Raees ge vaudhaa ehgothah siyaasee maqaamu thakuge adhadhu hifahahtavaane: Tharujamaan
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައީސްގެ ވައުދާ އެއްގޮތަށް ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަވާނެ: ތަރުޖަމާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ނިމިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ އިތުރުވެގެން ނުދާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ ދައުލަތުގެ އަންނަ އަަހަރުގެ ބަޖެޓުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޮޑު އަދަދެއް ހޭދަކުރުމަށް ހިމަނާފައިވާތީ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 785 ސިޔާސީ މަގާމަށް 331 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މިކަމާ ގުޅިގެން ސީއެންއެމް އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ނިމިދިޔަ ސަރުކާރަށް ވުރެ އިތުރު ނުކުރުން އެއީ ރައީސްގެ ވައުދެއް ކަމަށެވެ.

ހޫދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކާ ގުޅޭގޮތުން އިއްޔެ ނޫސްތަކުގައި ޚަބަރު ގެނެސްފައިވާ ގޮތުން އޮޅުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު މިސަރުކާރުގެ ސިޔާސީ މަގާމުތައް ނިމިދިޔަ ސަރުކާރަށް ވުރެ އިތުރު ނުވާނެ ކަމުގެ ޔަގީންކަން ހޫދު ވަނީ ދެއްވާފަ އެވެ.

ރައީސް އޮފީހުގައި މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މަގާމުތައް އިތުރުވަމުންދާ މައްސަލައިގައި ނޫސްވެރިން ސުވާލުކުރެއްވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ދުވަހު ވިދާޅުވީ އެހާތަނަށް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 334 ކަމަށެވެ. އެއީ ނިމިދިޔަ ސަރުކާރަށް ވުރެ މަދު އަދަދެެއް ނޫންތޯއޭ ވިދާޅުވެ ރައީސް ވަނީ ނޫސްވެރިންނާ ސުވާލުވެސް ކުރައްވާފަ އެވެ.

އެ ދުވަހު ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 465 ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ފަހުން ބުނީ އޭރު އެ މައުލޫމާތު ހާމަކޮށްފައިވަނީ ރައީސް އޮފީހާއި ހިލާލީގެއާއި މުލިއާގޭގައި ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ އަދަދު ނުހިމަނާ ކަމަށެވެ. މިހުރިހާ ތަނެއްގައި ހިމެނޭ ބޭފުޅުންނާ އެކު ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 808 އަރާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި ރައީސް އޮފީހުގައި 377 މަގާމު ހިމެނޭއިރު މިމަގާމުތަކަށް 94.2 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ހަރަދުކުރަން ވަނީ ހިމަނާފަ އެވެ. ދެވަނައަށް އެންމެ ގިނަ ސިޔާސީ މަގާމުތައް ހިމެނޭ ހެލްތު މިނިސްޓްރީގައި 109 ސިޔާސީ މަގާމު ހިމެނެ އެވެ. މިމަގާމުތަކަށް މުސާރައާއި އެލަވަންސަށް 27 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމުގެ ގޮތުގައި 68 މަގާމު ހިމެނޭއިރު 129 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.
ހިޔާލު