Insaafu qaaimukoh hiyaanathah noonekey bunumgai raaes Solih akee namoonaa eh
image
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން
4 ކޮމެންޓް
 

އިންސާފު ގާއިމުކޮށް ހިޔާނާތަށް ނޫނެކޭ ބުނީތީ އޭ ރިޕޯޓެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާކުރެއްވީ އަދުލު އިންސާފުގެ ހުޅުކޮޅު ނިވި ރައްޔިތުން މުޅިން މާޔޫސްވެފައި ތިއްބަ އެވެ. ރައީސް ސޯލިހަށް އެކަން އިހްސާސްވެވަޑައިގަންނަވާތީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވީ އަދުލު އިންސާފު ގާއިމުކޮށްދިނުމަށެވެ. ރައްޔިތުން ތަފާތު ނުކުރެއްވުމަށެވެ. އިންސާފު އެންމެންނަށް ވެސް ހޯދައިދެއްވުމަށެށެވެ. ދައުލަތުން ގެއްލުވާލާފައިވާ ފައިސާތައް ހޯދުމަށެވެ. ހައްގުތަކުން މަހްރޫމްކޮށްފައި ތިބި މީހުންނަށް ހައްގުތައް ކަށަވަރުކޮށްދެއްވުމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރެއްވުމަށެވެ. އިގްސޯދީ ތަފާތުކުރުންތައް ނައްތާލުމަށެވެ. އަދުލު އިންސާފާ ގުޅިފައިވާ ލިސްޓް އެހާ ވެސް ދިގެވެ. މައްސަލައިގެ ސީރިއަސް ކަން ބޮޑު ކަމުންނެވެ. ރައީސް ސޯލިހްގެ އެއް އަހަރުގެ ވެރިކަމުގެ ތެރޭގައި މިދާއިރާއިން ގިނަ ކަންތައްތަކެއް ފެށުން އުއްމީދީ ގޮތަކަށް ފައްޓަވާފައިވެ އެވެ.
އަނިޔާވެރި ގޮތްގޮތަށް މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދޭން ކުރެއްވި މަސައްކަތް:
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި އަނިޔާވެރި ގޮތަކަށް އެތައް ބަޔަކު މަރާލާފައިވާތީ އެތައް އާއިލާއެއް ކަރުނައިގެ ތެރޭގައި ވަނިކޮށެވެ. އެހެންކަމުން ރިޔާސީ ކެމްޕޭންގެ ވައުދުވެ ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ މަރުތަކުގެ ހަގީގަތް ހޯދުމަށެވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އެކޮމިޝަނުން ބެލި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަަލައާއި ޑރ. އަފްރާޝީމް އަލީ އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު އަނިޔާވެރިކޮށް އަވަހާރަކޮށްލި މައްސަލަ ފާހަގަކުރެވެ އެވެ.

ރައީސް ސޯލިހްގެ ވެރިކަަމަށް އެއް އަހަރުވީ އިރު ކޮމިޝަނުން ބަލަމުން ދިޔަ ބޮޑެތި މައްސަލަތަކުގެ ހޯދުންތައް ރިޕޯޓެއްގެ ސިފައިގައި އެކުލަވާލުމަށްފަހު އެ މައުލޫމާތު ވަނީ ރައީސްއާ ހިއްސާކުރެވިފަ އެވެ. އެހެންކަމުން އަނިޔާވެރި ގޮތްގޮތަށް މަރާލި މީހުންގެ އާއިލާތަކަށާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާ އަށް ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި މިވަނީ އިންސާފު ހޯދައިދޭނެ ކަމުގެ ވަރުގަދަ ޔަގީންކަމެއް ދީފަ އެވެ.


ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންނަށް އަނބުރާ ވަޒީފާ ދިނުން:
ނިމިދިޔަ ސަރުކާރާ ސިޔާސީ ގޮތުން ވިސްނުން ތަފާތު އެތައް ބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކިކޮށްފައިވާތީ އެފަދަ މީހުންނަށް އަނބުރާ ވަޒީފާ ހޯދައިދިނުމަކީ މިސަރުކާރުގެ ވަރަށް މުހިއްމު ވައުދެކެވެ. ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންގެ މައްސަލަތައް ބަލައި ދިރާސާކުރުމަށް ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާއްސަ ކޮމިޓީއެއް އުފައްދަވާފަ އެވެ. ކޮމިޓީން އެ މަސައްކަތް ކުރަމުން ގެންދާއިރު ވަޒީފާގެ ބައެއް މައްސަލަތައް ކޯޓުތަކުން ވެސް ދަނީ ނިންމަމުންނެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުން ނުހައްގުން ވަކިކުރި ބައެއް މީހުންނަށް ވަޒީފާ ދިނުމަށް ކޯޓުތަކުން ހުކުމް ކުރުމާ ގުޅިގެން އެފަދަ ބައެއް މީހުންނަށް ސަރުކާރުން ވަޒީފާ ދީފައިވެ އެވެ. އަދި ބައެއް މީހުންނަށް ފައިސާއިން ވެސް ބަދަލު ދީފައިވެ އެވެ. އެހެންކަމުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް މިސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ރަނގަޅު ނިޔަތެއް އޮތް ކަން ފާހަގަކުރަންޖެހެ އެވެ. އާންމުން ބޭނުންވާ ގޮތަށް ހަލުވިކޮށް މިކަން ކުރުމުގައި ސަރުކާރަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަންޖެހެ އެވެ. އެގޮތުން ދައުލަތުގެ ފުދުއްތެރިކަން ނެތުން މިވަނީ މިވައުދު ފުއްދަށް ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް ވެފަ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެ ދާއިރާއާ ގުޅޭގޮތުން ކުރެވުނު މަސައްކަތްތައް:
ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މިސަރުކާރުން ވަނީ ރިފޯމް އެޖެންޑާގައި ހިމެނޭ ގިނަ ބިލްތަކެއް އެކުލަވާލާފަ އެވެ. މީގެތެރޭގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ބައެއް މުހިއްމު ބިލްތައް ވެސް ހިމެނެ އެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ވަނީ ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށް ޖޭއެސްސީގެ ދަށަށް ޝަރުއީ ދާއިރާގެ އިދާރީ ބައި، ޑީޖޭއޭ ބަދަލުކޮށްފަ އެވެ. މިބަދަލަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ބައެއް ފަނޑިޔާރުން ނުރުހޭ ބަދަލަކަށްވީ ނަމަވެސް ސަރުކާރުން ވަނީ މަޖިލީހުގެ ތެރެއިން އެ ބަދަލު ގެނެސްފަ އެވެ. ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ މައްސަލަ ބެލުން އަވަސްކޮށް، ފަނޑިޔާރުންނާ މެދު އިންސާފުވެރިކޮށް ފިޔަވަޅު އެޅޭނެކަން ކަށަވަރުކޮށްދީފަ އެވެ.

މަދަނީ އިޖުރައާތުގެ ގާނޫނެއް މިހާރު ވަނީ ޑްރާފްޓް ކުރެވިފަ އެވެ. ދިވެހި ގާނޫނީ ފަންނުގެ ގާނޫނެއް އެކުލަވާލައި، ވަކީލުންގެ މަސައްކަްތައް ރެގިއުލޭޓް ކުރުމަށް ވަނީ ބާ ކައުންސިލެއް އުފައްދާފަ އެވެ. ޑީޖޭއޭ ހިންގުމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ޖިނާއީ މައްސަލަތަކުގައި ޕީޖީ އަމަލުކުރަން ޖެހޭ އުސޫލު މިސަރުކާރުން ވަނީ އިސްލާހުކޮށް، އާ އުސޫލަށް އަމަލުކުރަން ޕީޖީއަށް އަންގާފަ އެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނަށް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓަށް ވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރައްވާ މިދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް އިސްކަން ދީފަ އެވެ.

ނިމިދިޔަ ސަރުކާރުން ކަސްތޮޅު އަޅުވާފައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވުމާ ހަމައަށް ގާތްގަނޑަކަށް ރާއްޖޭގައި ސިޔާސީގޮތުން ނުފޫޒުގަދަ ބޭފުޅެއް ހުރި ނަމަ އެ ބޭފުޅަކު ހުންނެވީ ހުކުމެއް ޖެހުމަށްފަހު ޖަލުގައި ހައްޔަރުކޮށްފަ އެވެ. ނޫނީ ބައެއް ބޭފުޅުން ތިއްބެވީ އަމިއްލަފުޅަށް ގައުމުން ބޭރަށް އަރުވާލެވިގެންނެވެ. ރާއްޖޭގެ ހާލަތު އޮތީ އެހާވެސް އަނިޔާވެރި ހާލަތެއްގަ އެވެ. އެހެންކަމުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ކަސްތޮޅުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް މިނިވަންކަން ހޯއްދަވައިދެއްވުމެވެ. އެމަސައްކަތް އެމަނިކުފާނު ހާސިލްކުރެއްވި އެވެ. ރާއްޖޭގައި އޮތް އަނިޔާވެރިކަމުގެ ސަގާފަތް ވެރިކަމުގެ ފުރަތަމަ އެއް އަހަރުގެ ތެރޭގައި ނައްތާލެއްވި އެވެ.

ސިޔާސީ ބައެއް ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެއްދެވުމަށް ނިމިދިޔަ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައި އިސްލާހުތައް އަލުން ކުރީގެ ގޮތަށް ބަދަލުކޮށް ހުރިހާ ބޭފުޅުންނަށްވެސް އިންތިހާބުތަކުގައި ވާދަކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދެއްވާފަ އެވެ.

ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ހޯދުމާއި ހިޔާނާތުގެ އަމަލުތައް ހުއްޓުވުމަށް އެޅުއްވި ފިޔަވަޅުތައް:
ދައުލަތުން ގެއްލުވާލާފައިވާ ފައިސާތައް ހޯދުމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާ، ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުތައް އަލުން މުރާޖައާކޮށް އެމްއެމްޕީއާރްސީގެ ތެރެއިން ބަޔަކު ލޫޓްވާލި ފައިސާ ހޯދުމަށް ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންމެ ބޮޑަށް ތުހުމަތުކުރެވޭ ދެ ބޭފުޅުންނަކީ ރައީސް ޔާމީނާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށްވާއިރު މި ދެ ބޭފުޅުންގެ މައްޗަށް ވަނީ މިކަމާ ގުޅޭ ދައުވާތަކެއް އުފުލިފަ އެވެ.

ހިޔާނާތުގެ އަމަލުތަކަށް ވަރުގަދައަށް ފިޔަވަޅު އަޅުއްވާނެ ކަން ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ އަމަލުން ދައްކުވައިދެއްވާފަ އެވެ. އެގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނު އެތައް ދުވަހަކަށް ގޭގައި ބެހެއްޓެވި އެވެ. ފެން ކުންފުނީގެ ޗެއާމަނަކަށް ހުންނެވި މައުސޫމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މި ދެ ބޭފުޅުން ވެސް އެތައް ދުވަހަކު ގޭގައި ބެހެއްޓެވި އެވެ. ހިޔާނާތުގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް އެމަސައްކަތް ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފައްޓަވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ހުރިހާ ވަޒީރުންގެ މާލީ ހިސާބުތައް މިސަރުކާރުން ގެންދަވަނީ އާންމުކުރައްވަމުންނެވެ. މިއީ ވެސް ހިޔާނާތެއް ހިންގައިގެން ނުހައްގު މުއްސަނދި ކަމެއް ހޯދާފާނެތީވެ ރައީސް ސޯލިހްގެ ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ.

ޖުމްލަކޮށް ދަންނަވާނަމަ ރައީސް ސޯލިހް ވެރިކަމުގެ އެއް އަހަރަކީ ގައުމަށް ހަމަޖެހުން ގެނުވި އެއް އަހަރެވެ. އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. ހައްގުތަކުން މަހްރޫމް ކޮށްފައި ތިބި އެތައް ބަޔަކަށް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ އަހަރގެ ތެރޭގައި ވަނީ ހައްގުތައް ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން ރައީސް ސޯލިހް ވެރިކަމުގެ ބާކީ ހަތަރު ވެސް ފެންނަނީ އަދުލު އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ހަތަރުގެ ގޮތުގަ އެވެ. އިންސާފު ގާއިމުކޮށް ހިޔާނާތަށް ނޫނެކޭ ބުނީތީ ރައީސް ސޯލިހަށް އޭ ރިޕޯޓެއް ހައްގެވެ.
ހިޔާލު

ޜަސްގެފާނު

ކަލޭމެން ކުރަންވީ ނޫސްވެރިކަމެއްނޫން، ސަރުކާރު ގެޒެޓް ލިޔަން ތިބެންވީ

ފައިރޫޝް

މަށަކީ ކަންކަން ހުރިގޮތުން ހުޅުމާލޭގަ ދިރިއުޅޭ ވިލިގިލިމީހަކީމު... އެދުމުންވެސް މަގޭ ދަރި ހުޅުމާލެއަކަށް ބަދަލެއްނުކޮއްދިން... ސަރުކާރުގެ ސިޔާސަތޯ.. ކިހާ އިންސާފުވެރި ދެއްތޯ

މުދިންބެ

ކީއްވެ ކޮމެންޓް ޖަހަން ނުކެރެނީ. ލަދުންތޯ؟ ފޮނުވި ކޮމެންޓްގައި ނީންނާނެ ނުބައިވާހަޔެއް.

މުދިންބެ

ކިހާވަރެއް މިނޫހަށް ޚަރަކުރޭތަ. މިހެންބުނަން މިޖެހުނީ ރައްޔިތުން ހަނާވަމުންދާއިރުވެސް ސަރުކާރަށް އޭރިޕޯޓް ދެވޭތީ! ކީއްވެ ނުލިޔުނީ ސިއްޙީ ހާލަތު. ސަރުކާރު މައި ހޮސްޕިޓަލްގަ މަރުވަމުންދާ ކުދިން ނުފެނޭތަ؟