JSC ah haaziruvaan fonuvi noatihaa uhthama fandiyaaru havaaleh nuvi
image
އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ -- ފޮޓޯ: އަވަސް އޮންލައިން
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ޖޭއެސްސީއަށް ހާޒިރުވާން ފޮނުވި ނޯޓިހާ އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީއަށް ފޮނުވި ނޯޓިހާ އެމަނިކުފާނު ހަވާލުވާން ދެކޮޅު ހައްދަވައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުންގެންދާ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން އެ މުވައްޒަފު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުހާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފުގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި، އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއް ކަމަށް ދެންނެވި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އެފަދައިން އަމަލުކުރެއްވިއިރު އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައިގައި ތަހުގީގު ކޮމިޓީއަށް ހަޒިރުކުރުމަށްޓަކައި ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތަށް ގޮސް އެ ފަނޑިޔާރާ ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން، އެ ފަނޑިޔާރު ވަނީ ނޯޓިހާ ހަވާލުވެފައި ކަމަށެވެ.

ޖޭއެސްސީން ބަލަމުންގެންދަނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އެޅުއްވި ކަމަށް ބުނާ މައްސަލަ އެކެވެ. އަދި އެ މައްސަލަ ބަލަން ފެށުމާއެކު އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އޮތީ ބަލަން ނިންމާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ކުރިން ހުންނެވި އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ ސުލޫކީ މައްސަލައެއް ސާބިތުވެ މަގާމުން ވަކިކޮށްފަ އެވެ.
ހިޔާލު