Dhivehi raajjeyge jumhoorihyathah thaareehee nazareh!
image
ފޮޓޯ: މިލަދޫ އޮންލައިން
ފާތިމަތު ރިފާޢަތު
0 ކޮމެންޓް
 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް ތާރީހީ ނަޒަރެއް!

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެ އެވެ. މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވި އެވެ.
އެހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް މެދުވެރިވީ އާދަޔާ ޚިލާފު ބަދަލުތަކެކެވެ. އެހިސާބުން ފެނިގެން ދިޔައީ ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަނެވެ. އޭރުވެސް ދިވެހިރާއްޖޭގެ ސިންގާސަނާ ހުރީ ފަޅަށެވެ.

މާގިނަދުވަސްތަކެއް ނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ދިވެހިން އެރުވިއެވެ. 11 އޭޕްރީލް 1943 ގައި އެގޮތަށް އެކަން ހަމަޖެއްސިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ރަސްކަމަކާ އެމަނިކުފާނު ހަވާލުވެވަޑައެއް ނުގަންނަވަ އެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއން ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައިވެގެން ދިއުމެވެ.

އެހާހިސާބުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953ގައެވެ. ނަމަވެސް ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކު އެވެ. އަނެއްކާވެސް ދިވެހިންނަށް ކަމުދިޔައީ ރަސްކަމެވެ. އެހެންކަމުން 7 މާޗް 1954ގައި ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް އެވެ.

މުހައްމަދު ފަރީދުގެ ރަސްކަން ހިޖުރައިން 1068 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްއަމީރު އިބްރާހީމް ނާސިރެވެ.

ދެވަނަ ޖުމްހޫރީ ހަޔާތަކާ އެކު މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ 51 ވަނަ ޖުމްހޫރީ ދުވަހެވެ. ދެވަނަ ޖުމްހޫރިއްޔަތަށް ބައިގަރުނުވެގެން ދިޔައިރު ރައީސް އަމީނާއި ރައީސް ނާސިރު ހިމެނޭ ގޮތުން ދިވެހި ޖުމްހޫރިއްޔަތުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ޖުމްލަ ހަތް ބޭފުޅަކު އަދާކުރައްވައިފި އެވެ.

ޖުމްހޫރީ ވެރިކަމެއްގެ އެންމެ މުހިއްމު އަސާސަކީ ރައްޔިތުންގެ ބާރުވެެރިކަމާ އެކު ވެރިކަން ހިންގުމެވެ. އެހެންކަމުން މިއީ ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ވެރިކަމެއް ކަމަށް ބައެއް މީހުން މާނަކުރެ އެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމަން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ ބައެއް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ އުޞޫލަކުންނެވެ.

މިއުސޫލުތައް ވާންޖެހެނީ އެ ގައުމެއްގެ ގާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުސޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ގައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއެކު އިންތިޚާބު ކުރާ ވެރިއަކަށް ވުމެވެ.

މިއީ ކަންކުރަން އޮންނަ ގޮތް ކަމަށްވީ ނަމަވެސް ހިތާމައަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ ޖުމްހޫރީ ވެރިކަން ބަދަލުކޮށްލުމަށް މަދު ބަޔަކު ނަމަވެސް އަބަދުވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރަމުން ދިއުމެވެ. ސިޔާސީ ޕާޓީ ތަކުގެ ނިޒާމެއްގައި ވެރިކަން ބަދަލުކުރަން މަސައްކަތް ކުރަންވާނީ ގާނޫނުއަސާސީގައި އެކަން ކުރަން އޮންނަ ހުދޫދުގެ ތެރެއިންނެވެ. ޖުމްހޫރީ ދުވަހު މިއީ ވިސްނަންޖެހޭ ކަމެކެވެ.

ގައުމަށް އަންނަ ކޮންމެ ހުސް ކަމަކީ އެކަމެއްގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުންނަށް ނިކަމެތިކަމެއް ތަހައްމަލް ކުރަންޖެހިދާނެ ކަމެކެވެ. ދިވެހިން ވަނީ މީގެކުރިން މިފަދަ ހިތި ތަޖުރިބާތައް ވެސް ކޮށްފަ އެވެ. އެހެންކަމުން ޖުމްހޫރީ ދުވަހެއްގައި އެންމެ ބޮޑަށް ވިސްނަންވީ އަމިއްލަ މަސްލަހަތައް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށެވެ.
ހިޔާލު