Samaaluvey! Raajjeygai Influenza ithuruvejje
image
ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ސަމާލުވޭ! ރާއްޖޭގައި އިންފުލުއެންޒާ އިތުރުވެއްޖެ

ރާއްޖޭގައި އިންފުލުއެންޒާ އިތުރުވަމުންދާތީ އެކަމަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އިންފުލުއެންޒާ އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އޭގައިވާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިންފުލުއެންޒާއަށް ޓެސްޓު ހަދާފަ އެވެ. އަދި ބައެއް މީހުން ޕޮޒިޓިވް ވެފައިވާއިރު މިމަހުގެ ތެރޭގައި ވެސް ގިނަ ބަޔަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެހެންވެ އިންފުލުއެންޒާ އިތުރުވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އަންގާފަ އެވެ. އަދި އެބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ.

އިންފްލުއެންޒާ އޭ އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ. އަދި އިންފްލުއެންޒާ ބީ އަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެކެވެ. އެގޮތުން މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. އިންފްލުއެންޒާ ސީ އަކީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ އަދި މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.

އިންފްލުއެންޒާގެ ސަބަބުން ރާއްޖޭގައި ވެސް ބައެއް މީހުން މަރުވެފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު ހަ މީހުން މަރުވި އެވެ.

އިންފުލުއެންޒާއެކޭ އެއްގޮތަށް މިދުވަސްވަރު ރާއްޖޭގައި ދަނީ އަރިދަފުސް ރޯގާ ވެސް އިތުރުވަމުންނެވެ. އެގޮތުން އެ ބައްޔަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށް ގޭގައި ދެވޭ ފަރުވާތައް ދޭން ޖެހެ އެވެ. އެގޮތުން އަރާމުކޮށް ގަދަޔަށް ހުން އަންނަނަމަ ގައިގައި ފެންފޮތިލައި ދިޔާތަކެތި ބޭނުންކުރުން އިތުރުކުރަން ޖެހެ އެވެ. އަދި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދުވެސް ހޯދަން ޖެހެ އެވެ. އަދި ޑޮކްޓަރުންގެ އިރުޝާދާ ނުލައި ޕެރަސެޓެމޯލް ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު ބަލިފެތުރުން މަދުކުރުމަށްޓަކައި ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ހޮސްޕިޓަލަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އެދެ އެވެ.
ހިޔާލު