JSC Gaanoonaai khilaafu vejje, adu ehumakah haazireh nuvaanan: Fandiyaaru Adam
image
ފަނޑިޔާރު އާދަމް މުހައްމަދު -- ފޮޓޯ / މިހާރު
2 ކޮމެންޓް
 

ޖޭއެސްސީ ގާނޫނާއި ހިލާފުވެއްޖެ، އަޑުއެހުމަކަށް ހާޒިރެއް ނުވާނަން: ފަނޑިޔާރު އާދަމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ސުލޫކީ މައްސަލައެއް ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ. 
ފަނޑިޔާރު އާދަމް މުހައްމަދު ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަށް ހާޒިރުނުވާނެ ކަމަށެވެ. 

ފަނޑިޔާރު އާދަމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީން އެދުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ވަޑައިގެންނެވި ކަމަށާއި އަދި ވަޑައިގެންނެވީ ވަކީލަކާއި ވެސް އެކުގައި ކަމަށެވެ. ފަނޑިޔާރު އާދަމްއާ އެކު ވަޑައިގެންނެވީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެދުވަހުގެ އަޑުއެހުމަށް ޑރ. ޖަމީލު ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވުމުން އެމަނިކުފާނު ވަކީލެއްގެ ގޮތުގައި ބަލައިގަތުމަށް ޖޭއެސްސީން ދެކޮޅު ހެއްދެވި ކަމަށެވެ. 

އެ ނިންމުމަކީ ގާނޫނު އަސާސީގެ މާއްދާތަކާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ ނިންމުމަކީ ގާނޫނީ އެއްވެސް އަސާސެއް ނެތި، އަސާސީ ހައްގުން ގަސްދުގައި މަހުރޫމްކުރުމަށް ނިންމާފައިވާ ތައައްސުފީ ނިންމުމެއްކަން އެނގެން އެބައޮތް ކަމަށް ފަނޑިޔާރު އާދަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

ފަނޑިޔާރުން އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގެން ތައުދީބީ ފިޔަވަޅެއް އެޅުމަކީ، ސުޕްރީމް ކޯޓު އަމުރުގެ ދަށުން، "ގައިރު ދުސްތޫރީ" އަދި "ގައިރު ގާނޫނީ" ކަމެއް ކަމަށް ފަނޑިޔާރު އާދަމްގެ ބަޔާނުގައި ވިދާޅުވިއެވެ. 

ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށާއި އެއްވެސް ފަރާތަކުން ކުރާ ގައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

ޖޭއެސްސީން އަންނަނީ ފަނޑިޔާރު އާދަމްގެ 16 މައްސަލައެއް ބަލަމުންނެވެ. 

މިއަދުގެ މެންދުރުފަހު 15:00އަށް ފަނޑިޔާރު އާދަމްއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ އަޑުއެހުމެއް އޮތެވެ. އެހެންނަމަވެސް އެ އަޑުއެހުން ކެންސަލް ކުރީ ފަނޑިޔާރު އާދަމް ވަޑައިގަތުމަށް އުޒުރުވެރިވާތީ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. 
ޖޭއެސްސީ
ހިޔާލު

علي وحيد

ސާބަހޭ ފަނޑިޔާރު އާދަމް މުހައްމަދު ތިޔަ ޖޭއެސްސީ ފެންމައްޗައް އަރައިގެނެއްނޫން ގާނޫނުގެ މައްޗަށް އަރައިގެން ތިޖޭއެސްސީ ހަމަ ބިމަށް ތިރި ކުރަންޖެހޭ

ނަޖްވާ

އޭނަޔަށްތަ އެނގެނީ ގައިރު ޤާނޫނީތޯ ނުވަތަ ނޫންތޯ ކަނޑަ އަޅަން! މިކަހަލަ މީސް މީހުން މާ ނައިސް ވާން ނޫޅެ މަޖްލިހުގެ ތެރެއިން ވަކި ކުރަންވީ ހަމަ މިހާރުން މިހާރަށް!