Jimmy Carterge Sikundeege Operationeh Kuranee
image
ޖިމީ ކާޓާ---
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ޖިމީ ކާޓާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރަނީ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ސިކުނޑިއަށް މައްސަލަތަކެއް ދިމާވެ އޮޕަރޭޝަނެއް ކުރުމަށް އެޓްލާންޓާގެ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފިއެވެ.
އުމުރުފުޅުން 95 އަހަރުގެ ޖިމީ ކާޓާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައި މިވަނީ ގެކޮޅުގައި އުޅުއްވަނިކޮށް ވެއްޓި ވަޑައިގެން ލިބުނު އަނިޔާއަކާ ގުޅިގެން ސިކުނޑިއަށް ލޭ އެޅި ޕްރެޝަރު ބޮޑުވަމުންދާތީ ކަމަށް ޖިމީ ކާޓާ ހިންގަވަމުން ގެންދަވާ ކާޓާ ސެންޓަރުން ބުނެއެވެ. ގެކޮޅުގައި އުޅުއްވަނިކޮށް ވެއްޓިވަޑައިގެންނެވުމާއި ގުޅިގެން ފައިކޮޅަށް އަނިޔާވެ މީގެ ދުވަސްތަކެއް ކުރިން ވެސް އޮޕަރޭޝަނެއް ކޮށްފައިވެއެވެ.

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާއަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ އެމެރިކާގެ ރައީސް ވެސްމެއެވެ. ކާޓާ ރައީސްކަން ކުރައްވާފައިވަނީ 1977 އިން 1981 އަށެވެ. ކާޓާ ވަނީ ދެވަނަ ދައުރަކަށް ވާދަ ކުރައްވާފައެވެ. އެކަން ނާކާމިޔާބުވެވަޑައިގެންނެވީ އެފަހަރުގެ އިންތިހާބުގައި ރޮނަލްޑް ރޭގަން ކުރި ހޯއްދެވުމުންނެވެ.

ރައީސްކަމުގެ ދައުރު ހަމަވުމުން ކާޓާވަނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެމަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް ނޮބަލް ޕީސް ޕްރައިޒު ކާޓާއަށް އަރުވާފައިވެއެވެ.
އެމެރިކާ
ހިޔާލު