School thakun jaaga dhinumuge insaafuveri kamaai eku amalu kuraanan: Ministry
image
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސުކޫލުތަކުން ޖާގަ ދިނުމުގައި އިންސާފުވެރިކަމާ އެކު އަމަލުކުރާނަން: މިނިސްޓްރީ

ސުކޫލުތަކުން ޖާގަ ދިނުމުގައި އިންސާފުވެރިކަމާ އެކު އަމަލުކުރާނެ ކަމަށާއި އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި، މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަން ދޭނެ ކަމަށް އެމިނިސްޓްރީން ބުނުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބު ދެމުންނެވެ.

ސީއެންއެމް ޓީވީގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދަރިވަރު ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައިވާ ސުކޫލަކުން ފުރުސަތު ދިނުމަށް ގެންގުޅޭ އުސޫލުގެ ދަށުން ސުކޫލުތަކުން ކުދިންނަށް ޖާގަ ދިނުމުގައި ވަރަށް އިންސާފުވެރިކަމާ އެކީ މިސަރަކާރުން އަމަލުކުރަމުންދާނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް ނުފޫޒެއް، ފޯރުވައިގެން ވަކި މީހެއްގެ ކުއްޖަކަށްވާތީ ޖާގަ ދިނުމުގެ އުސޫލެއް މިސަރުކާރުން ނުގެންގުޅޭ. އޭގެ ބަދަލުގައި ވަރަށް އިންސާފާ ހަމަހަމަ ކަން އެއީ އަޅުގަނޑުމެން ހުރިހާ ކަމެއްގައިވެސް ގެންގުޅޭ އުސޫލު" ކުރީގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ރަށްވެހިވެފައިވާ ކުދިންނަށް އިސްކަންދީގެން ޖާގަ ދޭން ނިންމީ ހުރިހާ ސުކޫލުތަކަކުން ނޫން ކަމަށެވެ. އެގޮތަށް އިސްކަން ދޭން ނިންމީ ހަމައެކަނި އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުން ކަމަށްވެސް ވިދާޅުވި އެވެ.

މި ދެ ސުކޫލުން ޖާގަ ދިނުމުގައި އިސްކަންދިނުމުގެ އުސޫލަކަށް އަމަލުކުރަންޖެހެނީ ސުކޫލުގައި ޖާގަ ނެތް ވަރަށް ޖާގަ ހޯދުމަށް ޑިމާންޑް އޮތުމުގެ ސަބަބުން ކަމަށްވެސް އަބްދުﷲ ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެހެންނަމަވެސް ކަމަށާއި އެހެންނަމަވެސް ދަރިވަރު ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައިވާ ސުކޫލަކުން ފުރުސަތު ދިނުމަށް ގެންގުޅޭ އުސޫލުގެ ތެރެއިން ޖާގަ އޮތް ވަރަކުން ދަރިވަރުންނަށް މި ދެ ސުކޫލުން ވެސް ޖާގަ ހަމަޖައްސައިދޭނެ ކަމަށްވެސް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ މާލޭގެ ސުކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސުކޫލުން އަނެއް ސުކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައަޅާފައިވަނީ ސުކޫލްތަކުގައި 2020 ވަނަ އަހަރަށް ޖާގަ ދެވެން ހުރި އެންމެ ގިނަ މިންވަރު ބަލައި، އެ ސުކޫލު ހިމެނޭ ސަރަޙައްދަކުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ.

މިއުސޫލުގެ ތެރެއިން އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސުކޫލަކުން ޖާގަ ހަމަޖެއްސުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ހަދަން ޖެހުމުގެ މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު އަލަށް ގުރޭޑް އެކަކަށް ސުކޫލަށް ވައްދާ ދަރިވަރުންނަށް އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުގައި ޖާގަ ދެވެން ހުރި އަދަދަށް ވުރެ، އެ ސުކޫލްތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވަތީ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ހިމެނޭ އެހެން ސުކޫލްތަކަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް މާބޮޑު ގޮންޖެހުންތަކެއް ކުރިމަތި ނުވެ ޖާގަ ދެވޭނެ ކަމަށެވެ. މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު