Noo Igthisoadh ah heenaru ahareh, Kuriyah othee kuri erun!
image
މާލެ އިންޑަސްޓްރިއަލް ވިލެޖް
2 ކޮމެންޓް
 

ނޫ އިގްތިސޯދަށް ހީނަރު އަހަރެއް، ކުރިއަށް އޮތީ ކުރިއެރުން!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް މިދިޔަ އަހަރުގެ މި ދުވަހު ވަޑައިގަތީ ގިނަ ވައުދުތަކަކާ އެކު އެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަކީ އެމަނިކުފާނުގެ ވައުދުގެ ލިސްޓުގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ. ދާދިފަހުން އިފްތިތާހު ކުރެއްވި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ފުރަތަމަވެސް ފެނިގެން ދަނީ އިގްތިސޯދީ ގޮތުން ސަރުކާރުގެ މުހިއްމު ވައުދުތަކެވެ.
"ނޫ އިގްތިސޯ"ގެ ނަމުން ނަން ދީފައިވާ މި ވައުދުތަކުގައި މަސްވެރިކަމާއި ފަތުރުވެރިކަމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަންކަމެވެ. ހަމަ މިއާއެކު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއާ މިނޫންވެސް މުހިއްމު ކަންކަން ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. މިއަދު މިއީ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން އެއް އަހަރު ނިމި ދެވަނަ އަހަރަކަށް އަލި ވިލިގެންދިޔަ ދުވަހެވެ. އެހެންކަމުން ސަރުކާރުގެ އިގްތިސޯދީ ހާލަތު ހުރި ގޮތް ބަލާލުން މުހިއްމެވެ.

ހީނަރުކަން ބޮޑު އަހަރެއް!

ގިނަ ބަޔަކު ކުރާނެ މަސައްކަތެއް ނެތި ދެއަތް އުރާލައިގެން ހުންނަން ޖެހުމަކީ ހަމަގައިމުވެސް އިގްތިސޯދެއް ހީނަރުވެގެން ދާނެ ކަމެކެވެ. އިގްތިސޯދެއް ހީނަރުވުމުގެ މައިގަނޑު ސަބަބަކަށް ވަނީ ފައިސާ ދައުރުވާލެއް މަދުވުމެވެ. ރާއްޖޭގެ އިގްތިސޯދުގައި ވޭތުވެދިޔަ ފަސް އަހަރު އެންމެ ގަދައަށް ކުރިއަރައިގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާގެ ފަހަތުން އިމާރާތް ކުރުމުގެ ދާއިރާ ނުވަތަ ކޮންސްޓްރަކްޝަން ދާއިރާ އެވެ. ކުރީގެ ސަރުކާރުން ފެށި ބައެއް މަޝްރޫއުތަކާއި ބައެއް މަސައްކަތްތައް އިއުލާނުކުރުން ވެގެންދިޔައީ އެމަސައްކަތުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވުމަށް ލިބުނު ފުރުސަތަކަށެވެ. ބައެއް މަޝްރޫއުތަކަށް ތާޑް ޕާޓީއަކުން ވަދެފައިވީނަމަވެސް ރާއްޖޭގެ މެދު ފަންތީގެ ކުންފުނިތަކަށް އެކަމުން ފައިދާތަކެއް ކޮށްފައިވެ އެވެ.

ދިވެހިންގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ "ނޫ އިގްތިސޯދު"އަކާ އެކު އެވެ. ރާއްޖެއާއި ވީހާވެސް ގުޅުން ބޮޑު ރާއްޖެއަށް ވީހާވެސް ފައިދާވާ ގޮތަކަށް އިގްތިސޯދު ރަނގަޅުކުރުމުގެ ސިޔާސަތުތަކެއް ހިމެނޭ ޕެކޭޖްތަކަކާ އެކު އެވެ. ނަމަވެސް ސަރުކާރަށް އެއް އަހަރުވީ އިރު އިގްތިސޯދީ އެންމެ ރަނގަޅު ބަދަލުތައް އަދި ފެނިގެނެއް ނުދެ އެވެ. އެކަމަކު އިގްތިސޯދު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރެވެ އެެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރެއް އަންނަނީ މުހިއްމު ދެ ބޭނުމަކަށެވެ. އެއް ބޭނުމަކީ ވެފައިވާ ވައުދުތައް ފުއްދުމެވެ. އަނެއް ބޭނުމަކީ އިގްތިސާދު ވަރުގަދަ ކުރުމާއި ރައްޔިތުންގެ ދިރިއުޅުން ދުޅަހެޔޮ ކުރުމެވެ. މަޝްރޫއުތައް ހިންގި ވަރަކަށް އިގްތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެންދެއެވެ. އެހެންކަމުން އިގްތިސޯދަށް ފައިދާވާ ކަހަލަ މަޝްރޫއުތަކެއް ފެށުން އަވަސްކުރަންޖެހެ އެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ސަރުކާރެއް ބަދަލުވި ނަމަވެސް މަޝްރޫއުތަކަށް މަޑުޖެހުމެއް އައިސްގެން ނުވާނެ އެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައިވެސް ދެ ބާވަތެއްގެ މަޝްރޫއުތައް ހިމެނެ އެވެ. އެއީ އިގްތިސާދީ ނަފާ ލިބޭ މަޝްރޫއުތަކާއި ރައްޔިތުންގެ އަސާސީ ބޭނުންތަކަށްޓަކައި ހިންގާ މަޝްރޫއުތަކެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މީގެތެރެއިން ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަސައްކަތްތައް އެއްވެސް ހިސާބަކުން ހުއްޓެންޖެހޭނެ ކަމަކަށް. އެއީ އެ މަސައްކަތްތަކަކީ ބަޖެޓް ކުރެވިފައި ހުރި މަސައްކަތްތަކަކަށް ވާތީވެ،" މަޝްހޫރު ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަކީ ރަނގަޅު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ފެށުން ލަސްވާތީވެ ދެން އަންނަ އަހަރު އެ މަސައްކަތް އެގޮތަށް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި ސަރުކާރަށް އެކަމަކީ ބޮޑު ޗެލަންޖަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކްޝަން ޕްލޭނުގައި އިގްތިސޯދު ރަނގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައި އެބަހުއްޓެވެ. މީގެތެރެއިން ގިނަ ކަންކަމަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ކުރަން ރާވާފައިވާ މަސައްކަތްތަކެވެ. ނަމަވެސް މި މަސައްކަތްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް މިއަހަރުގެ ތެރޭގައި ނުފެށުނީ ކީއްވެގެންތޯ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ސުވާލު ކުރެ އެވެ. މިސުވާލަށް ޖަވާބު ހޯދުމަށްޓަކައި ފިނޭންސް މިނިސްޓަރުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެހެންނަމަވެސް ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލެއްގެ ބަހެއް ހޯދާލީމެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ދުވެލީގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމަށް ބައެއް މީހުން ބުނި ނަމަވެސް ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން މިދިޔަ އެއް އަހަރުގެ ތެރޭގައި ކުރެވުނު ކަންކަން މަދު ނޫން ކަމަށެވެ. އަދި މިސަރުކާރުގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ސަރުކާރުން ވަކިން ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން ވަކި ގައުމެއް ނުވަތަ ބޭފުޅެއްގެ ނަން ދަންވާކަށް. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގައުމުތަކަށް ވަޑައިގެންނެވިއިރު ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާއިރު ކަންކަމަށް ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފައި އެބަހުރި. ބައެއް ގައުމުތަކުން އެވެނި މިވެނި ދުވަހެއްގެ ތެރޭގައި ފައިސާ ހަމަޖައްސައި ދެއްވާނެ ކަމަށް ބުނުމުން އެ މުއްދަތުވެސް ލަސްވެ ތަރައްގީގެ އެ މަޝްރޫއު ފެއްޓުމަށްޓަކައި އެ ފައިސާ އަވަސް ކޮށްދިނުމަށް އެދިލައްވާފައިވެސް އެބަހުރި. އެހެންވީމަ އަޅުގަނޑު ދަންނަވަން މިއުޅެނީ ރައީސް ބޭނުންފުޅުވޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން،" އޮފިޝަލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭގައި އިގްތިސޯދީ ގޮތުން އަދި ތަރައްގީގެ މަގުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވި ކަންކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހުމެވެ.

"މިއީ ނިމިދިޔަ ސަރުކާރުން ރޫޅާލި އެއްބަސްވުންތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ސަރުކާރުން ދޭން ޖެހުނު ބަދަލު. މިހުންނަނީވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަންނާނެ ކަންކަން. ފައިސާ ހަމަ ހަރަދު މިކުރަނީ. މި ފައިސާ ނުދައްކައިފި ނަމަ ދެން ދިވެހި ރައްޔިތުންނަށް ކުރިމަތިވާނެ ބުރަ މާބޮޑުވާނެ." ނިމިދިޔަ ސަރުކާރުގައި ވެސް ފިނޭންސްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

މިސަރުކާރުގެ އިގްތިސޯދީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލާއިރު ދައުލަތުގެ ރިޒާވް ބިލިއަން ޑޮލަރުން މައްޗަށް ޖެއްސުމާއި، ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް މަހުގެ ތަފާތު އުފެއްދުންތައް އިތުރުކުރުމާއި، ދައުލަތުގެ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމާއި، ބައެއް ކަހަލަ އާ ޓެކްސްތައް ތައާރަފްކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނެގުމަށްޓަކައި އެކަމާ ގުޅޭ ބިލް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

ކުރިއަށް އޮތީ ހެއްވާލާނެ އަހަރެއް!

ރިޔާސީ އިންތިހާބުގެ އަހަރަކީ އާދަޔާ ހިލާފަށް ފައިސާ ގިނައިން ދައުރުވާނެ އަހަރެކެވެ. ސަބަބަކީ އިންތިހާބާ ދިމާކޮށް ސަރުކާރުން ނެރޭ މަޝްރޫއުތައް ގިނަވުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ހަލަބޮލި ސިޔާސީ މައިދާނެއްގެ ތެރެއިންނެވެ. މިފަދަ ބޮޑު އިންތިހާބެއް ނިމިގެން އަންނަ އަހަރަކީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިގްތިސޯދީ ދުވެލި މަޑުޖެހިގެން އަންނާނެ އަހަރެކެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓްގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 3.1 ޕަސެންޓަށް ދަށްވެފަ އެވެ. މިފަދައިން މަޑުޖެހިފައި އޮތް ކަމަށްވީ ނަމަވެސް ނަންބަރުތަކަށް ބަލާނަމަ ކުރިއަށް އޮތީ އިގްތިސޯދު ތިޔާގިވެ ނޫ އިގްތިސޯދުގައި ކުލަ ޖެހިގެންދާނެ އަހަރުތަކެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ.

މުޅިން އަލަށް ފަށާ މަޝްރޫއުތަކަށް ބަލާ ކަމަށްވާނަމަ މި ސަރުކާރުން މިހާރު ވަނީ ކުންފުނިތަކަށް 100 އަށް ވުރެ ގިނަ މަޝްރޫއުތައް ހަވާލުކޮށްފަ އެވެ. މި މަޝްރުއޫތަކުގެ އަގު ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ވާނެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެކުރން ވިދާޅުވި ގޮތުގައި މި ހުރިހާ މަޝްރޫއުތައް ފެށިގެން ދިއުމުން އިގްތިސޯދު ކުރިއަރައިގެން ދާތަން ރައްޔިތުންނަށް ފެންނާނެ އެވެ. އަދި ވިޔަފާރިތައް ވެސް ކުރިއަރައިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަލަށް ހަވާލުކުރި މަޝްރޫއުތަކަކީ ރައްޔިތުންނާ ސީދާ ގޮތުން ގުޅިފައިވާ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކަކީ ފެނާއި ނަރުދަމާއާ ތައުލީމީ ދާއިރާގެ މަސައްކަތްތަކާއި ހައުސިން މަޝްރޫއުތަކާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން މަގު ހެދުމުގެ މަސައްކަތްތަކެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އަންނަ އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ފެށޭނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި މި މަޝްރޫއުތަކުގެ ނަފާ ސީދާ ގޮތުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ބެލެވެ އެވެ. އެހެންކަމުން މި ކަންކަމާ އެކުގައި މިއަހަރު ހީނަރުކަމެއް އައިސްފައިވާ ނޫ އިގްތިސޯދުގެ ސިޔާސަތަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޔަގީންކުރެވެ އެވެ.
އިގްތިސާދު
ހިޔާލު

މިސްޓާ އަކުން ބަކުން

އިގްތިސޯދު ރަނގަޅުވާނީ ޔާމީނު ގެނައިމަ ކަމަށް ހީކުރާ މީހުންނަށް ބުނެލަން އޮތީ ޔާމީނު ކުރީ ވައްކަމޭ އިގްތިސޯދު ރަނގަޅު ކުރުމުގެ ބަދަލުގައި. މި ސަރުކާރުން ނޫނީ ރައްޔިތުންގެ ޖީބުތައް ތަނަވަސް ކޮށްދޭނެ ސަރުކާރެއް ނާންނާނެ. މަޝްރޫއުތައް ވެސް ހިންގާނެ. ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ ފާގަތި އަހަރުތަކެއް. ބަލަން ތިބޭ ރައްޔިތުން އަތްޖަހަން ތިބޭ

ސޯލިހު

ވާ ވާ! ވަރަށް ފުރިހަމަ ރިޕޯޓެއް. އަހަރެމެންގެ ރައީސްގެ މި ސަރުކާރަށް ފާޑު ކިޔާފައި އަދި އެހާމެ ރީތި ބަސްތަކުން އަމުނާ ގަތާލާފައިވާ ރަން ހާރެއް ރައީސްގެ ކަރުގައި އަޅުވާފައި. ތިޔައީ ނޫސްވެރިންނަކީ. ރައީސް ސޯލިހަކީ ހިކުމަތްތެރި ރައީސެއް. "ނޫ އިގްތިސޯދަށް ހީނަރު އަހަރެއް، ކުރިއަށް އޮތީ ކުރިއެރުން"