Inzaareh nudhen, sulookee massala eh nubeleyne: Uhthama fandiyaaru
image
ފޮޓޯ: އަވަސް
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

އިންޒާރެއް ނުދެން، ސުލޫކީ މައްސަލައެއް ނުބޭލެނެ: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އިންޒާރު ދީފައިނުވާނެ ކަމަށާއި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާނޭ އެއްވެސް އަސާސެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އެމަނިކުފާނު ފުރިހަމައަށް އިހްތިރާމު ކުރައްވާ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރުމަށް ދޭންޖެހޭ އެއްބާރުލުން ސުޕްރީމް ކޯޓުން ދޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.

ބަޔާނުގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ ގާނޫނަށް ބެލުމުން އެ ގާނޫނުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާއްމު އިދާރީ މަސައްކަތްތައް ކަން އެނގޭ ކަމަށެވެ. އަދި ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަން އެ ގާނޫނުންވެސް ޑީޖޭއޭއާއި ހަވާލުކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި ފާސްކޮށްފައިވާ ގާނޫނުތަކާއި ގާނޫނުއަސާސީއަށް ބެލުމުން ސުޕްރީމް ކޯޓުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރުކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގެ އެ އުސޫލާ ޚިލާފަށް ޑީޖޭއޭއިން އަންގާ އެންގުންތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ. ހުސައިން ފާއިޒް އެމަނިކުފާނުގެ ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ކޯޓުގެ އިސް ފަރާތަކީ އޭނާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ކޯޓުގެ އެތެރޭގެ މަސްލަހަތު ގެއްލި އެމަނިކުފާނުގެ މަސްއޫލިއްޔަތަށް ހުރަސް އެޅެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑރ. ފާއިޒްގެ އަމަލުތައް ހުރިގޮތުން އޭނާއަށް ނަސޭހަތްތެރިވެ އެފަދަ އަމަލުތައް ތަކުރާރު ކުރާނަމަ އެހެން މުވައްޒަފުންގެ މައްޗަށް އަމަލުކުރާ އުސޫލުން ފާއިޒާއި ދޭތެރޭގައިވެސް އަމަލުކުރާނޭ ކަން އަންގާފައިވާނޭ ކަމަށެވެ.

"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާޔަށް އިންޒާރު ދިނުން ކަމުގައި ބެލެވޭނޭ އެއްވެސް ހަމައެއް ނޯންނާނޭކަމާއި، އަދި ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއްވެސް ނޯންނާނެއެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުންކަން މިފުރުސަތުގައި ފާހަގަކުރަމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީން އިއްޔެ ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ސެކްރަޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒަށް އުއްތަމަ ފަނޑިޔާރު ބިރު ދައްކަވާފައިވާ މައްސަލަ އާއި ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ކޯޓުތަކުގެ އިދާރީ ހިންގުން "ޕެރެލައިޒް" ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުރި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ އެއް ސާބިތުވެ އޭނާ ވަނީ މަޤާމުން ވަކިކޮށްފަ އެވެ.
ހިޔާލު

އަސްކޮއި

ސްޕްރީމް ކޯޓުން އަމިއްލަ ގާނޫނު ހަދައިގެން ހުކުން ކުރި ޒަމާން ގޮއްސި އުއްތަމަ ފަނޑިޔާރަށް އަދިވެސް ތިއުޅުއްވަނީ ގެޓުނުވެގެނަ