JSC ge report ah javaabudhaaree vaan jehey qaanoonee sababeh neiy: Uhthama Fandiyaaru
image
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ
1 ކޮމެންޓް
 

ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ ސަބަބެއް ނެތް: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅޭ މައްސަލަތަކެއް ބެލުމަށްފަހު ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލާވާލާފައިވާ ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ޖޭއެސްސީއަށް އަންގަވައިފި އެވެ.
ސުޕްރީމް ކޯޓަށް ލިބިފައިވާ އިހްތިސޯސްގެ ބޭރުން ނިންމާފައިވާ ބައެެއް މައްސަލަތަކާ ގުޅިގެން ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލާފަ އެވެ. މިމައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމުމަށްފަހު ޖޭއެސްސީން އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވީމާ އެމަނިކުފާނު އެ ރިޕޯޓާ ހަވާލުވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ.

އުއްމަތަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރަކު މައްސަލައެއް ނިންމާ ގޮތަކުން އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެެސްސީން ބަލާފައިވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ އަސާސެއް ނެތް ކަމަށްވެސް ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޖޭއެސްސީން ގާނޫނާ ޚިލާފަށް ހިންގާ މިކަންކަމުގައި ބައިވެރިވެ ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ ދިނުމަކީ ޖޭއެސްސީން ގާނޫނާ ޚިލާފަށް ކުރާ ކަންކަމަށް ދެވޭ ގާނޫނީ ބުރަދަނަކަށް ވެގެންދާނެ ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ސިފަކުރައްވާފަ އެވެ. ޖޭއެސްސީގެ މިއަމަލަކީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށާއި މިކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ޖޭއެސްސީގެ މެމްބަރުން މިކަންކަމުގައި ފަރުދީ ގޮތުން ޖަވާބުދާރީވާންޖެހޭނެ ކަމަށްވެސް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުން އެކަމާ ދެކޮޅަށް މީގެކުރިން އުއްތަމަ ފަނޑިޔާރު ވަނީ ބަޔާނެއް ވެސް ނެެރުއްވާފަ އެވެ. މިމައްސަލަ ވެސް ސުލޫކީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަމުންދާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
ހިޔާލު

ލަކޫ

ޖުޑިޝަރީޢާއި ބެހޭ ގޮތުން ޖޭއެސްސީ އާއި މަޖިލިހުން ހެދި ރިޕޯޓް ތަކަކީ އެމްޑީއެން ރިޕޯޓް ކަހަލަ ރިޕޯޓެއް!