Raees Yameen ge shareeai november 17 gai
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ރައީސް ޔާމީންގެ ޝަރީއަތް ނޮވެމްބަރު 17 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް ދެން ބައްލަވާނީ ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރެއްވި އެ ކޯޓުގެ ގާޒީ އަލީ ރަޝީދެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މައްސަލަ ތާވަލުކުރި ޗިޓު ވަނީ ރައީސް ޔާމީންގެ ވަކީލުންނާއި ހަވާލުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ވަނީ ހެކިބަސްނަގާ ހުލާސާ ބަޔާން އިއްވާ ނިމިފައެވެ. އެ މައްސަލައިގައި ހުކުމް ކުރުމަށް މިދިޔަ އަންގާރަ ދުވަހަށް ތާވަލުވެސް ކުރިއެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ހުކުމް ކުރުމަށް ބޭއްވުމަށް ހަމަޖެއްސި ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ބުނެފައިވަނީ، މައްސަލަ ބައްލަވާ ފަނޑިޔާރަށް އެއްވެސް ހާލަތެއް ދިމާވެ ޝަރީއަތެއް ކުރިއަށް ނުގެންދެވޭނަމަ:
1) ކޯޓަކަށް ޚާއްޞަކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން
2) އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުން.
މި ދެގޮތުން ކުރެ ގޮތަކަށް ކަނޑައަޅާ ސަބަބާއި އެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމުލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

މިމައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައެވެ. އަދި ހެކިބަސް ދެމުން، ރައީސް ޔާމީން އަންގަވައިގެން ޤާނޫނާއި ޚިލާފު ކަންކަން ކޮށްފައިވާ ކަމަށާއި، ރައީސް ޔާމީންގެ އެކައުންޓަން ޖަމާކުރި ފައިސާ އަކީ އެމަނިކުފާނު ބުނެގެން ޖަމާކޮށްފައިވާ ފައިސާ ކަމަށް އެ ދެމީހުންވެސް ހެކިބަސް ދީފައިވެ އެވެ.
ހިޔާލު

ރައްޔަތުމީހާ

ވެރިކަންވެސް ނިމުނު ދުވަސް!!!!!!!!!