގެން ފާތިމާއާއި ގުޅުން ބަދަހިކުރާށެވެ. ތަހުގީގުޓީމަށް ކިތަންމެ ވާހަކައެއް ކިޔައިދިނަސް، ގޭތެރޭގެ ވާހަކަތަކުގައި ފާތިމާ ބައިވެރިއެއް ނުވެއެވެ. ކާން ތިބޭ ވަގުތުގައިވެސް މާބޮޑަށް ފާތިމާ ވާހަކައެއް ނުދައްކައެވެ. ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރަނީ ބޮލުން، ނުވަތަ ހިނިތުންވުމަކުންނެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްގެ އިތުރަށް ވާހަކައެއް ނުދައްކައެވެ. އޭނާ ކޮޓަރީން ނުކުންނަން ބޭނުންނުވާތީ އެކަމަށް މުސްކާންއާއި މާމައާއި ކާފަވެސް އިޙްތިރާމްކުރެއެވެ.
ކިތަންމެ އަވަސްއަވަހަށް ފާތިމާގެ ކޮޓަރިއަށް މުސްކާން ބޯދިއްކޮށްލިޔަސް، މުސްކާންއަށް ގޮވައިލައެވެ. މާގިނަ ވާހަކަދެއްކުމަކީ ފާތިމާގެ ފިތުރަތުގައި ނެތް ކަމަކީބާއޭވެސް މުސްކާން ހިތައްއަރައެވެ. މުސްކާންގެ ނަން ކިޔައިލުމަކީ ފާތިމާގެ ހިތުގެ ރިހުން ފިލައިގެންދާވަރުގެ އުފާވެރިކަމެއްހެން ހީވާކަހަލައެވެ.
ދާދި ދެންމެ އަޑުއިވުނު ވާހަކަތަކުން މުސްކާން އެހުރީ ސުވާލު އުފެދިފައެވެ. ފާތިމާގެ ހުރިހައި ވާހަކައެއް ތަހުގީގަށް ކިޔައިދެވުނިއްޔާ، މުސްކާންއާއިވެސް ހިއްސާކުރަންވާނެ ނޫންހެއްޔެވެ؟

އެއާކޯން ޖައްސާފައިހުރިނަމަވެސް ކުޑަދޮރު ހުޅުވާލިއެވެ. ގުދުރަތީ ވައިގެ އެހީތެރިކަން މުސްކާންއަށް ނުހަނު މުހިއްމުވެއްޖެއެވެ. މާހައުލުބަދަލުކުރާން ބޭނުންވީއެވެ. ފާތިމާގެ ޖަވާބެއް ނުލިބުނީތީ، މާޔޫސްވިއެވެ. ނާއުއްމީދުގެ އިހްސާސްތަކުން ހިތް، މިންޖުކުރާން ދެވަނަ ވިސްނުމެއްވެސް ނެތުނީއެވެ. ދެމީހުންތިބީ އެކަކު އަނެކަކާއި ނުހަނު ގާތުގައެވެ. ވިސްނައިނުލައި އެއްދިމާއަކަށް ޖެހިލައިފިނަމަ، އެކަކު އަނެކަކުގެ ގައިގައި ޖެހޭނެއެވެ. މުސްކާން އިންތިޒާރުކުރީ، ފާތިމާ އެއްޗެއް ބުނެލާނެ ވަގުތަކަށެވެ.

"އަހަރެން ވަރަށް އުފާވާނެ ފާތިމާގެ ހަޔާތުން ކުޑަމިންވަރެއް ބުނެދިޔަސް.." މުސްކާން އުއްމީދު ކަނޑާނުލައެވެ.

"ދިރިހުންނާނެކަމުގެ ކުޑަވެސް އުއްމީދެއްނެތް.. ދިރިހުރިކަމުގެ ހަމަ އެންމެ އިހްސާސެއްވެސް މި ހަށިގަނޑުގައި ނެތް.. އަހަރެންގެ ފުރާނަ ހަށިގަނޑާއި ވަކިކޮށްދެއްވުންއެދި ދުޢާކުރެވުނު އަދަދެއް ބުނެދޭކަށް ނޭގޭ.." ޖެހިލާ ފިނިފިނި ވައިރޯޅިއާއެކު ފާތިމާބުނެލި ޢިބާރާތްތައް މުސްކާންގެ ހަށިގަނޑުގެ އެންމެ ފުނަށް އަސަރުކޮށްފިއެވެ. ދެފައި ތުރުތުރުއަޅާހެންވެސް ހީވިއެވެ. ގައިން ހީނބހި ނަގައިފިއެވެ. ދެކަންފަތުގައި އެއަޑު ހަރުލައިފިއެވެ. އިހުނަށްވުރެން ދެލޯ ރަތްވެއްޖެއެވެ.

ހަރަކާތެއްކޮށްލާނެ ބާރެއް ނެތަސް، އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައިގެ ކޯރެއް ދެމިލައިފިއެވެ. އުފަލުން ހެއްޔެވެ؟ ނުވަތަ ހިތްދަތިވެ، އުފެދުނު ރިހުމެއްގެ ސަބަބުން ހެއްޔެވެ؟ މުސްކާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެނބުރިލާފައި ބަލައިލާން މަޖުބޫރުވީ ފާތިމާއަށެވެ. އޭނާގެ މޫނުމަތީގެ ކުލަތައް ތަރުޖަމާކުރުމުގައި މުސްކާން ފެއިލްވީ ހެއްޔެވެ؟ އެއިޙްސާސްތަކާއި ހަމައަށް ވާޞިލްވުމަށް މުސްކާންއަށް ކުޅަދާނައެއް ނޫނެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު މުސްކާންގެ ކަންފަތް ބީރުވިހެން ހީވިއެވެ. ލޮލުގެ ފެނުން ފަނޑުވެއްޖެއެވެ. ކަރުނައާއިނުލައި ފާތިމާގެ ލޮލުގެ ކަޅި އެހައިގާތުން ފެނިލި ފުރަތަމަ ފަހަރެވެ. ތުންފަތް ތުރުތުރުއަޅުވާލާފައި މުސްކާން ހިފެހެއްޓީ ފާތިމާގެ ކޮނޑުގައެވެ. ދެމީހުންގެ ފަހަތުން ފެންނާން ހުންނާނެ ލޯގަނޑާއި ދިމާއަށެވެ. ދެލޯ ބޮޑުކޮށްލެވުނަސް، ފާތިމާ އިސްޖަހައިލައިފިއެވެ. އެއީ މުސްކާން ބޭނުންވި ގޮތެއް ނޫނެވެ.

"މިއީ އިއްތިފާގެއްތަ؟ ނޫނީ ތަޤްދީރުގެ ބޮޑު އިމްތިޙާނެއްތަ؟" އުމުރުންދޮށީ މީހަކު ބުނެލާފަދަ އެއްޗެއް މުސްކާން ބުނެލުމުން، ފާތިމާގެ ކަރުނަ ނުހިފެހެއްޓުނެވެ. ނުރޯންކަމަށް ކިތަންމެ ހިތްވަރެއްކުރިޔަސް، އެކަން ކާމިޔާބެއް ނުވިއެވެ. ތެދެކެވެ. ތުންފަތުގެ ބައްޓަމާއި ދެލޮލަކީ ފޮޓޯކޮޕީއެއް ފަދައެވެ. މުސްކާންއާއި ފާތިމާގެ ގުޅުމަކީވެސް އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ތަޤުދީރުގެ ސަމާސާއެއް ހެއްޔެވެ؟ އާއެކެވެ! އެއްވައްތަރު ކިތަންމެ މީހަކު މިދުނިޔޭގައި އުޅެފާނެއެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެއިންމީހަކާއި ބައްދަލުވެ، ރަޙްމަތްތެރިކަން އުފެދުމަކީ އާންމުކަމެކެވެ. މުސްކާންއާއި ފާތިމާގެ ޞަފްޙާއަކީވެސް އެފަދަ ވާހަކައެއްތޯއެވެ.

ދެމީހުން ރޯންފަށައިފިއެވެ. މާ ބާރަށެވެ. ކޮޓަރީން ބޭރަށް އެއަޑު ނިކުތުމަށް ހުރަހެއްނެތިއެވެ. ފެންފުޅިއެއްބަލައި ނުކުތް ޒަމީލްއަށް އެއަޑު އިވުނީ ބިރުވެރި ގުގުރިއެއްގެ ގޮތުގައެވެ. ދުވެފައިގޮސް، މުރުޝިދާ ގޮވައިގެން އެއައީ އެކޮޓަރީގެ ދޮރު ބުޑަށެވެ. ކަންފަތް ޖަހައިގެން ތިއްބަސް، ރުއިމުގެ އަޑު ނޫނީ ނީވުނެވެ. އެތެރެއަށް ވަންނާކަށް ފަސޭހައެއްނުވިއެވެ. ފާތިމާއާއި ވާހަކަދައްކާލުމަކީ މުސްކާންގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެކަމަށް އެދި ދުޢާކުރިއަޑު މުރުޝިދާއަށް އިވިފައިވަނީ އެންމެ ފަހަރަކު ނޫނެވެ. ދެމީހުން ރޮނީއެވެ. މިވަގުތު އެކަމުގެ ހުރަހަކަށް މުރުޝިދާ ނުވާނެއެވެ.

"ކޮންމެފަދަ ކަމެއްވެސް ވެދާނެ.. ގޮތް ނޭގޭ މީހަކަށް އިތުބާރުކޮށްފައި އަހަރުމެންގެ ދަރި، އޭނާ ގާތުގައި ބަހައްޓައިގެން އަހަރުމެން މިތިބެނީ ބިރެއްނެތި! މިއީ ހަމަ މުރުޝިދާގެ ކަންތައް.." ވަރަށް ހިތްހަމަނުޖެހިފައި ޒަމީލް ބުނެލިއެވެ. ދޮރުން އެތެރެއަށް އަޑު އިވިދާނެތީ ވާހަކަދެއްކީވެސް ވަރަށް ސިއްރުންނެވެ.

"ހުރިހައި ކަމެއްގައިވެސް ނުބައިވާނީ އަހަރެން.. ބުނަންތަ ރަގަޅުވާހަކައެއް! މަށެއް އެ މީހާއަކަށް އިތުބާރެއް ނުކުރަން.. އެކަމަކު މަގޭ ދަރިއަށް ސަތޭކަ ޕަސެންޓް އިތުބާރުކުރަން.. މަށަކަށް ހިޔެއްނުވޭ މިވަގުތު މިތަނުގެ ތެރެއަށް އަހަރުމެން ދެމީހުން ބޭނުންވާހެނެއް.. ހިނގާދާން.. އަހަރުމެންގެ ބޭނުމެއް ޖެހިއްޖެއްޔާ މުސްކާން ގޮވާނެ" ޒަމީލްގެ އަތުގައި ހިފައި ލުއްކިއެއްޖަހަމުން މުރުޝިދާ ބުނެލިއެވެ.

"އަހަރެންގެ ސުވާލަކަށް، ޖަވާބު ދީފާނަން؟ ހަމަ އެންމެ ސުވާލެއް..! ޕްލީޒް..!" ދެއަތް ޖޯޑްކޮށްލާފައި މުސްކާން ބުނެލިއެވެ. ރިހުމުން ފުރިގެންވީ އާދޭހެކެވެ. އެދަރިފުޅުގެ އާދޭހަށް ފުރަގަސްދޭނެ ބާރެއް ދުނިޔޭގެ އެންމެ މަޔަކަށްވެސް ލިބިގެން ނުވާނެކަން ފާތިމާވެސް ގަބޫލުކުރިއެވެ. ދެލޮލުގެ ރިހުމާއި ހިތުގެ ވޭނުން އެކަން ބުނެދީފިއެވެ. ބޮލުގެ އިޝާރާތުން ތަކުރާރުކޮށް ފާތިމާ އެއްބަސްވިއެވެ. ސުވާލަކީ ކޮބައިކަން ނޭގުނަސް، ޖަވާބު ދިނުމަށް ރުހިއްޖެއެވެ. މުސްކާންއަށް ޓަކައެވެ. ހަމައެކަނި މުސްކާންއަށް ޓަކައެވެ.

"ފާތިމާގެ ދަރިޔަކު މިދުނިޔޭގައި ހުރެދާނެތަ؟" ކުރުސުވާލެކެވެ. ބިޔަބޮޑު ޖަވާބެކެވެ. ފާތިމާއަށް ތެޅެގަނެވުނެވެ. ހޮނު ގުގުރިއެއް ޖެހިފަދައެވެ. ހިތް ތެޅިގަތީ ވަރަށް ބާރަށެވެ. ބޮލަށް އެނބުރުންވެސް އެރިއެވެ. ވަށައިގެންވީ ހަތަރުފާރު ތެރޭގައި ތާށިވެ، ނޭވާ ހާސްވާހެންވެސް ހީވިއެވެ. ދޫ ބަންދުކުރާން ބޭނުންވިއެވެ. ނަމަވެސް ބުއްދި އިސްކުރިއެވެ. ދުނިޔޭގެތަޖުރިބާއިން ފިލާވަޅެއް ލިބިގަނެ، ހަށިގަނޑު ހިމޭންކޮށް، އިސްޖަހައިލިއެވެ. މުސްކާން މާޔޫސްކޮށްލުމަކީ ކުރަން ފަސޭހަކަމެއްނޫނެވެ.

"އަހަރެންގެ މޫނަށް ބަލަންހުރެ ޖަވާބު ދީފާނަންތަ؟" ތުރުތުރުއަޅާ އަޑަކުން މުސްކާން ބުނެލިއެވެ.

އިންތިހާއަށް ހިތްވަރުކުރިކަން އެނގެނީ އޭނާގެ ދެލޮލުގެ ހަރަކާތްތަކުންނެވެ. ދެލޯ ރަތްވެ، ކަރުނައިން ތެމިފާވެއެވެ. މުސްކާންގެ ލޮލަށް ބަލާކަށް ފާތިމާއަށް ކުޅަދާނައެއްނޫނެވެ. އަމިއްލަ ދެލޯ ސާފު ލޯގަނޑަކުން ބަލާލުމުންވެސް ފެންނާނީ އެމަންޒަރެވެ. އެސްފިޔައެއްގެ ތަފާތެއްވެސް ނެތެވެ. ލޮލުގެ ބައްޓަމާއި ކަޅީގެ ކުލައަކީ މޮޅު ކުރެހުންތެރިޔަކު ނަކަލުކޮށްފައިވާ ތަސްވީރެއް ފަދައެވެ. ފާތިމާއަށް ފެނުނީ މުސްކާންނުގެ ވާތުދެއިނގިލި ތަގުޅިކޮށްފައިވަނިކޮށެވެ. ލިބިދާނެ ޖަވާބަކަށް އޭނާގެ ނަފުސު ތައްޔާރުކުރަނީކަން ޔަގީންކުރެވުނެވެ.

"އަހަރެންގެ ދަރިޔަކު މިދުނިޔޭގައި ނެތް" ވަރަށް ހިތްވަރުކޮށްފައި ފާތިމާ ބުނެލިއެވެ.
މުސްކާންގެ ސުވާލުގެ މަގުޞަދަކީ ކޮބައިކަން ފާތިމާއަށްވެސް އެގެއެވެ. އެސުވާލާއި ގުޅުވައިގެން ފާތިމާ ބޭނުންވާ ޖަވާބުތައް އަދި މާގިނަވެއްޖެއެވެ. މުސްކާންގެ ސުވާލަށް ޖަވާބު ލިބިއްޖެއެވެ. ޝުކުރިއްޔާ ބުނެލަންވެސް ނޭގިފައި މުސްކާން ހުރީ ދުނިޔެއާއިމެދު ޝަކުވާކުރާން ބޭނުންނުވާތީއެވެ.

"ހިނގާބަލަ އެތެރެއަށް ވަދެލަން.. މަށަށް ވަރަށް އުނދަގޫވޭ އެބަ.." ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ޒަމީލް ބުންޏެވެ.
"ބޮލުގައި ޖަހާފައި ތިހުރި ނުރައިގެ ތަޖުރިބާއެއްވެސް ނެތީތަ؟ އަހަރުމެންވަނީމައި ދެންވާނެގޮތް ހަމަ ނޭގެނީތަ؟ މަށެށް ހާހެއްނުވޭ... އަހަރުމެންގެ ކަނބުލޮ، އަހަރުމެންނަށް ކިޔައިދޭނެ އެވާހަކަތައް" މުރުޝިދާގެ ބަސް ގަބޫލުކުރުން ނޫން ގޮތެއް ޒަމީލްއަށް ނޯވެއެވެ.
އިރުއިރުކޮޅުން އެކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލެވެއެވެ.

"ފާތިމާގެ ހަޔާތުން ކުޑަ މިންވަރެއްވެސް އެނގުމުގެ ހައްޤު އަހަންނަށް ނުލިބޭނެތަ؟" ކޯތާފަތް ހުރަސްކުރި ކަރުނަތައް ފޮހެލަމުން މުސްކާން ބުނެލިއެވެ.

"މުސްކާން ނޫން އެހެންމީހަކު، އަހަރެންގެ އެބަހުރިތަ؟" ފާތިމާގެ ސުވާލު މުސްކާންގެ ދެލޯ ކަރުނުން ފުރާލައިފިއެވެ. ފާތިމާގެ ހަށިގަނޑުގައި މުސްކާން އޮޅުލައިގަތެވެ. އެދަރިފުޅުގެ ރިހުން ބުނެދެވޭނެ އެއްގޮތެއްވެސް ނެތެވެ. ހިތާއި ސިކުނޑީގައި އެނބުރެމުން އެދަނީ ކޮންފަދަ އޮއެވަރެއްކަން ބުނެނުދެވިގެން އުޅޭކަން ފާތިމާއަށް އެނގެއެވެ. ނަމަވެސް ހަގީގަތެއް ހާމަކުރާން ފާތިމާއަށްވެސް ކުޅަދާނައެއްނޫނެވެ.

"ފުރަތަމަ ދުވަހުންފެށިގެން އަހަރެންގެ ނަން ފާތިމާއަށް މުހިއްމުވީ ކީއްވެ؟ އެއްވެސް ވާހަކައެއް ނުދެއްކޭ ޙާލުގައިވެސް، އަހަރެންގެ ނަން އަޑުއިވުމުން، މިނަން ފާތިމާއަށް މުހިއްމުވި! މިނަން ކިޔާ މީހަކު ފާތިމާގެ އާއިލާގައި ހުރޭތަ؟" ތަސައްލީއެއް ލިބޭވަރަށް މައުލޫމާތު ހޯދުމަށް މުސްކާން މަސައްކަތްކުރާހެން ހީވެއެވެ. އެކަން ހުއްޓުވޭނެ ބާރެއް ފާތިމާގެ ކިބައިގައިވެސް ނެތެވެ. ޖަވާބަށް އިންތިޒާރުކުރަމުން މުސްކާން ބަލައިލީ، ދުރުންފެންނާން އޮތް ވާދީއަށެވެ.
"އަހަރެންގެ އާއިލާގައި އެއްވެސް މީހަކު ނުހުންނާނެ.. ތިނަމަކީ އަބަދުވެސް ވަރަށް ރީތި ނަމެއް! އަހަރެންގެ އަންހެން ދަރިޔަކު މި ދުނިޔޭގައި ހުރިނަމަވެސް، އެދަރިފުޅަށް އަހަރެން ކިޔާނީ މުސްކާން" ސާފު ޖަވާބު ލިބިއްޖެއެވެ.

"އަހަރެން މި ބިމަށް އައުމުގައި ވަރަށް ބޮޑު މަޤްޞަދެއްވާކަމަށް ގަބޫލުކުރެވިއްޖެ، އެއީ ކިހައިވަރެއްގެ ކޮންކަމެއްކަން އަހަރެންގެ ބަލިކަށި ސިކުނޑިއަށް ވިސްނޭނެ ނަމަ..!" އަމިއްލަ ނަފުސަށް މުޚާތަބުކުރިއަސް، މުސްކާން އެބުނިއެއްޗެއް ބުނެލީ ފާތިމާއަށް އަޑު އިއްވާށެވެ.

ހަމައެވަގުތު މުސްކާންއަށް ޔަނާލް ގުޅައިފިއެވެ. ފޯނުގެ ސްކްރީނުން ފެންނާން އޮތްފޮޓޯ، ފާތިމާއަށް ނުފެނުނީ މުސްކާން ދުރައްޖެހިލީތީއެވެ.

"ބައްޕާ! އަހަރެންގެ ނަމަކަށް މުސްކާން ކިޔުނީ ކީއްވެ؟" ފޯނު ކަންފަތުގައި ޖައްސާލުމާއެކު މުސްކާން ކުރީ ސުވާލެކެވެ. ދެބުމަދޭތެރެއަށް ރޫއަރުވާލާފައި ފާތިމާ ބަލައިލީ މުސްކާންއަށެވެ.

ވާހަކަ ފުނަމާ
ހިޔާލު

ނހ

މުސްކާންގެ މަންމަ ދޯ ފާތުމަ މިއީ؟ ނައިސް ވެއިޓިން ފޯ ދި ނެކްޓް ޕާޓް.