Raajjeyge furathama firihen narus: Adhives Naruhunge hidhumathugai!
image
އަހުމަދު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުސް: އަދިވެސް ނަރުހުންގެ ހިދުމަތުގައި!

ކުޑައިރު ކުރިއަށް ދާނެ ކަމަށް ބުނި ދާއިރާއަކުން ޒުވާނަކު ކުރިއަށް ގޮސްގެން އުޅޭ މަންޒަރު ފެންނާނީ މަދު ފަހަރެކެވެ. އޭރު އަޑަށް ބާރު ލާފައި ތިމަންނާ ކުރިއަށް ދާނީ ޕައިލެޓެއްގެ ގޮތުގައި ބުނި މީހުން މިއަދު ޓީޗަރެއްގެ ގޮތުގައި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މިއީ ކުޑައިރުގެ އެ އަޒުމަށް ބަދަލެއް ނައި ޒުވާނެއްގެ ވާހަކަ އެވެ. ފ. ނިލަންދޫއަށް ނިސްބަތްވާ އެރަށު، ރެޑިއުމްގެ، އަހުމަދު އަލީ، އެންމެ ކުޑައިރުއްސުރެވެސް އަޒުމު ހިފީ ނަރުހަކަށް ވުމަށެވެ. އެ ލަނޑުދަނޑިއަށް ވާސިލުވުމާއެކު އޭނާ ވެގެން ދިޔައީ ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުހަށެވެ. މިއަދު އުމުރުން 34 އަހަރުގައި ވެސް އެ ހިދުމަތުގައި އޭނާ ހުރިއިރު އެކަމުން ދުރަށް ދިއުމުގެ ވިސްނުމެއް ވެސް ނެތެވެ.
"ބޮޑުވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ މީހަކު ވެސް ޓީޗަރަކު ވެސް އަހާލިޔަސް އަޅުގަނޑު އެންމެ ކުޑައިރުއްސުރެވެސް ބުނަމުން އައީ ނާސްއަކަށް ށޭ. ހަމަ އެންމެ ކުޑައިރުވެސް ޝައުގުވެރިކަން ހުރީ މިދާއިރާގަ މަސައްކަތް ކުރަން،" އަހުމަދު ވިދާޅުވި އެވެ.

ކުޑައިރުގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށް އޭނާ މަސައްކަތް ފެށީ 2001 ވަނަ އަހަރު ރަށުން އޯލެވެލް ނިންމާލުމަށް ފަހެވެ. އެގޮތުން އުފަން ރަށުގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުގައި ޓްރައިންވުމުގެ މަސައްކަތް ފެށިއެވެ. އަދި ޖެހިގެން އައި އަހަރު އެދާއިރާއިން ކިޔެވުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅުނެވެ.


- އަހުމަދު ނަރުސްކަމުގައި ހަރަކާތްތެރިވަނިކޮށް

"އަޅުގަނޑު އޯލެވެލް ހެދީ ބިޒްނަސްއިން. އެކަމަކު ނަރުސްކަން ކިޔެވޭނީ ސައިންސް ހަދައިގެންވީމަ އަޅުގަނޑަށް ޖެހުނީ ފައުންޑޭޝަނުން ފަށަން. އެއަށް ފަހު އަޅުގަނޑު ޑިޕްލޮމާއަށް ޖޮއިންކުރީ،"

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސުން ނާސިން ދައިރާއިން ޑިޕްލޮމާ ހާސިލުކުރުމަށް ފަހު، އަހުމަދު މަސައްކަތައް ނުކުމެ ވަޑައިގަތީ އަނެއްކާ ވެސް އުފަން ރަށުގައި ހިދުމަތް ކުރުމަށެވެ. ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުހުގެ ޝަރަފާއެކު އޭނާ މަސައްކަތައް ނުކުމެވަޑައިގެންނެވިއިރު އެތައް ބައެއްގެ ހިތްހެޔޮ ބަސްތަކާއެކު އެ ދާއިރާގައި ސާބިތުވެ ހުންނެވުމަށް އަހުމަދަށް ބޮޑު ހިތްވަރެއް ލިބިވަޑައިގަތެވެ.

"ފިރިހެން ނަރުހަކަށް ވުމުން އަޅުގަނޑަކަށް ވަކި ގޮންޖެހުމެއް ކުރިމައްޗެއް ނުވޭ. ލެކްޗަރާއިން ވެސް އަދި ކުލާހުގަ ކިޔެވި ކުދިން ވެސް ވަރަށް ހިތްވަރު ދެއްވި އަޅުގަނޑަށް. އަދި ޕޭޝަންޓުންގެ ފަރާތުން ވެސް ވަރަށް ލޯބި ލިބުނު އަޅުގަނޑަށް،"

ރަށުގައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ނަރުހުންގެ އިންޗާޖެއްގެ ގޮތުގައި ހިދުމަތްކުރެއްވުމަށް ފަހު އަނެއްކާ ވެސް އަހުމަދު މާލެ ދަތުރު ފެއްޓެވީ، ނަރުހަކަށް ވުމުގެ ތަސްވީރުގައި އިތުރަށް ކުލަ ޖެއްސުމަށެވެ. އެގޮތުން ޔުނިވާސިޓީން އެޑްވާންސް ޑިޕްލޮމާ އިން ކްރިޓިކަލް ކެއާ ނާސިން ފުރިހަމަ ކުރެއްވުމަށް ފަހު މާލޭގައި ހުންނަ ހަމައެކަނި ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ޑައިލަސިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. އަހުމަދު ވަނީ އެތަނުގައި 2013 ވަނަ އަހަރުން ފެށިގެން 2019 އަށް މަސައްކަތް ކުރައްވާފަ އެވެ.

އަހުމަދު މިހާރު މިވަނީ ނަރުސް ކަމުން މާސްޓާސް ޑިގްރީވެސް ހާސިލު ކުރައްވާފަ އެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޓިވް ދާއިރާއިން ވެސް އޭނާ ވަނީ މާސްޓާސް ޑިގްރީއެއް ހާސިލު ކުރައްވާފަ އެވެ.

ގާތްގަނޑަކަށް ހަ އަހަރު ދުވަހު، ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލް ނުވަތަ އެންމެ ގިނަ ބަޔަކު އެތަނުން ހިދުމަތް ހޯދަމުން އަންނަ އައިޖީއެމްއެޗަށް ހިދުމަތް ކުރެއްވުމަށް ފަހު މިހާރު އޭނާއަކީ އެމްއެންޔޫގެ ނާސިން ސްކޫލުގެ ލެކްޗަރާ އެކެވެ. ނަރުހެއްގެ ގޮތުގައި މިވަގުތު ނުފެނުނު ނަމަވެސް އަހުމަދު ހުންނެވީ ނަރުހުންގެ ހިދުމަތުގަ އެވެ. އަދި ކުރިއަށް ދިއުމުގެ ވިސްނުން ވެސް ހުރީ ނަރުހުންގެ ހިދުމަތުގަ އެވެ.

ގާތްގަނޑަކަށް 11 އަހަރު، އަހުމަދު ނަރުހުންގެ ހިދުމަތުގައި ވޭތުކުރައްވާފައިވާއިރު ހަމަ ގައިމުވެސް، އެއް ހިދުމަތެއްގައި އެހާ ދުވަސްވަންދެން ހިދުމަތް ކުރެއްވޭނީ އެކަމަކަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑު ކަމުންނޭ ބުނުމަކުން ދޮގަކަށް ވެސް ނުވާނެ އެވެ. އެ މުއްދަތުގައި ހިދުމަތް ކުުރައްވާއިރު އެތައް ގޮތަކުން ގޮންޖެހުންތައް ވެސް ކުރިމަތިވާނެ އެވެ. ހާއްސަކޮށް އަމިއްލަ ވަޒަނާއި ލޯބިވާ އާއިލާއާ ދުރުގައި މަސައްކަތް ކުރައްވަން ޖެހުން ފަދަ އެތައް ކަމެއް ކުރިމަތިވި ނަމަވެސް އަހުމަދު، މިވަނީ އޭނާ އެންމެ ލޯބިވާ މަސައްކަތުގެ އެންމެ މަތީ ހަރުގައި ފައިޖައްސާފަ އެވެ.


އަހުމަދު، އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު

- އަހުމަދު، އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއެކު

"އަޅުގަނޑަށް ވަރަށް ބޮަޑަށް އެހީތެރިވި ފަރާތެއް އަޅުގަނޑުގެ މަންމައަކީ. އެކަމަށްޓަކައި ޝުކުރު އަދާކުރަން ބޭނުންވޭ. އަދި އަޅުގަނޑުގެ އަންހެންގެ ފަރާތުން ވެސް ކައިވެންޏަށް ފަހު ހަމަ ވަރަށް ބޮޑު ހިތްވަރެއް ލިބުން މިކަމުން ކުރިއަށް ދިއުމަށް،" 2009 ވަނަ އަހަރު ކައިވެނި ކުރެއްވި އަހުމަދު، ވިދާޅުވި އެވެ.

ނަރުސްކަމަކީ ހަމައެކަނި އަންހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ދިވެހި މުޖުތަމައު ދެކެމުންދަނިކޮށް އަހުމަދު، އެކަމަށް ކުރިމަތިލީ ގަދަ ހިތްވަރާ އަޒުމާ އެކު އެވެ. މިއަދު ރާއްޖޭގައި މަދުމަދުން ފިރިހެން ނަރުހުން މަސައްކަތް ކުރަމުން އަންނައިރު އެ ދާއިރާއިން ކިޔަވާ ފިރިހެން ކުދިންގެ ނިސްބަތް ދަނީ ކުރިއާ ހިލާފަށް އިތުރުވަމުންނެވެ. ނަރުސް ކަމަށް ޝައުގުވެރިވާ ފިރިހެން ދަރިވަރުންނަށް ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުސް، އަހުމަދު ދެއްވާ ނަސޭހަތަކީ، "ހިތްވަރާއެކު ރަނގަޅަށް މަސައްކަތްކޮށްފިނަމަ މަންޒިލަށް ވާސިލުވެވޭނެ،" ކަމެވެ.
ހިޔާލު