Vaahaka: Muskulhiyaa
image
ވާހަކަ: މުސްކުޅިޔާ
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: މުސްކުޅިޔާ

ދެވަނަ ބައި
ހިތުގައި ފުނި ޖެހެމުންދިޔަ ޚިޔާލުތަކުން ދުރުވާން ޖެހުނީ ފޯނު ރިންގުވާ ފެށުމުންނެވެ.
"ކީކޭ ބޯއްތާ؟" ކަންފަތުގައި ފޯނު ޖައްސައިލަމުން އަހައިލީމެވެ.

"ކޮބާ ޒަޔާން ކިހިނެއް ވަނީ ކަންކަން؟" ބޮޑުދައިތަ ސުވާލުކޮށްލިއެވެ.
"އަދި ކިރިޔާ މި ހަމަޖެހިލީ. އިހަށް އަހަރެން މި ތަނަށް ހޭނިލަން ފުރުޞަތެއްދީ،" އެނދުގައި އޮށޯވެލަމުން ސުވާލުކޮށްލީމެވެ. "މަންމައަށް އެނގޭނެތަ؟"

"އަދި ނޭނގޭނެ! އެކަމަކު މިއަދު މާލެ އައިސް އަހައިލި ކޮބައިހޭ. އަހަރެން ބުނިން ވެއްޖޭ ރާއްޖެތެރޭ ރަށަކަށް ގޮސް. ރައްޓެއްސަކާއެކު." ލޯތްބާއެކު ބޮޑުދައިތަ ކިޔައިދިނެވެ.

"ބޯއްތާ އަހަރެން ގުޅާނަން. މަށަށް ދުޢާކޮށް ދޭތި." އިތުބާރާއެކު އަހަރެން ބުނެލީމެވެ.
"ބޯއްތަ އަބަދުވެސް ޒަޔާނަށް ދުޢާކޮށްދެން. ފިސާރި ކެރިގެން ކުރިމަތިލާތި!" ބޮޑުދައިތަ ނަސޭހަތްދިނެވެ.
"ބޯއްތައަކީ އަހަރެންގެ ހުރިހާ މީހަކީ. ތިޔައީ އަހަރެންގެ ހިތްވަރަކީ. އަހަރެން ރޫހަކީތީ." ބޮޑުދައިތައަށް ތަޢުރީފުކޮށްލެވުނެވެ.

"ބަލައި ދިޔަ ހަދިޔާ ހިފައިގެން އަންނާތި. ބާއްވަނީ." ބޮޑުދައިތަ ހެމުންހެމުން ފޯނުބޭއްވިއެވެ.

ފެންވަރައިގެން ނުކުތްއިރަށް ދޮރުގައި މީހަކު ޓަކިދޭތީ އަވަސް އަވަސްކޮށްލައިގެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތި ހުރީ ޒުވާން ފިރިހެން ކުއްޖެކެވެ.

"އަސްހަދު ދޯ!" އަހަރެން ވަރަށް ޔަޤީންކަމާއެކު ބުނެލީމެވެ.
"ޒަޔާން ދޯ،" އަސްހަދު ވެސް ހިނިތުންވެލިއެވެ. "ބުރެއް ޖަހައިލަން ދާންކަމަށް. ދޮންބެ ބުނި ޒަޔާން އެކަނި ނުކުރާށޭ. ފްރެންޑް ވާށޭ."

"އެހެންތަ؟" އަހަރެންގެ ނަސީބު ރަނގަޅު ކަމާމެދު ޝުކުރުވެރިވެވުނެވެ. "މިއަންނަނީ ކެމެރާ ހިފައިގެން."
އެތެރެއަށް ވަދެ ކެމެރާ ހިފައިގެން ބޭރަށް ނުކުމެ އަސްހަދުގެ ސައިކަލް ފަހަތަށް އެރީމެވެ. އަސްހަދު ރަށުގެ ބޮޑެތި މަގުތަކުގައި ދުއްވަމުން ދިޔައެވެ. ތަންތަނުގެ ނަންތަކާއި މުހިއްމު އިމާރާތްތަކުގެ މައުލޫމާތު ދެމުންނެވެ. އެއީ ބޮޑު ރަށެކެވެ. މަގުތައް ބޮޑެތިވެފައި ތަނަވަހެވެ. ފެހިކަން ގަދަވެފައި ސާފުތާހިރެވެ.
"މަޑުކޮށްބަލަ،" ސައިކަލް މަޑުކޮށްލުމަށް އަހަރެން އެދުނީމެވެ. "އެބަ އަންނަން."

ސައިކަލުން ފައިބައިގެން ކުރިއަށް ޖެހިލާ ފޮޓޯއެއް ނެގީމެވެ. ދެތިން ދިމާއިން ފޮޓޯއެއް ނެގުމަށްފަހު އަސްހަދު ކޮބައިތޯ ބަލައިލީމެވެ. ސިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އަސްހަދު ހުރީ އަހަރެންގެ ކުރިމަތީގައެވެ. ބަރިޖަހައިލައިފާ ސުވާލުތަކެއް މޫނުމަތީ އަތުރައިލައިގެންނެވެ.

"ކީއްވެ؟ އެ މުސްކުޅިޔާ؟" އަސްހަދު ސުވާލުކޮށްލިއެވެ.
"ޖަވާބު އަހަންނަކަށް ވެސް ނޭނގޭ. އެ މުސްކުޅިޔާ އަހަންނަށް ވަރަށް ޚާއްޞަ ވެއްޖެ." އަހަރެން ހިނިތުންވެލީމެވެ.
އަސްހަދު ހުރީ ބަލާށެވެ.

"އައްސަލާމް އަލައިކުމް ކާފާ."މަޑުމަޑުން އެ މީހާ ގާތަށް ގޮސް ތިރިވެލީމެވެ.
ސުވާލުން ފުރިފައިވާ މޫނައިގެން އެ މުސްކުޅިޔާ އިސް އުފުލައިލިއެވެ.

"ކާފަ އެކަނިތަ ވިނަ ނޮޅަނީ؟ މީ ކާފަގެ ގެވަޅެއްތަ؟" އަހަރެން އަހައިލީމެވެ.
"މިއީ އެހެން މީހެއްގެ ގެވަޅެއް. އެމީހާއަކީ މީހުންނަށް އެޗކަހަލަ މަސައްކަތް ކޮށްދީ އުޅޭ މީހެއް،" ޖަވާބު ދިނީ އަސްހަދެވެ. "ނަމަކީ ހުސެންފުޅުބޭ."

ވިނަ ނޮޅުން ހުއްޓައިލައިފައި ސުވާލުގެ ނަޒަރަކުން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުސެންފުޅުބޭ އިނީއެވެ.
"ކާފައަށް ކިހައިވަރެއް ލިބޭ މި އޮށް ބޮޑު ގެވަޅު ނޮޅައި ސާފުކުރީމަ." އަހަރެން ބޭނުންވީ ހުސެންފުޅުބޭ ލައްވާ ވާހަކަދައްކުވާށެވެ.

އެކަން އަސްހަދު ދެނެގަތެވެ. ޖަވާބެއް ނުލިބުމުން ސުވާލު ތަކުރާރުކޮށްލީމެވެ. ހުސެންފުޅުބޭ ކަނާއަތް ހިއްލައިލަމުން ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން ދައްކައިލިއެވެ.
"މާނައަކީ އެންމެ ދުއިސައްތަ ރުފިޔާ އޭތަ؟" އަހަރެންގެ ހިތުގައި ޖެހުނެވެ.

ވަށައިގެންވާ ސަރަހައްދަށް ބަލައިލެވުނެވެ. ފަސްދޮޅަސް ފޫޓު ސާޅީހަކަށް ފޫޓު ހުންނަވަރުގެ އެ ގޯތީގެ ބިންގަނޑު ފުރިފައިވަނީ ކުދި ވިނަތަކުންނެވެ. ބޮޑެތި މިރިހި ވެޔޮތަކާއި ރުވާގަސްތަކެވެ. ހައިރާންކަމާއެކު އަސްހަދުގެ މޫނަށް އަހަރެން ބަލައިލީމެވެ. އަސްހަދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"ކިހިނެއް ހެޔޮވާނީ؟" އަހަރެން ވޮލެޓު ނަގައި ފަސް ސަތޭކަ ރުފިޔާގެ ދެ ނޫޓު ހުސެންފުޅުބޭއަށް ދިއްކޮށްލީމެވެ. "އަން މީ ކާފައަށް އަހަރެން ދިން ހަދިޔާއެއް. ކާފަދޭ ތިޔަ މަސައްކަތް ހުއްޓައިލާފަ ގެއަށް."

ހުސެންފުޅުބޭ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ހުސެންފުޅުބޭގެ އަތުގައި ހިފައި އަހަރެން ކޮޅަށް ނެގީމެވެ. އަދި މުށުގެ ތެރެއަށް ރުފިޔާ ލުމަށްފަހު އަހަރެން ފޮޓޯއެއް ނެގީމެވެ. އޭރު ހުސެންފުޅުބޭގެ ލޮލުން ކަރުނަތައް ބަރުހެލިވެފައި ހުއްޓެވެ.

"ކޮބާ ހިނގާ ދަމާ." އަސްހަދު އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ.

އަހަރެން ސައިކަލަށް އެރީމެވެ. އޭރު ވެސް ހުސެންފުޅުބޭ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރުމެން އައީ ގެއަށެވެ. އަސްހަދު އައިސް ގޯތިތެރޭގައި ހުރި ޖޯލީގައި އިށީނެވެ. އަހަރެން ވެސް ކުރިމަތީ ހުރި އުނދޯލީގައި އިށީނީމެވެ.

"އަސްހަދަށް އެނގޭތެ އެ ކާކުކަން؟" އަހަރެން ބޭނުންވީ އަސްހަދު ގާތުން އަހައި އޮޅުން ފިލުވާށެވެ. "މި ބުނީ އެ ކާފަގެ ގޮތް އެނގޭހޭ؟"

"ޒަޔާން ކީއްކުރަން އެހައިވަރަކުން އެ މީހާގެ މައުލޫމާތު ތި ހޯދަނީ؟" އަސްހަދު ވެސް ކުރީ ސުވާލެކެވެ. "ޒަޔާން އޭނަ ކުރިން ދަންނަންތަ؟"

"ތެދަށް ބުނަންތަ؟" އަހަރެން ފަރުވާތެރިކަމާއެކު އަސްހަދަށް ބަލައިލީމެވެ. "އަހަރެންގެ ހިތް ބުނަނީ އެއީ ވަރަށް ހިތްވަރުގަދަ ކާފައެކޭ! އެ ކާފަގެ މޫނަށް ބަލައިލުމުން އަހަރެންނަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ."
"ތި ވެދާނެ ޒަޔާންގެ ކާފައާ އޭނަ ވައްތަރީ ކަމަށް." އަސްހަދު ހޭންފެށިއެވެ.

"އަހަރެންގެ އެއްވެސް ކާފައެއް މި ދުނިޔެއަކު ނެތް." މަޑުމޮޅި ރާގެއްގައި އަހަރެން ބުނެލީމެވެ.

"އޯހް. ސޮރީ،" އަސްހަދުގެ ރާގު ބަދަލުވިއެވެ. "ވެދާނެ ޒަޔާން ކާފަ މަތިން މާ ބޮޑަށް ހަދާންވަނީ ކަމަށް."
"ވެދާނެ،" އަހަރެން ވެސް ޤަބޫލުކުރަން ބޭނުންވަނީ އެގޮތަށެވެ. "އެކަމަކު އެ މޫނުމަތިން ހާދަ ފުން މެސެޖުތަކެއް ފޯރުކޮށްދެއޭ. ހާދަ ގިނަ ވާހަކަތަކެއް ކިޔައިދެއޭ."

"ދަރިފުޅާ އާދޭ ޒަޔާން ގޮވައިގެން ސަޔަށް." އަސްހަދުގެ މަންމަ ގޮވާލިއެވެ.
"ކޮބާ ޒަޔާން ކޮންތާކު؟" އާދަނު ފޯނުން ވާހަކަދެއްކިއެވެ.

"މިސްކިތުން ފައިބައިގެން ކުޑަކޮށް ހިނގައިލަނީ،" އަހަރެން ބޭނުންވީ ކުރިމަތިން ދިޔަ ހުސެންފުޅުބޭގެ ފަހަތުން ދާށެވެ. "ކޮފީއަކަށް ދާންވީމަ އަހަރެން ގުޅާނަން. އަސްހަދު ވެސް ޑިއުޓީއަށް ދިޔައީމަ މި ނުކުތީ ހަމަ ހިނގައިލަން."
"އެކަނިތަ؟ ނުގެއްލެއްޗެ. މިއީ ރޭގަނޑު. ތި ސަރަހައްދު ވަރަށް އަނދިރި ވެސް ވާނެ." އާދަނު ފޯނުބޭއްވިއެވެ.
އޭރު އަހަރެންނަށް ހުރެވުނީ ހުސެންފުޅުބެއާ އެއްހަމައެއް ގައެވެ.

"ކާފާ. އަހަރެންނޭ،" ހުސެންފުޅުބޭގެ ކޮނޑުގައި އަތްބާއްވާލަމުން އޭނާ ހުއްޓުވީމެވެ. "ކާފައަށް އެނގިއްޖެ ދޯ. މިއަދު ފޮޓޯ ނެގި މީހާ."
ބަދަލުގައި ހުސެންފުޅުބޭ ބޯޖަހައިލިއެވެ.

"އަހަރެން ބޭނުން ކާފައާ ވާހަކަދައްކަން." ހުސެންފުޅުބޭގެ ދުއްވަމުން ދިޔަ ބަރޯއަށް ބަލައިލީމެވެ.
"ފެން ގެންދަނީތަ؟" އެކިވަރުގެ ފެންފުޅިތަކުން ބަރޯވަނީ ފުރިފައެވެ.
ހުސެންފުޅުބޭ ބޯޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

"ގޭގައި އެހެން މީހަކު ނޫޅެނީތަ؟" އަހަރެން ބޭނުންވީ ހުސެންފުޅުބޭ ވާހަކަދައްކުވާށެވެ.
އަނެއްކާ ވެސް ހުސެންފުޅުބޭ ބޯހޫރައިލިއެވެ. މިފަހަރު ބުނީ ނޫނެކޭއެވެ.
"ފެން ތިގެންދަނީ ކީއްކުރަން؟ ތިއީ ބޯފެންތަ؟"

ހުސެންފުޅުބޭ މި ފަހަރު ބޯޖަހައިލިއެވެ. މާނައަކީ އާއެކޭކަން އަހަންނަށް ޤަބޫލުކުރެވުނެވެ.
"ކީއްވެ ވާހަކަނުދައްކަނީ؟" އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ކުރަން ފެށީމެވެ.
ހުސެންފުޅުބޭ ބަރޯ ނަގައި ދުއްވާލަން ތައްޔާރުވިއެވެ. އަހަރެން ހުސެންފުޅުބޭ ހުއްޓުވީމެވެ.

"އަހަރެން ހިތުގައި ވަރަށް ގިނަ ސުވާލު އުފެދޭ،" ހުސެންފުޅުބޭގެ ކޮނޑުގައި ހިފާ އަހަރެންނާ ދިމާއަށް އަނބުރައިލީމެވެ. "މެންދުރު ބޮޑު ފަންގިބަރޯއެއް ހިފައިގެން. ހަވީރު ވިނަނޮޅުމުގަ. ދެ ނަމާދު ދޭތެރޭ ފެން އުފުލުމުގަ. މިއީތަ އާއިލާގަ ކާފަގެ މަގާމަކީ؟ ކާފައަށް ރަނގަޅަށް ހިންދެމި ނުލެވޭއިރު ވެސް؟"

ހުސެންފުޅުބޭ އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ޖެހެމުންދިޔައެވެ. އެންމެ ފަހުން ބަރޯ ބެހެއްޓިއެވެ.

"ކާފައަށް ވާހަކަ ވެސް ނުދެއްކެނީތަ؟" ހުސެންފުޅުބޭ ވާހަކަނުދެއްކުމުން ނުކުރަން އޮތް ސުވާލު ވެސް ކުރީމެވެ. "ވާހަކަދެއްކޭ ނަމަ އެންމެ ވާހަކައެއް ނަމަވެސް ބުނެބަލަ. އަހަރެންގެ ހިތުގައި މިހުރި، ހުރިހާ ސުވާލަކަށް އަހަރެން ޖަވާބު ބޭނުން."

(ނުނިމޭ)
ހިޔާލު