JSC aai Supreme court ge koalhun: nimeynee uhthama fanadiyaaru magaamun dhurukohggentha?
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ކޯޅުން: ނިމޭނީ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކޮށްގެންތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އަދުލު އިންސާފު ޤާއިމު ކޮށްދެއްވާނޭ ކަމުގެ ވައުދާއި އެކުއެވެ. ޝަރުއީ ނިޒާމަށް ކުރީ ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ތަކާއި އެކު އެކަން އިސްލާހުކޮށް ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ ވައުދާއި އެކު އައި ރައިސް ސޯލިހްގެ ސަރުކާރުގެ އަމަލުތަކަށް އިދިކޮޅުން އަންނަނީ ފާޑު ކިޔަމުންނެވެ.
ރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލާފައިވާ ގޮތުން ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައިވާ ނިޒާމެކެވެ. އެއްވެސް ބާރަކުން އަނެއްބާރަށް ނުފޫޒު ފޯރުވާ ހެދުމަކީ ޤާނޫނާއި ހިލާފު ކަމެކެވެ. އެހެން ނަމަވެސް ކޮންމެ ބާރަކުން އަމަލުކުރާ ގޮތް ބަލާ، ޗެކް އެންޑް ބެލެންސް ގާއިމު ކުރުމަށް މިނިވަން މުއައްސަސާތައް އެކުލަވާލާފައިވެއެވެ. ޖުޑިޝަރީގެ ކަންކަން ބެލުމަށް އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރަކާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އެމީހުން އިންތިޚާބުކުރާ ވަކީލަކު ހިމެނޭ ގޮތަށެވެ.

ޖޭއެސްސީގެ މިހާރުގެ މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނެވި ވަކީލް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީ މިފަހަކުން ފެނިގެން ދަނީ ގިނަ ފަނޑިޔާރުން ތަކެއްގެ ސުލޫކީ މައްސަލަ ބަލަމުން އަންނަ ތަނެއްގެ ގޮތުގައެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން އަންނަނީ ބައްލަމުންނެވެ.

އެއް ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެ މަޤާމޫން ވަނީ ދުރުވެސް ކޮށްފައެވެ. އަދި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރެއްގެ ޖުމުލަ 51 މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް އަދި ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ 3 މައްސަލައެއް ހިމެނެއެވެ.

މީގެ ތެރެއިންވެސް ޖޭއެސްސީއާއި އުއްތަމަ ފަނޑިޔާރާއި ދެމެދު ހިނގާ ކޯޅުމަކީ ފާހަގަކޮށްލެވޭ ކޯޅުމެކެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު ޑިޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލުކުރުމުން ހިނގާދާ ހަމަނުޖެހުމާއި، އިތުރު ސުލޫމީ މައްސަލަތައް އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ހުރި މައްސަލަ ތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކަށް ޖޭއެސްސީއަށް ހާޒިރު ނުވާނޭ ކަމަށާއި، ހާޒިރު ކުރާނޭ ޤާނޫނީ ގޮތެއް ނޯންނާނޭ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވެއެވެ. މީގެ އިތުރުން ޖޭއެސްސީން މައްސަލަތަކުގެ ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް ހަވާލުކުރުމަށް ކުރާ މަސައްކަތްތައް އަންނަނީ ނާކާމިޔާބު ވަމުންނެވެ. އެގޮތުން ޖޭއެސްސީން އެ ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ފޮނުވުމުން އަލުން އަންބުރާ އެ ލިޔެކިޔުންތައް ޖޭއެސްސީ އަށް ފޮނުވާލުމާއި، ލިޔުންތައް ހަވާލުކުރުމަށް ގެޔަށް ދިއުމުން ދޮރު ނުހުޅުވުންފަދަ ކަންކަން ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރުގެ އެކަނިވެސް 18 މައްސަލައެއް ބަލަމުން ދާކަމަށް ޖޭއެސްސީން ބުނެފައިވާއިރު، އުއްތަމަ ފަނޑިޔާރުވެސް ވަޑައިގަންނަވަނީ އެމަނިކުފާނުގެ ދިފާއުގައި ބަޔާންތައް ނެރުއްވަމުންނެވެ.

ގޮތަކަށް ބުނާނަމަ، ޖޭއެސްސީ އާއި އެއްތަމަ ފަނޑިޔާރާއި ދެމެދު ކުރަމުން އަންނަނީ ހަނގުރާމައެކެވެ.

މިކަމުން ނިކުންނާނެ ނަތީޖާ އަކީ ކޮބައިތޯ އެވެ؟ އުއްތަމަ ފަނޑިޔާރު މަޤާމުން ދުރުކުރުން ތޯއެވެ؟ ނުވަތަ ޖޭއެސްސީ އަމާން ދިނުން ތޯއެވެ؟

ފެންނަ ފެނުމަށް ބޮޑަށް ވައްތަރީ، މަޖިލީހުގެ މެޖޯރިޓީ އޮތް ކޮޅަށް މިކަން ނިމިގެން ދިއުމެވެ. ނަތީޖާއަކަށްވެގެންދާނީ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމެވެ.
ހިޔާލު

ޢެމީހާ

ވާނެ ގިތަކީ ފަނޑިޔާރުންނާލުޅުމުން ސަރުކާރު ވެއްޓުން