Yamin ge shareeaiy maadhamaa mendhuru fahu 1:30 gai
image
ކުރީގެ ރައީސް މައުމޫން އަބްދުﷲ ޔާމީން -- ފޮޓޯ: ވަންއޮންލައިން
0 ކޮމެންޓް
 

ޔާމީންގެ ޝަރީއަތް މާދަމާ މެންދުރުފަހު 1:30ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ގާޒީ ބަދަލުވުމާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައެވެ.

މިމައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެވެ. އޭނާ ސަސްޕެންޑް ކުރީ ރައީސް ޔާމީނަށް ހުކުމްކުރުމަށް މިމަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ތާވަލްކޮށް، ހުކުމް އިއްވުމުގެ ވަގުތު ގާތްވެފައިވަނިކޮށެވެ.

ރައީސް ޔާމީންގެ މިމައްސަލައިގެ އަޑުއެހުން މާދަމާ ބާއްވާއިރު މިމައްސަލަ ބެލުމަށް މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފާފަ އެވެ. އެގޮތުން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި، ގާޒީ އަހުމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރާއި، ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.

ރައީސް ޔާމީންގެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް މާދަމާއަށް ތާވަލްކޮށްފައިވީ ނަމަވެސް މިމައްސަލަ އަލުން ކުރިއަށް ގެންދާނެ ގޮތެއް ބެންޗުން އަދި ނިންމާފައެއް ނުވެ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ރައީސް ޔާމީނަށް ހުކުމްކުރުމަށް މިމަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ތާވަލްކޮށް، ހުކުމް އިއްވުމުގެ ވަގުތު ގާތްވެފައިވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމުލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

މިމައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ. އަދި ހެކިބަސް ދެމުން، ރައީސް ޔާމީން އަންގަވައިގެން ޤާނޫނާއި ޚިލާފު ކަންކަން ކޮށްފައިވާ ކަމަށާއި، ރައީސް ޔާމީންގެ އެކައުންޓަން ޖަމާކުރި ފައިސާ އަކީ އެމަނިކުފާނު ވިދާޅުވެގެން ޖަމާކޮށްފައިވާ ފައިސާ ކަމަށް އެ ދެމީހުންވެސް ހެކިބަސް ދީފައިވެ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހިޔާލު