Care Society ah 21 aharu: Kaamiyaabaai Gonjehun gina dhathureh
image
ކެއާ ސޮސައިޓީގެ ދަރިވަރުންތަކެއް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ކެއާ ސޮސައިޓީއަށް 21 އަހަރު: ކާމިޔާބާއި ގޮންޖެހުން ގިނަ ދަތުރެއް

ހާއްސަ އެހީއަށް ބެނުންވާ ކުދިންނަށް އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ކެއާ ސޮސައިޓީއަކީ މިވަގުތު ރާއްޖޭގައި ހިންގާ މިފަދަ އެންމެ ދުވަސްވީ އެއް ޖަމިއްޔާ އެވެ. މުޖުތަމައުގައި އެހެން ކުދިންނެކޭ އެއްގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ދިރިއުޅުމުގެ ހައްގު ހޯދައިދިނުމަށް އެ ޖަމިއްޔާ އިން މަސައްކަތް ފެށީ 1998 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ބޮޑެތި އަޑިގުޑުންތަކަކާއެކު އެކުދިންގެ ހިދުމަތުގައި ފެށި ދަތުރަށް މިއަދު މިވަނީ 21 އަހަރު ފުރިފަ އެވެ.
ހެޔޮ އެދޭ ގިނަ ބައެއްގެ އެހީގައި ޖަމިއްޔާ ހިންގަމުން އައި ނަމަވެސް އެ ކުދިންގެ ހައްގުގައި ކުރަމުންދާ މި ދިގު ދަތުރުގައި އެތައް ގޮންޖެހުމަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ.

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރު ނައުޝަން މުހައިމިން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އޭރު ޖަމިއްޔާ ފެށިއިރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭރަށް ނެރުމަށް ކުރިމަތިވި ދަތިތަކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވަމުން އަންނައިރު އޭރު އެފަދަ ކުދިން މަގުމައްޗަށް ނެރުމަށް އާއިލާތަކުން ފަސް ޖެހެ އެވެ. މީހުންގެ ފަރާތުން އެކުދިންނަށް މަލާމާތް ރައްދުވުމާއި، ހަރުކަށި ބަސްތަކުން މުއާމަލާތް ކުރުން ފަދަ ކަންކަމާ ގުޅިގެން އެކުދިން ބޭރަށް ނެރުމަށް މައިންބަފައިން އޭރު ފަސްޖެހުނެވެ. ނަމަވެސް އެކުދިންގެ ހުނަރާއި ގާބިލުކަން ފެނި މުޖުތަމައުގެ ވިސްނުން އެކަމުގައި ވަރަށް ބޮޑަށް މިހާރު ވަނީ ބަދަލުވެފަ އެވެ.


ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ކެއާ ސޮސައިޓީން އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ސްކޫލެއް ވެސް ހިންގަމުންނެވެ. އެގޮތުން އެތަނުގައި ޖާގައިގެ ދަތިކަމާ ހުރެ މިވަގުތު ކިޔަވައިދެމުން އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ 30 ދަރިވަރަކަށެވެ. އެކަމަކު އެތަނުގައި ކިޔެވުމަށް އެދި ވެއިޓިން ލިސްޓުގައި ވެސް ދަރިވަރުން ތިބިކަން ފާހަގަކުރައްވާ ނައުޝަން ވިދާޅުވީ އަންނަ އަހަރު އިތުރު ހަ ދަރިވަރަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި ސްކޫލުގައި އެންމެ ތުއްތު ކުދިން ފެށިގެން އުމުރުން ދޮށީ މީހުން ވެސް އަންނަނީ ކިޔަވަމުންނެވެ.

"މިވަގުތު އަޅުގަނޑުމެންގެ ސްކޫލުގައި އެންމެ ތުއްތު ކުއްޖަކަށް ދެ އަހަރާއި ބައި އަދި އެންމެ ބޮޑު ދަރިވަރަކަށް 37 އަހަރުގެ ދަރިވަރަކު ކިޔަވަމުންދަނީ،" ނައުޝަން ވިދާޅުވި އެވެ.


އެނާ ވިދާޅުވި ގޮތުގައި ކުޑަކުދިނަށް ހާއްސަކޮށް އެ ސްކޫލުން ދަނީ އާލީ އިންޓަވެންޝަން ޕްރޮގްރާމުތައް ވެސް ހިންގަމުންނެވެ. އަދި ބޮޑެތި ދަރިވަރުންނަށް ހާއްސަކޮށް ވޮކޭޝަނަލް ޕްރޮގްރާމުތައް ވެސް ހިންގަމުން އަންނައިރު އެ ކުދިން ކުރާ މަސައްކަތުން އާމްދަނީ ލިބޭނެ މަގުވެސް ކެއާ ސޮސައިޓީން ތަނަވަސްކޮށްދެމުން ގެންދާކަން ނައުޝަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް އެންކަރޭޖް ކުރަން ސަރުކާރު ސްކޫލުތަކަށް ގެންދަން. ސަރުކާރު ސްކޫލުތަކުން ވެސް ސެން އެޑިއުކޭޝަން މިހާރު އެބަދޭ. އެއީ ހަމަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބައްޓަންކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއް. ދެން އެކަމަކު އަޅުގަނޑުމެންގެ ޕްރޮގްރާމުތަކަކީ އެއަށް ސަޕޯޓްކުރާ ޕްރޮގްރާމުތައް،"މީގެ އިތުރުން ނައުޝަން ވިދާޅުވީ ބޮޑެތި ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކީ މިވަގުތު ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިޕްރޮގްރާމުގެ ދަށުން އެކުދިން ކުރާ މަސައްކަތްތައް އާންމުންނަށް ދައްކާލުމަކީ ވަރަށް ބޮޑު ބޭނުމެއްކަން ފާހަގަކުރައްވާ ނައުޝަން ވިދާޅުވީ އެތަކެތި އާންމުންނަށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް ޖަމިއްޔާއިން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"އެގޮތުގެ މަތިން ހަމަ މިއަހަރު އެކުދިން މިދިޔަ ދެ އަހަރުއްސުރެ ވަރަށް މަސައްކަތްކޮށްފަ މިއަހަރު ކޮންމެވެސް ވަރަކަށް އެކުދިންގެ މަސައްކަތުން ހަދާފަ ހުރި އެއްޗެހި ވިއްކަން ވެސް ވިއްކި އެކުދިން. ދެން ހަމަ މި ހަދައިގެން ވިއްކާ އެއްޗެއްސަކީ މިކުދިންގެ އާމްދަނީއެއް. މިކުދިންގެ ސޭވިންގެ ގޮތުގައި އެ ރައްކާކުރެވިގެންދާނީ،"


މީގެއިތުރުން އެ ޖަމިއްޔާއިން އަންނަނީ ކޮމިއުނިޓީ ރިހިބިލިޓޭޝަން ވެސް ހިންގަމުންނެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ މާލެ ނޫން ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުރި މީހުންނާ ކުދިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ނައުޝަން ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ދަތުރުކުރުމަކީ ދަތިކަމެއް ކަމެއް ކަމަށާއި އެހެންވެ އެފަދަ ޕްރޮގްރާމުތައް އަތޮޅު ތެރެއަށް ފުޅާ ކުރުމަކީ ވެސް ކެއާ ސޮސައިޓީގެ އަމާޒެއް ކަމަށެވެ.

އެގޮތަށް ކުރާ މަސައްކަތުގެ ދަށުން ފ. އަތޮޅުގައި އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީން މިވަނީ އެ ޖަމިއްޔާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފަ އެވެ. ނައުޝަން ވިދާޅުވީ އެކަމުގެ އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާ ކަމަށާއި އެގޮތުން ޕްރޮގްރާމުގެ ހަރަދު ހަމަޖައްސާނީ މިނިސްޓްރީން ކަމަށެވެ. މީގެ އިތުރުން ވެސް ނައުޝަން ވަނީ ޖެންޑާ މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޖަމިއްޔާއަށް އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާފަ އެވެ.

- އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކެއާ ސޮސައިޓީން އަންނަނީ އޮކިއުޕޭޝަނަލް ތެރަޕީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެމުންނެވެ. މި ތެރަޕީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެމީހަކަށް އެންމެ މުހިއްމު މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް އަމާޒުކޮށްގެން ދެވޭ ވަށާޖެހޭ ފަރުވާއަކަށް ކިޔާ ނަމަކެވެ. މިގޮތުން މި ތެރަޕީގައި ވާހަކަ ދައްކަން ދަސްކޮށްދިނުމާ، ހެލިފެލިވެ އުޅެން ދަސްކޮށްދިނުމާ، ހަނދާން އާކޮށްދިނުން ފަދަ މުހިއްމު ހުނަރުތައް ދަސްކޮށްދެ އެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަސްކޮށްދިނުމަކީ މި ތެރަޕީގެ އެންމެ ބޮޑު އެއް އަމާޒެވެ.

މި ޕްރޮގުރާމުގައި އާއިލާތަކަށް ވެސް ހާއްސަކޮށް ކުރެވިދާނެ ކަންކަން ކިޔައިދޭނެ އެވެ. މި ތެރަޕީ ބޭނުންވާ މީހުން ކެއާ ސޮސާއިޓީގެ ނަންބަރު 3312491 ގުޅައިގެން އެޕޮއިންޓްމަންޓު މިހާރު ލިބެން ހުންނާނެ އެވެ.

ހަމައެއާއެކު މިއަހަރު އަލަށް ތެރަޕީއެއްގެ ހިދުމަތް ފެށުމަށް ކެއާ ސޮސައިޓިން އަންނަނީ ތައްޔާރުވަމުންނެވެ. ނައުޝަން ވިދާޅުވީ އެ ތެރަޕީ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދަ ކަމަށާއި އެގޮތުން އެ ތެރަޕީ މިއަހަރުގެ ތެރޭގައި ދެވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އާސަންދައިގެ ދަށުން ނޫންވީމަ މިހާތަނަށް އަޅުގަނޑުމެންނަށް ހިދުމަތް ދެވެނީ އޮކިއުޕޭޝަނަލް ތެރަޕީގެ. އެކަމަކު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހުގައި ނޫނީ މިމަހުގައި ވިޔަސް އަޅުގަނޑުމެންނަށް މި ހަމަޖެހިއްޖެއްޔާ އިތުރު ތެރަޕީ އެބަ ހުޅުވާލަން. އޭގެ ތެރޭގައި ސްޕީޗް ތެރަޕީ ފަދަ ތެރަޕީތައް ވަރަށް ބޮޑު ޕްރިއޯރިޓީއެއް ދީގެން ތެރަޕިސްޓުން ހޯދައިގެން މަސައްކަތް ކުރަމުންމިދަނީ،"

ކުރިއާ ހިލާފަށް މިވަގުތު ކެއާ ސޮސައިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެތަން ހިންގުމަށް ކޮންމެ މަހަކު ބޮޑު ކުއްޔެއް ދައްކަން ޖެހުމެވެ. އާންމުންގެ އެހީތެރިކަމާ އެކު ހިންގަމުން އަންނަ އެ ޖަމިއްޔާއަށް ވަންނަ ހަމައެކަނި ނަފާއަކީ ސްކޫލް ހިންގައިގެން ކޮންމެ ކުއްޖަކު ދައްކާ ފީގެ ގޮތުގައި އެ ޖަމިއްޔާގެ އެކައުންޓަށް ވަންނަ 1500 ރުފިޔާ އެވެ. ކުއްޖަކަށް ފީ ނުދެއްކިއްޖެ ހާލަތެއްގައި ވެސް އެ ޖަމިއްޔާއިން ކުއްޖާ ސްކޫލަށް ގެންނަން ހުރަހައެއް ނާޅަ އެވެ. ސަބަބަކީ ކުއްޖާގެ މުސްތަގުބަލަށް ޖަމިއްޔާއިން ހާއްސަ އިސްކަމެއްދޭތީ އެވެ.

"އަޅުގަނޑުމެން ރެންޓުވެސް މި ކަވާ ކުރަނީ ކޮންމެވެސް ސްޕޮންސަރެއްގެ އެހީގައި. އެހެންވެ އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނީނދެ އަޅުގަނޑުމެންނަށް، މިއަންނަ އަހަރުވެސް ރެންޓް ކަވާ ކުރެވިދާނެތޯ. އެއީ ވަރަށް ބޮޑު ބިރުވެރިކަމެއް،" ނައުޝަން ވިދާޅުވި އެވެ.

އާންމުންގެ އެހީއާއެކު ޖަމިއްޔާ ހިންގަމުން އަންނައިރު އެހީ ހޯދުމަށް ވެސް ބައެއް ފަހަރު ގޮންޖެހުންތައް ކުރިމަތިވެ އެވެ. މީގެ ފަސް އަހަރު ކުރިން 2014 ވަނަ އަހަރު މާލީ ގޮތުން ދިމާވި ގޮންޖެހުންތަކާއެކު ކެއާ ސޮސައިޓީއަށް އުއްމީދު ގެއްލުނެވެ. ސްކޫލު ބަންދުކުރާ ހިސާބަށް ކަންކަން ދިޔަ ނަމަވެސް އެތަނުގައި ކިޔަވާ ކުދިންގެ ހައްގުގައި އާހިތްވަރަކާއެކު ކޮޅަށް ތެދުވާން ކެއާ ސޮސައިޓީއަށް މަޖުބޫރުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ސްޕޮންސަޝިޕް ލިބޭ. އެކަމަކު އެހީކީ ގޮސް ވާހަކަ ދައްކައިގެން. އެ ލިބިއްޖެއްޔާ ލިބުނީ ނުލިބުނިއްޔާ އަނެއްކާ ވެސް އެހެން ކޮޅަކަށް ގޮސް ވާހަކަ ދައްކައިގެން މި ހޯދަނީ. އެހެންވީމަ މާދަން ވެސް އަޅުގަނޑުމެންނަށް ތަނެއް މަސައްކަތް ކުރަން ނޯވެދާނެއޭ،"

ސާދަ މުވައްޒަފުން މަސައްކަތްކުރާ ކެއާ ސޮސައިޓީއަށް މިހާރުވެސް ދައުލަތުގެ މުއައްސަސާތަކާ، އާންމު ފަރުދުންނާއި ޕްރައިވެޓް ކުންފުނިތަކުން އަންނަނީ ޓީޗަރުންގެ މުސާރަ ސްޕޮންސާ ކުރުން ފަދަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ބައެއް ދަރިވަރުންގެ ސްކޫލު ފީވެސް ބައެއް އާންމު ފަރާތްތަކުން އަންނަނީ ސްޕޮންސާ ކޮށްދެމުންނެވެ. މިތަނުގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މުޖުތަމައުގެ ފަރާތުން އެ ޖަމިއްޔާއަށް އެހީތައް އިތުރުކޮށްދިނުމެވެ.

އެގޮތަށް ޖަމިއްޔާއިން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ނައުޝަން ވިދާޅުވި ގޮތުގައި މިހާރު ހިދުމަތްތައް އެކި ދާއިރާތަކުން ފުޅާކުރަމަށް ޖަމިއްޔާއިން އަމާޒު ހިފާފައިވާތީ އެވެ. އެގޮތުން މަސައްކަތް ފަށައިގަންނައިރަށް ދިމާވާ އެފަދަ ގޮންޖެހުންތަކުގެ ސަބަބުން ހިދުމަތްތައް ހުއްޓާލަން ޖެހިއްޖެނަމަ އަނެއްކާ ވެސް އެ މަސައްކަތް ފަށައިގަތުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ނައުޝަން ފާހަގަކުރައްވަ އެވެ.

މީގެ 21 އަހަރު ކުރިން ކެއާ ސޮސައިޓީން ފެށި މިދަތުރުގެ މަންޒިލަށް ވާސިލުވެވެން އޮތީ މުޖުތަމައުގެ ފަރާތުން ވެސް އެއްބާރުލުން ލިބިގެންނެވެ. އާންމުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މެދުގައި އޮތް ޒަމާންވީ ފަރަގު ނައްތާލުމަށް މުޖުތަމައުގެ ފަރާތުން ދޭ އެހީއަކީ އިންސާނިއްތައްޓަކައި ދިއްކޮށްލެވޭ އެހީ އެކެވެ. އެކުދިންނަށް ވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރު ކުޅުމާއި ތައުލީމު އުގެނުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ.
ކެއާ ސޮސައިޓީ
ހިޔާލު

ޥައު

ތިޔަ މަސަތްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން.