Afrasheem avahaara kohli Jamaa aiy hinganee Mazeed aai Saamith: Report
image
ޑރ. އަފްރާޝީމް އަލީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އަފްރާޝީމް އަވަހާރަކޮށްލި ޖަމާއަތް ހިންގަނީ މަޒީދާއި ސާމިތު: ރިޕޯޓް

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވި ޖިހާދީ ފިކުރުގެ ޖަމާއަތް، ހިންގަނީ މާލެ ދަފްތަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ، ސާމިތު މުހައްމަދު ކަމަށް މަރުގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
މިރިޕޯޓުގެ ހުލާސާއެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކޮށްފައިވަނީ ރާއްޖޭގައި ހިންގަމުން އަންނަ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހ. ހިލްޓަން އަޒްލިފް ރައުފެވެ. މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުގައި އަފްރާޝީމަށް ހަމަލާ ދިނީ ހުސައިން ހުމާމާއި ދައުވާ ލިބި ކުށް ސާބިތު ނުވި އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެކެވެ.

އެކަމަކު މިރިޕޯޓުގައި ވަނީ މީގެއިތުރުން ވެސް ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން މިވަގުތު ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާތީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ކޮމިޝަނުން ފާހަގަކުރާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ ޖިހާދީ ޖަމާއަތްތައް ރާއްޖޭގައި ހިނގަމުން އަންނަ ގޮތް ކޮމިޝަނުގެ ރިޕޯޓުގައި ވަރަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށާއި އެގޮތުން ސަލްޓަން ޕާކު ކައިރީ ބޮން ގޮއްވީ އެމީހުން ކަމަށް ރިޕޯޓުގައިވާ ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތް އޮންނަނީ ކުދި ސެލްތަކަކަށް ބަހާލާފައި ކަމަށާއި އެގޮތުން ސެލްތަކަށް އޮންނަނީ އޭ، ބީ، ސީ، އަދި ޑީ، ފަދަ އަކުރުތަކެއް ދީފައި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެއް ސެލްގައި އުޅޭ މީހުންނަށް އަނެއް ސެލްގައި އުޅޭ މީހުން ނޭނގޭނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮންމެ ސެލްއަކަށް ވަނީ އަމީރެއް ކަނޑައަޅާފައި. އެ ސެލްއަކަށް ރެކްރޫޓްކުރާނީ އެ ސެލްއެއްގެ އަމީރު. ޖަރީމާތަކުގެ މިޝަންތައް ސެލްއަކާ ހަވާލުކުރާއިރު އެ ސެލްގައި ހިމެނޭ އެންމެން ނުގެންދާނެ. ގެންދާނީ އެ ސެލްގެ އަމީރު ނުވަތަ ދެތިން މެމްބަރުން،" ރިޕޯޓުގައި ފާހަގަކޮށްފައިވާ ސިއްރު ހެއްކެއްގެ ބަޔާން އިއްވަމުން ނަޝީދު ވިދާޅުވި އެވެ.

މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ވެސް ތުހުމަތު ކުރެވޭ ޖަމާއަތުގެ މީހުންނެވެ. މަޒީދު ވަނީ ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާއަށް ފަހު ޕާކިސްތާނަށް ގޮސްފަ އެވެ. އަދި އޭނާ އެގައުމަށް ގޮސް އަލްގައިދާ މީހަކާ ބައްދަލުކޮށް ރާއްޖޭގައި އެ ޖަމާއަތުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމަވާލެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ތަނުން އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅި ތެރެއިންނެވެ.

އެމައްސަލައާ ގުޅިގެން މިހާތަނަށް ހުމާމުގެ މައްޗަށް އެކަނި ކުށް ސާބިތުވިއިރު އޭނާ މަރަން ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސްޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
ހިޔާލު