Uhthama fandiyaaruge 15 sulookee massalaeh JSC in belikan haamavejje
image
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ -- ފޮޓޯ: އަވަސް
2 ކޮމެންޓް
 

އުއްތަމަ ފަނޑިޔާރުގެ 15 ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލިކަން ހާމަވެއްޖެ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ 15 މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލާފައިވާ ކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ ޖޭއެސްސީން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 348 ސޮފްހާގެ ތަހުގީގު ރިޕޯޓްގަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބެލުމަށްފަހު މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާއި، ނެރުނު އަމުރުތަކާއި، ބައެއް ބޭފުޅުންނަށް އެޅުއްވި ފިޔަވަޅުތަކާއި، ބައެއް އިދާރާތަކަށް ލިބިފައިވާ ބާރުތައް ނެގި މައްސަލަތަކާއި، ބައެއް ގާޒީންނާއި ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި މައްސަލަތައް ހިމެނެ އވެ.

ޖޭއެސްސީން ބަލާފައިވާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް:
1) ޖުޑީޝަލް ކައުންސިލް އުވާލުމަށްފަހު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލަފުޅަށް ހަވާލުވެވަޑައިގެން ޖުޑީޝަލް ކައުންސިލްގެ ނަމުގައި މުޅިން އެހެން ކައުންސިލެއް އުފެއްދުން
2) އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ މަސައްކަތްތައް ގާނޫނުތަކުގައި ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެކަންކަން ބަދަލުކޮށް އެމަސައްކަތްތަކާ އަމިއްލައަށް ހަވާލުވުން
3) ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އަށް ލިބިފައިވާ ގާނޫނީ ބާރުތަކެއް ސުޕްރީމް ކޯޓުން އަމިއްލައަށް ހަނިކޮށް މަޖިލީހާއި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުން
4) ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ވަަޒަންކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވުން
5) އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ސުޕްރީމް ކޯޓުގެ އޭރުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރުން
6) ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކުރުން
7) ދަށު ކޯޓުތަކުގެ ގާޒީންނަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ ބާރުތައް ސުޕްރީމް ކޯޓުން ހަނިކޮށް ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ގަވާއިދެއް ހެދުން
8) އިސްތިއުނާފް ކުރުމުގެ މުއްދަތު ގާނޫނުތަކުގައި ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެކަމަށް ބަދަލު ގެނައުން
9) ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލައި އުސޫލެއް ތައާރަފްކޮށް ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މައްސަލައެއް ބަލައި ކޮމިޝަންގެ ގާނޫނީ ބާރު ކެނޑޭގޮތަށް ގައިޑްލައިނެއް އެކުލަވާލުން
10) އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނިންމައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުން
11) ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެމައްސަލައިގެ އިލްތިމާސް ސުޕްރީމް ކޯޓަށް ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުކުރުން
12) ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް މެންބަރުންގެ، މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލޭ ގޮތަށް އަމަލުކުރުން
13) ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއްތަކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ކަނޑައެޅުން
14) ސުޕްރީމް ކޯޓުގެ ސާކިއުލާތަކަކާއި އާންމު ސިޓީތަކެއް މެދުވެރިކޮށްގެން ކޯޓުތަކުގެ އިދާރީ ހިންގުމާއި، ފަނޑިޔާރުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ރައްޔިތުން ތަބާވުން ލާޒިމްވާ ގޮތަށް އަދި ގާނޫނެއް ސިފަވާ ގޮތަށް ލިޔުންތަކެއް އުފެއްދުން
15) ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކަމަށް ކަނޑައެޅުން

ޖޭއެސްސީން މިހާރު ވަނީ ޑރ. އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން 60 ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހިންގުން ވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކުރަން ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ޖޭއެސްސީގެ ނިންމުންތައް ބަލައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ.
ހިޔާލު

ސސ

ކެނެރީގެ ނަޝީދުގެ މައްސަލަ ރިވިއު ކުރި މައްސަލަ ފާހަގަ ކޮށްފައި ނެއްތޯ؟ އެކަން ރަގަޅު ވީތޯ ؟

ނާޅި

ސުޕްރިމް ކޯޓް އުފެދުނު އިރު ތިބި ހުރިހާ ފަޑިޔާރުންވެސް ތިހުރިހާ ކަމެއްގައި ބައިވެރިވޭ ހަމަ އެކަނީ މިހާރުގެ އުއްތަމަ ފަޑިޔާރެއްނުން ތިހުރިހާ ކަމެއްކުރީ ކުރީގެ ދެ އުއްތަމަ ފަޑިޔާރުވެސް ބައިވެރި ވާކަންކަން ހަމަ ޔަޤީން !