Kulhudhuffusheege local market viyafaari kuranee enme meeheh!
image
ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓް -- ފޮޓޯ: ކޭއޯ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓްގައި ވިޔަފާރި ކުރަނީ އެންމެ މީހެއް!

ހދ. ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ ލޯކަލް މާރުކޭޓަށް ވިޔަފާރިވެރިންގެ ތަރުހީބު ގެއްލި، އެތަނުގައި މިހާރު ވިޔަފާރި ކުރަމުންދަނީ އެންމެ މީހެއް ކަމަށް ކުޅުދުއްފުށި ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ހާއްސަކުރި މާރުކޭޓުގެ ގޮޅި 30 މީހަކު ނެގި ނަމަވެސް މިހާރު އެތަނުގައި ވިޔަފާރި ކުރަމުންދަނީ އެންމެ މީހެއް ކަމަށެވެ.

ލަތީފް ވިދާޅުވީ އެތަނުގައި މިވަގުތު ވިޔަފާރިކުރަމުން އަންނަ މީހާ ވެސް އެތަނުގައި އެކަށީގެންވާ ގޮތުގައި ވިޔަފާރި ނުކުރާ ކަމަށެވެ. އެގޮތުން ގަޑިތަކަށް އެތަން ހުޅުވާފައި ނުހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މާރުކޭޓް ހުޅުވުމާއެކު ބައެއް މީހުން އެތަނުގައި ވިޔަފާރި ފެށި ނަމަވެސް އެކި ސަބަބުތަކާހުރެ ގޮޅިތައް ނެގި ބައެއް މީހުން އެއްބަސްވުން ބާތިލުކޮށްދޭން ކައުންސިލުގައި މިހާރު އެދިފައިވާ ކަން ވެސް ލަތީފް ވަނީ ފާހަގަކުރައްވާފަ އެވެ.

ލަތީފް ވިދާޅުވީ މާރުކޭޓްގެ ގޮޅިތައް ދޫކޮށްލަން ބައެއް މީހުން އެދިފައިވަނީ މާރުކެޓާ މާދުރު ނޫން ހިސާބެއްގައި ހޮނިހިރު ބާޒާރު ކުރިއަށްދާތީއާއި ހޮނިހިރު ބާޒާރުގައި ހިލޭ ތަކެތި ވިއްކުމުގެ ފުރުސަތު ލިބޭތީ ކަމަށް ބެލެވޭ ކަމަށެވެ.

މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުންނައިރު މިތަނުގައި ދެ ގޮޅި ހާއްސަކޮށްފައިވަނީ ވަޅޯމަސް ވިއްކުމަށެވެ. އެ ގޮޅިތައް ދޫކުރަނީ މަހަކު 1200 ރުފިޔާ އާއި 1000 ރުފިޔާ އަދި 800 ރުފިޔާއަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

މީހުން އާންމުކޮށް ގޮސް އުޅޭ ސަރަހައްދެއްގައި ހުންނަ މިމާރުކޭޓަކީ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށްވެސް ލަތީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ލަތީފް ވިދާޅުވީ މާރުކޭޓްގައި ވިގުތު އެންމެ މީހަކު ވިޔަފާރިކުރަމުން އައި ނަމަވެސް މާރުކޭޓަކީ ދަނޑުވެރިންނަށް ހާއްސަ ކުރެވިފައިވާ މާރުކޭޓެއް ކަމުން އެތަން ހިންގަން ނިންމާފައިވަނީ އެގޮތަށް ކަމަށެވެ.

ލަތީފް ވިދާޅުވީ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފި އެއްވެސް ފަރާތަކުން މާރުކޭޓާ ގުޅިގެން މިހާތަނަށް ރަސްމީކޮށް އެއްވެސް ޝައުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެތަނުގެ ކަރަންޓް ބިލާއި އަދި ގޮޅިތައް ބެލެހެއްޓުމުގެ ހަރަދުތައް މިހާރު ވެސް ކައުންސިލުން ކުރަމުން އަންނައިރު ލަތީފް ވިދާޅުވީ އެތަނުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށެވެ.

ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް ހަދާފައިވާއިރު އެތަން މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ހިޔާލު