Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ޝަކުވާ

ޝަކުވާ (12 ވަނަ ބައި)
"މަންމައާ އެކު ހުޔޫންމެންގެ ގެއަށް ގޮސްފަ މިއައީ. އެ ގެއިން ސައިބޮއިފިން. ހުޔޫން މިހާރު ވަރަށް ތަފާތު. ހައްޔާނާ ވެސް ދިމާވި. އެނގޭތަ ހައްޔާން ބުނި އެއްޗެއް.؟" އަޒްކާ ހީވަނީ ހުރިހާ ވާހަކައެއް އެއްފަހަރާ ބުނަން ބޭނުންވެފައި ހުރިހެންނެވެ.

އަޒްކާގެ ގާތުގައި ހައްޔާން ދެއްކީ ކޮންވާހަކައެއް ބާވައޭ ހިތަށްއަރާފައި ނަވްޔާގެ ހިތް ތެޅެން ފެށިއެވެ.

މޭޒު ކައިރީގައި ދެން ހުރި ގޮނޑި ދަމާލައިފައި އަޒްކާ އިށީނީ ހަމަޖެހިލައިގެން ވާހަކަދެއްކުމުގެ ނިޔަތުގައެވެ. ހުޔޫންމެންގެ ގޭގެ ރީތި ވާހަކައާއި ހުޔޫންގެ ވާހަކަ ފަށަފަށައިގެން ދައްކަމުން ދިޔައެވެ. ނަވްޔާ ކެތްމަދުވެފައި އިނީ ހައްޔާންގެ ވާހަކަ ބުނޭތޯއެވެ. ނަމަވެސް އެ ވާހަކަ ބުނާކަށް އަޒްކާ ނޫޅުނެވެ. އެންމެފަހުން ނީނދެވިގެން ހައްޔާން ބުނީ ކީކޭތޯ ނަވްޔާ އެހިއެވެ. ހައްޔާން ދެއްކީ އެހެން ވާހަކައެއް ކަން އެނގުމުން ނަވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހަމަ އެއާ އެކު ހިތުގެ ކަނަކަށް މާޔޫސްކަން ވެރިވިއެވެ.

ސައިބޮއި ނިމިގެން ތަށިތައް ބަހައްޓާފައި ޝަމްނާ ތެދުވެ ބަދިގެއާ ދިމާއަށް ދިޔައެވެ. ޝަމްނާއަށް ގޮވައިލުމަށްފަހު މަޑުކުރުމެއް ވެސް ނެތި ބަދިގެއަށް އަޒްކާ ދިޔައީ ކީއްކުރަންތޯ ބަލަން ބޭނުންވީއެވެ. ނަވްޔާއާ ހީނހީނފައި އަޒްކާ ވާހަކަދައްކަން އިންދާ ފެނުމުން ޝަމްނާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ކާގެ ތެރޭގައި ޝަމްނާ އިންދާ އަޒްކާ ގޮސް އެ އީނީ ނަވްޔާގެ ގާތުގައެވެ.

ނަވްޔާދެކެ ޝަމްނާ ރުޅިއަންނަ ސަބަބަކީ އެއީއެވެ. ނަވްޔާ ކިތަންމެ ރަނގަޅަކަށް ކަންތައް ކޮށްދިން ނަމަވެސް ޝުކުރުވެރި ހިތަކުން އެކަން ބަލައިގަންނަން ޝަމްނާ ނުކުޅެދިފައިވަނީ ހިތުގައި މޫލައި، ކުރިލާފައިވާ ހަސަދައިގެ ސަބަބުންނެވެ. ވީ ފޫހިން ޝަމްނާ އެނބުރި ދާން ހިނގައިގަތެވެ. ކާގެއިން ނުކުންނަން ދަމުން، މޭޒުމަތީގައި ކިރުބޮއި ހުސްކޮށްފައި ހުރި ތަށި އަތުން ޖަހާ ބުރުވައިލިއެވެ. އިޔާދު ދެކެ އައިއްސަ ހުރި ރުޅިއާ ދެކަންތައް އެއްވެގެން ސިކުނޑިއަށް ބާރުބޮޑުވެ އަތުންފައިން ގޯސް ހެދޭ ހިސާބަށް ދިޔައީއެވެ.

ތަށި ވެއްޓި ތަޅައިގެންދިޔަ އަޑަށް ނަވްޔާއާ އަޒްކާ ބަދިގެއިން ދުވެފައި ނުކުތެވެ. ދޮންނަން ވެގެން ބަދިގެއަށް ގެންދަން އުޅެނިކޮށް ތަށި ވެއްޓުނީ ކަމަށް ޝަމްނާ ބުންޏެވެ. ފުޅިތޮށިކޮޅަކުން ޖެހި ޝަމްނާގެ ފައި ކަނޑައިގެން ގޮސްފައިވާ ތަން ފެނުމުން ޝަމްނާ ގޮވައިގެން ގޮސް ބޭސް އަޅައިދޭން އަޒްކާ ގާތުގައި ބުނެފައި ބިއްލޫރިތައް ނަގާ ތަން ސާފުކުރަން ނަވްޔާ އަވަސްވެގަތެވެ. ބިއްލޫރިކޮޅުތައް އެއްކުރުމަށް ފަހު ނަގަން އުޅެނިކޮށް މީހެއްގެ ހިލަން ވެގެން ނަވްޔާ ބަލައިލިއެވެ.

"ކަލޭގެ އަމާގެ ބަފާގެ އެއްޗެހިތަ ހަލާކު ކުރަނީތި؟" ކައިރީގައި ހުއްޓިހުރި ނަސީމާގެ ލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ.

އަނގައިން ވެސް ނުބުނެ ހުއްޓުން އަރާފައި ނަވްޔާ އިނެވެ.

"ދެން ވެސް ނީނދެ ތި ތަން ސާފުކޮށްބަލަ." ފައިން ނަވްޔާ ކޮއްޕާލަމުން ނަސީމާ ބުންޏެވެ.

އުޑުފައިން އިށީނދެގެން އިން ނަވްޔާ ދާދި ފަސޭހައިން ގޮސް ބިންމަތީގައި ޖެހުނެވެ. މާ ބޮޑު ތަދެއް ނުވި ނަމަވެސް ނަވްޔާގެ ލޮލުން ކަރުނައައެވެ.

އެނބުރެމުން ދިޔަ ފަންކާގެ ފިޔަތަކަށް ބަލަހައްޓައިގެން އިމާޒު އޮތެވެ. ގަޑިން ރޭގަނޑު އެގާރަޖެހިއިރު ނިދަން ވަދެ އޮތީ އެހެން އެއްވެސް ކަމަކަށް މި ރޭ ސަމާލުކަމެއް ނުދެވުނީތީއެވެ. ރައްޓެހިންނާ އެކު ކޮފީއަކަށް ގޮސްފައި ވެސް އިމާޒަށް އިނދެވުނީ އެ މީހުން ދައްކާ ވާހަކަތަކުގައި ބައިވެރިނުވެއެވެ. އެހެންޏާ އެންމެ ފޯރިނަގާ އިމާޒު މިރޭ ހިމޭންވެފައި އިނުމުން އެހެންމީހުން ދިމާކޮށް ހެދިއެވެ. ކުއްޖެއްދެކެ ލޯބިވެވުނީތޯ ސުވާލުކުރިއެވެ. އަދި އެ ނަސީބުވެރިއަކީ ކާކުތޯއާއި ބުނެލައިގެން އުޅުމުން އެ މީހުންނަށް ވެސް އެހީތެރިކަމެއް ވެވިދާނެކަމަށް ބުނެ ހީނހެދިއެވެ. އެއްވެސް ރައްދެއް ނުދީ އިމާޒު ހެވިފައި ދުރުބަލަހައްޓައިގެން އިނީއެވެ.

ގެއަށް އައިސްފައި ވެސް ޓީ.ވީ ހުޅުވައިގެން އެތައް އިރަކު ޗެނަލް ބަދަލު ކޮށްލަކޮށްލަ އިމާޒުއިނެވެ. އެއްވެސް ޗެނަލަކުން ކަމުދާއެއްޗެއް ދައްކާކަމަކަށް ނުވިއެވެ. އެންމެފަހުން ނިދަން އޮށޯތުމުގެ ޚިޔާލު ކުރެވުމުން ޓީ.ވީ ނިއްވާލައިފައި ތެދުވީއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ފެންބޯނަމޭ ހިތާ ކާގެއަށް ވަދެފައި ބަދިގެއަށް ކަޅިއެއް އެއްލުނީ ބޭއިޚްތިޔާރުގައެވެ. އެ ގަޑީގައި ނަވްޔާ ބަދިގޭގައި މިހާރު ނޫޅޭކަން އެނގުނު ނަމަވެސް ހިތް އެދެމުން ދިޔައީ ނަވްޔާގެ ސޫރަ ދެކިލުމަށެވެ.

ފަންކާގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އޮތް އިމާޒުގެ ޚިޔާލުތަކުގެ ދުރުމީގައި ވަނީ ނަވްޔާގެ ހިނިތުންވުމެވެ. ހިނިތުންވެލިއިރު ދެ ލޮލުން ފާޅުވި ވިދުވަރެވެ. ލޯ މަރައިލުމުން ވެސް ފެންނަނީ މޫނަށް ޗަކަ ފެން ބުރާފާނެތީ ނަވްޔާ އަތްހުރަސްކޮށްލާ މަންޒަރެވެ. ބޯޅަ ހިފައިގެން ދުވެފައި ދާތަނެވެ. ފިލްމެއްގެ މަންޒަރުތަކެއްހެން ރޯލު ލަސްކޮށްލާފައެވެ. އަބަދާއަބަދު ނަވްޔާ ހިނިތުންވެފައި ހުންނާނެ ނަމައެވެ. އިމާޒަށް ވެގެން ވަންޏާ ދުނިޔޭގެ ހުރިހާ އުފާތަކަކުން ނަވްޔާގެ އުނގުފުރާލަދޭނެއެވެ. ނަވްޔާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވެއްޓުނަކަ ނުދޭނެއެވެ.

އެއީ ކީއްވެ ހެއްޔެވެ. އެ މީހުން ބުނިހެން އިމާޒަށް ލޯބިވެވުނީ ހެއްޔެވެ؟ އެއީ ލޯބި ހެއްޔެވެ؟ ނަވްޔާދެކެ އޭނާއަށް ލޯބި ވެވިދާނެހެއްޔެވެ؟ ނަވްޔާއަކީ އޭނާގެ ދެބެންގެދެދަރި ކުއްޖެއް ނޫން ހެއްޔެވެ؟ ނަމަވެސް އެ ދެމެދުގައި ދުވަހަކުވެސް ބޭބެ ކޮއްކޮގެ ގުޅުމެއް ނެތެވެ. އެހެންވީ އިރު ލޯބި ނުވެވެންވީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތާހިތާ އެތަކެއް ސުވާލު އިމާޒު ކުރަމުން ދިޔައެވެ.

އާއެކެވެ. އޭނާ ނަވްޔާ ދެކެ ލޯބިވެއެވެ. ހިތުގެ ކޮންމެ ކަނަކުންމެ ގޮވަމުން ދިޔައީ އެހެންނެވެ. މި ހުރިހާ ދުވަހު ކުރެވެމުން ދިޔަ ގޮތް ނޭނގޭ އިހުސާސްތަކަށް މިއަދު ނަމެއް ދޭން އިމާޒަށް އެނގިއްޖެއެވެ. އެއާ އެކު ހިތަށް ލުއިވެގެން ދިޔަ އިހުސާސެއް ކުރެވުނެވެ.

ނަމަވެސް ދެން ވެސް އިމާޒަކަށް ނިދޭ ގޮތެއް ނުވިއެވެ. ލޯބިވާ ވާހަކަ ނަވްޔާ ގާތު ބުނަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނަވްޔާ ޤަބޫލު ކުރާނެ ހެއްޔަވެ؟ މި ހުރިހާ ދުވަހު ކުރެވުނު ޖެއްސުމާ ގޯނާގެ ސަބަބުން ނަވްޔާ އިމާޒަށް ނަފުރަތު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނޫނެކެވެ. އެހެންވިޔަކަ އޭނާ ނުދޭނެއެވެ. އެ ޖެއްސުންކުރުންތަކުގެ ފަހަތުގައި ވަނީ ލޯބިކަން ނަވްޔާއަށް އިމާޒު ބުނެދޭނެއެވެ. މަންމައަށް އެނގިއްޖެނަމަ ރުޅިއަންނާނެ ވަރު ހިތަށްއެރިއެވެ. ބައްޕަގެ ގޮތެއް ނޭނެގެއެވެ. ނަމަވެސް މަންޒިލާ ހަމައަށް ވާސިލްވާން ކަޑައްތު ކުރަންޖެހޭ ރާސްތާގައި ދިމާވާ ކޮންމެ ހުރަހަކާ އިމާޒު ކެރިގެން ކުރިމަތިލާނެއެވެ.

******

ހަނދުވަރުގެ ރިހި ދޯދިތައް ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސް ބިންމައްޗަށް އެޅިފައިވިއެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅީގައި އެކުލެވިފައިވީ މާމެލާމެލީގެ މީރުވަހެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތައް ލޯބިވެރިންނަށް ލޯބީގެ އިޤުރާރުވުމަށް ދައުވަތުދެމުން ދިޔަ ކަހަލައެވެ. ނަމަވެސް އެ ފިނި މެންދަމުގައި ހައްޔާންގެ ކަންފަތަށް އިވެމުން ދިޔައީ އަޑު އަހަން ބޭނުންވި ލަފުޒުތަކެއް ނޫނެވެ.

"ހައްޔާން، ދިރިއުޅުމަކީ ހަމައެކަނި ދެ މީހެއްގެ ހިތުގެ ލޯތްބަށް ބަރޯސާވެފައި އޮންނަ އެއްޗެއް ނޫން. އާއިލާއާއި މުޖުތަމައުގެ ގުޅުންތައް ވެސް މުހިންމުވާނެ. އަހަރެން ކަހަލަ ކުއްޖަކާ ހައްޔާނަކާ އެކަށީގެނެއް ނުވޭ. އަހަރެންނާ ގުޅިއްޖެނެމަ ހައްޔާނަށް ކުރިމަތިވާނީ އާއިލާގެ ނުރުހުމާއި ރަށު މީހުންގެ ފުރައްސާރަ." ނަވްޔާ ބުންޏެވެ.

އެ ދެމީހުން ތިބީ ބޭރު ޖޯލިފަތީގައެވެ. ހައްޔާން މެސެޖުކޮށްފައި ނުކުންނަން ބުނުމުން މިރޭ ނަވްޔާއަށް ނުނިކުމެ އޮންނާކަށް ނުކެރުނެވެ. ފަތިސް ވަންދެން ހައްޔާން އެތާ އޮވެދާނެ ކަމުގެ ބިރު ހީވެފައެވެ. އެ ދެމީހުން ގުޅުމަކީ ނުވާނެކަމެއް ކަން ހައްޔާނަށް ވިސްނައިދޭން ވެސް ނަވްޔާ ބޭނުންވެއެވެ. ނަވްޔާގެ ވާހަކަތައް ޤަބޫލުކޮށް ހައްޔާންގެ މިސްރާބު އެހެން ދިމާއަކަށް ބަހައްޓައިފިއްޔާ ނަވްޔާއަށް ވެސް ހިތުގެ އެދުމާ ދެކޮޅަށް ސާބިތުވެ ހުންނަން ފަސޭހަވާނެހެން ހީވާތީއެވެ.

"ނަވްޔާ، އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ނިންމަނީ ރަށުގެ މީހުން ކިޔާފާނެ އެއްޗެކަށް ބަލާފައެއް ނޫން. ދުވަސްކޮޅަކުން އެ މީހުން އެ ދައްކާ ވާހަކައެއް ދައްކާފައި ހިމޭން ވެދާނެ. ދެން އޮތީ އަހަރެންގެ އާއިލާ. އަހަރެން އެދޭ އެދުމަކާ އެ މީހުން ދެކޮޅެއް ނުހަދާނެ." ނަވްޔާގެ އަތުގައި ހައްޔާން ހިފައިލިއެވެ.

"އެކަމަކު އަހަރެން ކަހަލަ.." ނަވްޔާ އަނެއްކާ ވެސް ފެށިއެވެ.

"ކޮން އަހަރެން ކަހަލައެއް؟ އެ ކަމުގައި ނަވްޔާގެ ކުށެއް ބުނެބަލަ؟ އަމިއްލައަށް ނިކަމެތިވެގެން ތި އުޅެނީ ކީއްވެ؟" ހައްޔާން ނުރުހުންވިއެވެ.

ނަވްޔާގެ އަތުން ދޫކޮށްލުމަށްފަހު ހައްޔާން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ހުސްކަމެއް އިހުސާސްކުރެވި އަތަށް ބަލަން ނަވްޔާއަށް އިނދެވުނެވެ. ހައްޔާން ނުރުހުންވީތީ ހިތުގައި ޖެހުނެވެ. ހުރިހާކަމެއް ފުދިގެން ބޮޑުވެފައިހުރި މީހަކަށް ނަވްޔާގެ ހިތުގެ ހާލަތު ވަޒަން ނުކުރެވޭނެކަން ވިސްނުނެވެ.

"ހަނދާން ހުންނަން ފެށީއްސުރެ އެ އަޑުތަކަކީ އަހަރެންގެ ކަންފަތައް އިވިއިވި ހުންނަ އަޑު. އެ ކަމުގައި އަހަރެންގެ ކުށެއް ނެތަސް މީހުން ދެކެނީ އެ ގޮތަކަށް ނޫން." ނަވްޔާގެ އަޑު ކުރެހުނެވެ.

ނަވްޔާ ތެދުވިއެވެ. އަސްކަނީގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލިން ނަވްޔާގެ މޫނަށް އެޅިފައިވުމުން މޫނުގައިވާ އަސަރާއި ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހައްޔާނަކަށް ވަންހަނާއެއް ނުކުރެވުނެވެ.

"ނަވްޔާ." ހައްޔާން ވެސް ތެދުވިއެވެ. މި ފަހަރު އެ އަޑުގައި މަޑުމައިތިރިކަންވިއެވެ.

"ހައްޔާން ހަނދާން ނެތުނަސް އަހަރެން ހަނދާނެއް ނުނެތޭ، އެ ރޭ ޕާޓީގައި ހުޔޫން އެ ގޮތަށް ކަންތައް ކުރީ އަހަރެންގެ ކުށެއް އޮވެގެންތަ؟ އެ ރޭ ލިބުނު ނިކަމެތިކަމަކީ އަހަރެން އަމިއްލައަށް ހޯދައިގެން އެއްޗެއްތަ؟ އާއިލާގެ މީހުންގެ ރުހުން ލިބޭނެއޭ ހައްޔާން ބުންޏަސް އަހަރެން ކިހިނެއް ޤަބޫލު ކުރާނީ؟" ނަވްޔާގެ ލޮލޮން ކަރުނަ ފައިބަމުން ދިޔައެވެ.

"ސޮރީ، ވިސްނާނުލާ އެހެން ބުނެވުނީ." ހައްޔާން މޮޅިވެރިކަމާ އެކު ބުންޏެވެ.

"ހައްޔާނަކަށް ނުވިސްނޭނެ." ނަވްޔާ ބުންޏެވެ.

"އެއްވެސް މީހަކަށް ނުވިސްނޭނެ"

ނަވްޔާގެ އަޑު ކިރިޔާ އިވޭކަމެވެ. ނަވްޔާގެ އަތުގައި ހިފާފައި ގަޔާ ކައިރިކޮށްލަން ހައްޔާން އުޅުނެވެ. ނަވްޔާއަށް ހިމާޔަތް ދޭން ބޭނުންވެފައިވާ ފަދައަކުންނެވެ. ނަމަވެސް ހައްޔާންގެ އަތް ފޮޅުވައިލުމަށްފަހު، ކަރުނަތައް ފޮހެމުން އެތެރެއަށް ދާން ނަވްޔާ ހިނގައިގަތެވެ. ނަވްޔާ ދާތަން ބަލަން ހިމޭންވެފައި ހައްޔާނަށް ހުރެވުނެވެ.

(ނުނިމޭ)
ހިޔާލު