MRM ufehdhumah jalsaa beyvee memberunge adhadhu hamakohgen: EC
image
ފޮޓޯ: ވަން އޮންލައިން
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

އެމްއާރްއެމް އުފައްދަން ޖަލްސާ ބޭއްވީ މެމްބަރުންގެ އަދަދު ހަމަކޮށްގެން: އީސީ

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުންގެ އަދަދު ހަމަކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެމްއާރްއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.

މިޖަލްސާގައި ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ބައިވެރިނުވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ. މިކަމާ ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ ގާނޫނުގައި ބުނެފައިވާ އަދަދަށް މެމްބަރުންގެ އަދަދު ހަމަކޮށްގެން ކަމަށެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް އެމްއާރްއެމް އުފެއްދުމުގެ ކަންކަން ކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާ އިލްކެޝަންސް ކޮމިޝަންގެ ދެ އޮފިޝަލުން އޮބްޒާވް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ޖަލްސާ އޮބްޒާވް ކުރުމަށް ކޮމިޝަންގެ ދެ އޮފިޝަލަކު ހާޒިރުވި. ޖަލްސާ ފެށުމުގެ ހުއްދަ ދިނީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވުމުން" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އެމްއާރްއެމް އަދި ރަޖިސްޓްރީ ކޮށްދީފައި ނުވާ ކަމަށާއި، އެމްއާރްއެމް ރަޖިސްޓްރީ ކޮށްދެވޭނީ އެކަމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ކަމަށެވެ. އަދި މިހާތަނަށް އެފަރާތުން ކަންކަން ކޮށްފައި ހުރީ ގާނޫނާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް އަކަށް އިންތިޚާބު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އަދި އެ ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކޮށް، ޕާޓީ ހިންގާނެ އަސާސީ ގަވާއިދު ވަނީ މިޖަލްސާގައި ފާސްކޮށްފަ އެވެ.
ހިޔާލު

ރަހްމަ

މަރްހަބާ. ރައީސްމައުމޫން.