India ge eki kankolhuthakun mi meehaa ah vazeefaa dheyn gulhanee!
image
0 ކޮމެންޓް
 

އިންޑިއާގެ އެކި ކަންކޮޅުތަކުން މި މީހާއަށް ވަޒީފާ ދޭން ގުޅަނީ!

ގޭގެއަށް ގޮސް މަސައްކަތް ކޮށްދޭ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ، ގީތާ ކާލޭ އަށް ވަޒީފާ ދިނުމަށް އިންޑިއާގެ އެކި ސަރަހައްދުތަކުން އޭނާއަށް ގުޅަން ފަށައިފި އެވެ.
މިމީހާއަށް ވަޒީފާ ދިނުމަށް މީހުން ގުޅަން ފަށާފައި މިވަނީ އޭނާގެ ބިޒްނަސް ކާޑު ސޯޝަލް މީޑިއާއަށް އާންމުކުރުމުންނެވެ.

ސޯޝަލް މީޑިއާގައި މި މީހާގެ ވާހަކަތައް ހިއްސާކުރީ އަސްމީތާ ޖަވްދެކާރު ނަމަކަށް ކިޔާ މީހެކެވެ.

އެގޮތުން ފޭސްބުގައި އަސްމީތާ ކުރި ޕޯސްޓުގައި ވަނީ މަސައްކަތު މީހާ އާއި އެ މީހާ މަސައްކަތް ކުރަންދާ ގެއެއްގެ ވެރިއެއް ކަމަށްވާ ދަނަޝްރީ ޝީންޑޭގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އަދި ބުނީ ދަނަޝްރީ ވަޒީފާގައި އުޅުމަށްފަހު ގެއަށް އެނބުރި އައިރު އޭނާގެ މަސައްކަތު މީހާގެ މޫނުމަތިން ފެނިގެން ދިޔައީ އުދާސްކަން ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެމީހާ މަސައްކަތް ކުރަންދާ އެހެން ގެއަކުން އޭނާއަށް އިތުރަށް މަސައްކަތް ނުދޭން ނިންމައިފައިވާ ކަމަށާއި އޭގެ ސަބަބުން މަހަކު އެ ގެއިން ލިބޭ 4000 ރުޕީސް ނުލިބޭނެ ކަމަށް ބުނި ކަމަށް ބުންޏެވެ.

އެއާއެކު އެމީހާގެ ތަކުލީފުތަކަށް ލުއެއް ހޯދައިދިނުމަށް ދަނަޝްރީ ނިންމީ އޭނާގެ އޮފީހުގައި މަސައްކަތް ކުރާ މީހަކު ލައްވާ އޭނާއަށް ބިޒްނަސް ކާޑެއް ހަދައިދިނުމަށެވެ.

އެގޮތުން އޭނާއަކީ ކާކު ކަމާއި އުޅެނީ ކޮން ސަރަހައްދެއްގައި ކަން އަދި މަސައްކަތަށް ނަގާ އަގާއި ގުޅޭނެ ނަމްބަރު އޭގައި ލިޔެ އާދައިގެ ރީތި ބިޒްނަސް ކާޑެއް ފަރުމާ ކޮށްދިނެވެ. އަދި 100 ޕްރިންޓް ނެގުމަށްފަހު އެ ސަރަހައްދުގައި އުޅޭ އެކި ގެތަކަށް ވަނީ ބަހާލާފަ އެވެ. އެއާއެކު ހީކުރި ވަރަށް ވުރެ ބޮޑަށް އެމީހާއަށް އިތުރު ވަޒީފާގެ ފުރުސަތުތައް ލިބުނެވެ.

ސޯޝަލް މީޑިއާގައިވެސް އެ ކާޑު ވައިރަލްވެ އިންޑިއާގެ އެކި ސަރަހައްދުތަކުން އެމީހާއަށް މިވަނީ ގުޅަން ފަށާފަ އެވެ. އެގޮތުން އެމީހާއަށް ވަޒީފާ ދިނުމަށް މީހުން ގުޅާވަރުން ފޯނު ރިންގުވުން ނުހުއްޓޭ ކަމަށްވެ އެވެ.
އިންޑިއާ
ހިޔާލު