Islaahu thah thanfeezu kuran ithurah faisaa beynunvey: DJA
image
ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ޑީޖޭއޭގެ އިސްވެރިން -- ފޮޓޯ / މަޖިލިސް
2 ކޮމެންޓް
 

ގާނޫނަށް ގެނައި އިސްލާހުތައް ތަންފީޒު ކުރަން އިތުރަށް ފައިސާ ބޭނުންވާ ކަމަށް ޑީޖޭއޭއިން ބުނެފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް މިހާރު ހިމަނާފައިވާ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށް އެ ޑިޕާޓުމަންޓުން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގައި ޑީޖޭއޭއަށް ކަނޑައަޅާފައިވަނީ 508 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ އިދާރާއިން ވަނީ އިތުރު 71 މިލިއަން ރުފިޔާ ދިނުމަށް ސިޓީއަކުން ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

އެކަމާއި ގުޅިގެން ޑީޖޭއޭގެ އިސްވެރިން މިއަދު ވަނީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ހާޒިރުކޮށް، ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވަނީ ކޯޓުތަކުގެ ހާލަތާއި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައެވެ.

އެގޮތުން ޑރ. ނަޒީރު ވަނީ ކްރިމިނަލް ކޯޓުގެ ހާލަތު ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަކީ ދޭތެރެ ދޭތެރެއިން މިހާރުވެސް ފެން ފައިބަމުން އަންނަ ކޯޓެއް ކަމަށާއި ދާދިފަހުންވެސް ކަތުރުފަނި އަޅައިގެން އެ ކޯޓު ބަންދުވެސް ކުރި ކަމަށެވެ.

"ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ފިޒިކަލް ޓެސްޓެއް ހަދައި، އެ ތަނުގައި މީހުން ތިބުން ރަނގަޅު ނޫން ކަމަށް ލަފައެއް ދީފައި." ނަޒީރު ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ކޮންމެ ކޯޓެއްގައި ވެސް ޗީފް އެޑްމިނިސްޓްރޭޓަރަކު ހުންނަން ޖެހޭއިރު، 149 ކޯޓުގެ ތެރެެއިން ގިނަ ކޯޓުތަކުގައި ސީނިއާ އެޑްމިން އޮފިސަރެއް ވެސް ނެތް ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރެއް ހޯދުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެގޮތުން އެ މަސައްކަތް ތިން އަހަރަށް ބަހާލައިގެން ކުރެވޭނެ ގޮތަށް ފިނޭންސް މިނިސްޓްރީއާ އެކުގައިވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރަށް 71 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަން ބޭނުންވާއިރު އެކަމަށް އެކަނިވެސް 12 މިލިއަން ބަޖެޓުގައި އޮތް ނަމަވެސް އެ ފަރާތްތަކަށް ދޭނެ މުސާރަ ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއާއި އަތޮޅުތަކުގެ ރަށްތަކަށް 16 ކޯޓު ކޮމްޕްލެކްސް އަޅަން 150 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމަނަން މަޝްވަރާ ކުރެވުނު ކަމަށް ނަޒީރު ވިދާޅުވި އެވެ.

އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މައްސަލަތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ވެސް ލިބެމުންދާތީވެ، އިތުރު 14 ފަނޑިޔާރުން ހޯދަން އިއުލާން ކުރިއިރު، އެ ފަނޑިޔާރުންނަށް ދޭނެ މުސާާރަ ވެސް ބަޖެޓްގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލު

ނާޅި

ކޮންމެ މުއައްސަސާ އަކުންވެސް ފައިސާ އިތުރުކޮށް ދިނުމަށް މިއެދެނީ ، ދައުލަތް ހިންގަނީ ދަރަނިން ދަރަނިން ! ޑޮނޭޝަނުން !

ޢީސާފުޅު

ޢިތުރު ފަނޑިޔާރުން ބޭނުމެއްނުވާނެ.. ފަނޑިޔާރުން ރޮޓޭޓް ކޮށްގެން ހައްލު ހޯދޭނެ.، އެކަމުވެސް އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ބަޖެޓް ދޭންޖެހޭކަމަށް ފެންނަނީ...