Privatisation Board ge memberunnah ruhun hoadhan fonuhvaifi
image
ރައީސް އޮފީސް
0 ކޮމެންޓް
 

ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުންނަށް ރުހުން ހޯދަން ފޮނުއްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައައްޔަން ކުރައްވާފައިވާ ހަތް ބޭފުޅުންނަށް ރުހުން ހޯދުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ:
1 . ހަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ
2 . އާސިމް މުޙައްމަދު، ގ. މެޒަރިން
3 . އައިޝަތު ޝާޒުލީ، މ. ސެވޯއީ
4 . ރުޝާހާ އަހްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ
5 . އަލީ ޝަފީއު، މ. ހުދުކަނީރުގެ
6 . އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު
7 . އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ޕްރައިވެޓައިޒޭޝަން ބޯޑު އަލުން އެކުލަވާލައި ބޯޑުގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ބޯޑުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވީ ހަސަން ވަހީދު އެވެ. އަދި ނައިބް ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އާސިމް މުހައްމަދު އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. މިބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް ވެސް އަދި ބޯޑުގެ ރައީސް އާއި ނައިބް ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުންނަށް ވެސް މަޖިލީހުގެ ރުހުން ހޯދަންޖެހެ އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ގާނޫނުގައި ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. ނިމިދިޔަ ސަރުކާރުގައި ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހިޔާލު