Sihhee dhaairaage hidhumathuge eh aharu, hidhumaiythah tharahgee kurun avas kuran jehey
image
އައިޖީއެމްއެޗް -- ފޮޓޯ:ރާއްޖެއެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިއްހީ ދާއިރާގެ ހިދުމަތުގެ އެއް އަހަރު، ހިދުމަތްތައް ތަރައްގީކުރުން އަވަސްކުރަންޖެހޭ

މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ ތަނެކެވެ. އެހެންކަމުން މާލެ ވަނީ ބައިބޯވެގެން ތޮއްޖެހިފަ އެވެ. އެ ތޮއްޖެހުން އިތުރުވެގެންދަނީ އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީވެ އަތޮޅު ތެރޭގައި އުޅޭ މީހުން އެކި އެކި އަސާސީ ބޭނުންތައް ފުއްދުމަށް މާލެ އަންނަންޖެހޭތީ އެވެ. އަތޮޅު ތެރެއިން މާލެ އަންނަ ގިނަ މީހުންނަކީ ބޭސް ފަރުވާ ހޯދުމަށް އަންނަ މީހުންނެވެ.
އަތޮޅުތެރެއިންނާއި މާލޭގައި ދިރިއުޅެމުންދާ ގިނަ މީހުން ބޭސް ފަރުވާ ހޯދުމަށް ދަނީ ސަރުކާރުގެ މައި ހޮސްޕިޓަަލަށެވެ. އެކަމުގެ ސަބަބުން އެތަން އޮންނަނީ އަބަދުވެސް ފުރިބާރުވެފަ އެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު އެވެ. ތިން މަސް ވެގެންދާއިރުވެސް ރަނގަޅު ޑޮކްޓަރަކަށް އެޕޮއިންޓްމަންޓެއް ނުލިބެ އެވެ.

އަތޮޅު ތެރޭގައި ދިރިއުޅޭ މީހަކު ބަނޑެއްގައި ރިއްސާލިޔަސް ހިދުމަތް ހޯދަން ދާންޖެހެނީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެރަށަކަށް ދިއުމުން އަންގަނީ މާލެ ދިއުމަށެވެ. ލިބޭ އެއްޗަކުން ދެ ކޮޅު ނުޖެހިގެން އުޅޭއިރުވެސް، ދެން ޖެހެނީ އެތައް ހަރަދެއް ކޮށް މާލެ އަންނާށެވެ.

ސިއްހީ ދާއިރާ ހަރުދަނާކޮށް އާންމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި މިސަރުކާރުން ވަނީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް މެނިފެސްޓޯގައި މުހިއްމު ގިނަ ކަންތައްތަކެއް ހިމަނާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަށް ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ވަނި ދީފަ އެވެ. ސަރުކާރަށް މިއަދު އެއް އަހަރު ފުރޭއިރު ސިއްހީ ދާއިރާ އޮތް ގޮތް ބަލާލަންޖެހެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް:

ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ހަރަދު ކުޑަކޮށް ރަށާ ވީހާވެސް ކައިރިން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ހޮސްޕިޓަލްތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އެގޮތުން މި ވައުދު ފުއްދުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސިއްހީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ނުކުރާވަރުގެ ބޮޑު ހަރަދެއް 2020 ވަނަ އަހަރުގެ ބަޖެޓުން ކުރާނެ ކަމަށެވެ. އަދި ސިއްހީ ވަސީލަތްތައް ތަރައްގީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫއުތައް ހިންގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކޮށް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ކުޑަ އަދަދެއް ކަމަށްވާ 141 މިލިއަން ރުފިޔާ އެވެ.

5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:-

1) ހދ. ކުޅުދުއްފުށި
2) ރ. އުގޫފާރު
3) ލ. ގަން
4) ގދ. ތިނަދޫ
5) ސ. ހިތަދޫ

ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެކި ރަށްތަކަށް ސިއްހީ ވަސީލަތް ހޯދުމަށާއި، ފަންނީ މީހުން ތަމްރީން ކުރުމަށްވެސް އެކަށީގެންވާ އަދަދަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ. މިމަސައްކަތާ އެކު ރަނގަޅު ފެންވަރުގެ ބޭސް ފަރުވާގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ހެދުމަށް ތައްޔާރުވަމުންދާއިރު އައްޑޫ ހިތަދޫގައި ނިމިދިޔަ ސަރުކާރުން ތަރައްގީކުރަން ފެށި ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން ރާއްޖޭގެ 22 ހެލްތު ސެންޓަރު އަޕްގުރޭޑްކުރުމުގެ މަސައްކަތްކަށް މިދިޔަ އެއް އަހަރުގެ ތެރޭގައި ވަނީ ފަށާފަ އެވެ.

ކޮންމެ ރަށެއްގައި އަބަދުވެސް ޑަކްޓަރެއް ހުންނާނެކަން ކަށަވަރު ކުރުމުގެ ވައުދު ފުއްދާފައިވާއިރު ރާއްޖޭގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިޔުގަ އަކުން ގުޅާލައި، ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓަލައިޒް ކުރުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ.

އެގޮތުން ވިސްނުމަކީ މޯބައިލް ލެބޯރެޓަރީގެ ހިދުމަށް 2020 ނިމޭއިރު މުޅި ރާއްޖޭގައި އެ މަޝްރޫއު ތަންފީޒު ކުރުން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. މީގެ ދަށުން ތަހުލީލުތައް ކުރަންޖެހޭ ސާމްޕަލް އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ފޮނުވި، އެއް ދުވަހުން ނަތީޖާ ލިބޭނެ ނިޒާމެއް އިންތިޒާމުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މޯބައިލް ލެބޯރެޓަރީގެ ހިދުމަތް ލ. އަތޮޅުގެ ބައެއް ރަށްރަށުގައި ފަށާފައިވާއިރު އެހިދުމަތް ގާއިމްކޮށްފައިވަނީ ދަނބިދޫ އާއި މުންޑޫ އާއި މާމެންދޫ އަދި ކުނަހަންދޫ ގައެވެ.

މިވަގުތު ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 90 ރަށެއްގައި ލެބޯރެޓަރީގެ ހިދުމަތްދެ އެވެ. މިނިސްޓަރު އަމީނު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތުގެ އިތުރުން ރަށްރަށަށް ބޭނުންވާ ޑޮކްޓަރުންނާއި އެމްބިއުލަންސް ހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މުޅިން އާ އެންބިއުލާންސް 25 އަށް ވުރެ ގިނަ ރަށްތަކަށް ފޯރުކޮށްދީފައިވެސްވެ އެެވެ.

ހުސްނުވާ އާސަންދަ:

ބޮޑު ބައްޔެއް ވުމުން ބޭހަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުދުންތެރިކަމެއް ކޮންމެ މީހެއްގެ ކިބައިގައި ނުހުރެދާނެ އެވެ. އެކަމާ ގުޅިގެން ހުސްނުވާ އާސަންދައިގެ ނަމުގައި ހެލްތު އިންޝުއަރެންސް ސްކީމެއް ފެށި އެވެ.

"ބޭސް ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރާނެ. އަދި ބަލިމީހާ އާއި އެހީތެރިޔާއަށް ދެކޮޅު ޓިކެޓު ވެސް ދޭނެ،" އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު މީގެ ކުރިން ސީންއެންއެމްއަށް ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތާއެކު އައިޑީކާޑު ދިއްކޮށްލައިގެން މިހާރު ހިލޭ ބޭސް ފަރުވާ ކުރެވެ އެވެ. އިތުރު ފަރުވާ ބޭނުންވާ މީހުންނަށް އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލުތަކުން ވެސް އާސަންދަ ލިބެ އެވެ. މިސްކީމު ވުޖޫދަށް އައުމާއެކު ބޭހަށް އެދި އާދޭސް ކުރަމުން، މުއްސަނދި މަހުޖަނުން ކައިރިއަށް ސިޓީ ހިފައިގެން ދާން ޖެހޭ ދިޔުން ނިމުމަކަށް އައެވެ. ނަމަވެސް އާއްމުންނަށް ސަލާން ޖަހަން ޖެހިފައި ވަނީ ބޭސް ފަރުވާއާ ގުޅުން ހުރި އެހެން ހަރަދުތައް ހަމަނުޖެހިގެންނެވެ.

މިކަމާ ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދާ ފަރާތްތަކުގެ ހުރިހާ ހަރަދެއް ދައުލަތުން ދޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނެ ކަމަށެވެ. އެހެންކަމުން މިވައުދު މިވަނީ ފުއްދުމުގެ މަގުމަތީގަ އެވެ.

"ބޭސްފަރުވާ އަށް ވުރެ ބޮޑަށް އިތުރު ހަރަދުތައް މިސާލަކަށް ބޭރަށް ގޮސް ތިބޭ މުއްދަތުގެ ހުރުމާއި ކެއުމާއި އެ ނޫން ވެސް ހިދުމަތްތައް، ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ބޭރުން ހިނގާ ހަރަދުތައް ވެސް އެބަހުރި. އެ ހަރަދުތަކަކީ އާސަންދައިގަ ހިމެނޭ ހަރަދުތަކެއް ނޫން. އެފަދަ ކަންކަން ޕެކޭޖު ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިކުރަނީ،" އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވި އެވެ.

ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާއިރު ހަރަދުތައް ބޮޑުވެގެން ހަރަދުތައް ކުރަން ދަތިވާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެހީ ލިބޭނެ ގޮތް ހަމަޖައްސައި ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ގޮތަކަށް ނިޒާމު ބަދަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެއް އަހަރުވީއިރު އެންސްޕާ އިން ވަނީ ދީފަ އެވެ.

ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުން:

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް މިދިޔަ އަހަރު ޑިސެންބަރު މަހު އެކަމަށް މަހާސިންތާއެއް ފެށި އެވެ.

މިމަހާސިންތާގައި ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ބޭސްވެރިންނާއި އަލްޓަނޭޓިވް މެޑިސިން ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ އިތުރުން މިކަމަށް ޝައުގުވެރިވާ އާންމު ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެ ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި އެކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަހާސިންތާގެ ބައިވެރިންނާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ.

ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ފައްޓަވައިދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެއްބައި ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްހީ މަރުކަޒާއި އަތޮޅުތަކުގައި ހޮސްޕިޓަލްތައް ހުރި ނަމަވެސް ދިވެހި ބޭސްވެރިކަން ކުރާ މީހުން މަދު ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ހަކީމީ ބޭސްވެރިކަމާއި، އެހެނިހެން ބައެއއް ބޭސްވެރިކަމުގައި ހަރަކާތްތެރިވާ 80 ވަރަކަށް މީހުން ތިބިކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި އެމީހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާ ދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމްކުރުމަށް ވައުދުވި ނަމަވެސް މިއަދާ ހަމައަށް އަދި އިންސްޓިޓިއުޓެއް ގާއިމުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ބޭސް މޮނިޓާކުރުން ހަރުދަނާކުރުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ބޭސް މޮނިޓާކުރާނެ ނިޒާމެއް އަދި އަދި ގާއިމްކޮށްފައެއް ނުވެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ބަހައްޓަންވާނެ އާދަތަކާއި ބެހޭގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. އެމަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްލެވެ އެވެ.

ސަރުކާރުގެ ވައުދެއް ކަމަށްވާ ރަށްރަށުން ތަމްރީންކުރެވޭ މީހުން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް މިސަރުކާރުން ވަނީ ފަށާފަ އެވެ. ނަމަވެސް ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކޮށް އައިޓީ ކޮންސަލްޓޭޝަން ފުޅާކުރުމަށް ކުރި ވައުދު އަދި ފުއްދިފައެއް ނުވެ އެވެ.

ރައްޔިތުންގެ އުންމީދު ބޮޑު:

ގާތްގަނޑަކަށް އަތޮޅުތެރޭގައި 185 ރަށުގައި މީހުން ދިރިއުޅެމުންދާއިރު، އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ރނގަޅު މަސައްކަތްތަކެއް ފަށާފައިވާ ކަން ރައްޔިތުން ގަބޫލުކުރެ އެވެ. ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކުގައި އަދި ސިއްހީ މަރުކަޒުތަކުގައި އެކަށީގެންވާ ފަރުވާ ދެވެން ނެތީމާ ހިދުމަތްތައް ރަނގަޅު ކުރުމަކީ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ. ރައްޔިތުންގެ އުއްމީދަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ރައީސް ވައުދުވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުރިހަމަކޮށްދިނުން ކަން ޔަގީނެ އެވެ. ސަރުކާރުގެ އެއް އަހަރު ނިމި ދެވަނަ އަހަރުގެ ތެރޭގައިވެސް ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އުއްމީދުކުރެވެ އެވެ.
ހިޔާލު