Anna aharu dhivehinnah Visa aai nulaa Moroco ah dheveyne
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އަންނަ އަހަރު ދިވެހިންނަށް ވިސާއާއި ނުލާ މޮރޮކޯއަށް ދެވޭނެ

އަންނަ އަހަރު ދިވެހިންނަށް ވިސާއާއި ނުލާ މޮރޮކޯއަށް ދެވޭނެގޮތް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ވިސާއާއި ނުލާ ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރަން ފެށޭނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޝާހިދު، މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މޮރޮކޯގެ މިނިސްޓަރ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް އަހްމަދު ތައުފީގާއި ވެސް ބައްދަލުކުރައްވާފައެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީޚަށް އަލިއަޅުއްވާލެއްވި އެވެ.

އެގޮތުން ދިވެހިރާއްޖެ އަށް އިސްލާމް ދީން ތައާރަފްވި ގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ވަނީ އިސްލާމްދީނުގެ އަސާސްތައް އިއާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީން ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ފުރިހަމަ އަގީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރު ދެއްވި އެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި، ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 4 ފެބްރުއަރީ 1988 ގައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން 25 އަށް ވުރެ ގިނަ ގައުމަށް ވަނީ ވަޑައިގެންފަ އެވެ.

ދިވެހި ސަރުކާރުން ބުނާ ގޮތުގައި މިނިސްޓަރު ޝާހިދު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ތަފާތު އެހީތައް ހޯދުމެވެ.

ޝާހިދުގެ މިދަތުރުފުޅުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހިލޭ އެހީއާއި ލޯން ފެސިލިޓީޒްތައް ހަަމަޖެހެމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީ
ހިޔާލު