އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުޅުވި މިހާތަނަށް 250 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިމައުލޫމާތު ހާމަކުރައްވާފައިވަނީ ޔޫއެންޑީޕީ އިން އިންތިޒާމްކޮށްގެން ބާއްވާ ނެޝަނަލް ޑައިލޮގްގެ ތިންވަނަ ބައްދަލުވުން ފަށްޓަވައި ދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް 1.5 ބިލިއަން ރުފިޔާގެ ލޯން ހޯދުމަށް އެކި ފަރާތްތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 250 މިލިއަން ރުފިޔާގެ ލޯން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެެވެ. އެގޮތުން އެސްޑީއެފްސީ ހުޅުވީ ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެސްޑީއެފްސީގެ ލޯނަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އެޗްޑީއެފްސީން މިވަގުތު ލޯން ދޫކުރަނީ މައިގަނޑު ހަތަރު ދާއިރާ އަކުންނެވެ. އެއީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ދޫކުރާ "ވިޔަފާރި އެހީ ލޯން ސްކީމް"އާއި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް އަމާޒުކޮށްގެން ދޫކުރާ "ހަރު މުދާ ލޯން ސްކީމް"ގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ދޫކުރާ "ދަނޑުވެރި ނަފާ"ގެ ލޯން ސްކީމެވެ.
ސަރުކާރުގެ އަމާޒަކީ އެސްޑީއެފްސީ އަށް ކެޕިޓަލް ހަރަދު ހަމަޖައްސައިދިނުމަށްފަހު ލޯން ދޫކުރެވޭނެ ފަންޑެއް އެ ކުންފުނީގައި ގާއިމުކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރު 400 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ގޮތުގައި އެސްޑީއެފްސީއަށް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތަށް ތިން އަހަރު ވަންދެން ކެޕިޓަލް ހަރަދު ހަމަޖައްސައިދޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެކުންފުނީގައި ލޯން ދޫކުރެވޭނެ ފަންޑެއް ގާއިމުކޮށް ލޯން ދޫކުރެވޭނެ ގާބިލްކަން އިތުރުކުރުން ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.