Kuree Sarukaarah vureh mi sarukaaruge siyaasee magaamu thah 69 percent ithuru
image
ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް
1 ކޮމެންޓް
 

ކުރީ ސަރުކާރަށްވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތައް 69 ޕަސެންޓު އިތުރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ބޮޑުތަކުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ސިޔާސީ މަގާމުތައް ހުރީ 465ގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެއަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ 69 ޕަސެންޓް ވަނީ އިތުރުވެފައެވެ. އަދި އެމީހުންގެ މުސާރައާ އިނާޔަތްތަކަށް 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ 2020 ގެ ބަޖެޓްގައިވާ ގޮތުގައި، އަންނަ އަހަރު ސިޔާސީ މުވައްޒަފުންގެ ގޮތުގައި 785 މުވައްޒަފުން ތިއްބަވާނެ އެވެ.

ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. ބަޖެޓްގެ ތަފާސް ހިސާބުގައިވާ ގޮތުގައި، އެ އޮފީހުގައި 377 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އަދި 65 ކޮންޓްރެކްޓް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ ގޮތުގައި ތިބި 12 މުވައްޒަފުންނާ އެކު ރައީސް އޮފީހުގެ މުވައްޒަފުންގެ އަދަދު 465 އަށް އަރަ އެވެ.

ދެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ދަށުގައި 109 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ. ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވަ އެވެ.

ބަޖެޓްގައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވެންޓުންނާއި ޔުނީފޯމް ބޮޑީތަކުގެ މުވައްޒަފުންނާ އެކު އަންނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 8.7 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ސަރުކާރު ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ ޖުމްލަ އަކީ 45،835 އެވެ.
ބަޖެޓު 2020
ހިޔާލު

މަހަނު

ކަލޯ ކަލޭމެނަށް ތިހިރީ ނޫސްވެރިކަމެއް ކުރެވިފަ. ބަޖެޓުގަ ޖަހާފަ އެހެރީ ކައުންސިލަރުންވެސް ހިމެނޭ ގޮތަށް